ކ. މާލެ
|
17 ޖުލައި 2021 | ހޮނިހިރު 07:19
ކޮވިޑް-19ން ރައްކާތެރިވުމަށް ފިޔަވަޅުތައް ވަރުގަދަކުރުމުން ޕެރިސްގައި އެކަމާ ދެކޮޅަށް މުޒާހަރާކުރަނީ
ކޮވިޑް-19ން ރައްކާތެރިވުމަށް ފިޔަވަޅުތައް ވަރުގަދަކުރުމުން ޕެރިސްގައި އެކަމާ ދެކޮޅަށް މުޒާހަރާކުރަނީ
ރޮއިޓަރސް
ކޮވިޑް-19 ފްރާންސްގެ ހާލަތު
ފްރާންސްގައި އަނެއްކާވެސް ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 10،000ން މައްޗަށް ޖެހިލައިފި
އެންމެފަހުން ދުވާލެއްގެ މައްޗަށް 10،000ން މަތިން ކޭސްތައް ރިޕޯޓްކޮށްފައިވަނީ މެއި މަހުގެ ފަހުކޮޅު
އޭޕްރީލް މަހުގެ މެދުތެރޭގައި ދުވާލެއްގެ މައްޗަށް 42،000 މީހުންނަށްވެސް ކޮވިޑް ޖެހިފައިވޭ
ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ކޭސްތަކުގެ އަދަދު އަންނަނީ މަތިވަމުން

ފްރާންސްގައި ހަލުވިކަމާއެކު ޑެލްޓާ ވޭރިއަންޓް ފެތުރެމުން އަންނައިރު ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭހުގެ އަދަދު 10،000ން މައްޗަށް ޖެހިލައިފިއެވެ.

ފްރާންސްގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ ހުކުރު ދުވަހު ކޮވިޑް ޖެހިފައިވަނީ 10،908 މީހުންނަށް ކަމަށެވެ. މިއާއެކު އެގައުމުގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 5.84 މިލިއަނަށް އަރާފައެވެ. އެންމެފަހުން ދުވާލެއްގެ މައްޗަށް 10،000ން މަތިން ކޭސްތައް ރިޕޯޓްކޮށްފައިވަނީ މެއި މަހުގެ ފަހުކޮޅުއެވެ.

ފާއިތުވި ހަތް ދުވަހަށް ބަލާލާއިރު ދުވާލެއްގެ މައްޗަށް ފެންނަ ކޭސް ހުރީ އެވްރެޖްގޮތެއްގައި ފަސްހާހުގައި ހިފެހެއްޓިފައެވެ. ނަމަވެސް ބުދަ ދުވަހު ވަނީ 5795 މީހުންނަށް ކޮވިޑް ޖެހިފައެވެ.

ފްރާންސްގައި ދުވާލެއްގެ މައްޗަށް ފެނިފައިވާ ކޮވިޑްގެ ކޭސްތަކަށް ބަލާލާއިރު އޭޕްރީލް މަހުގެ މެދުތެރޭގައި ދުވާލެއްގެ މައްޗަށް 42،000 މީހުންނަށްވެސް ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. އަދި ޖޫން މަހުގެ ފަހުކޮޅު އެއަދަދު 2000ން ދަށްވެސް ވެފައިވެއެވެ.

ނަމަވެސް ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ފްރާންސްގައި އަންނަނީ ކޭސްތައް ފެންނަ މިންވަރު މަތިވަމުންނެވެ. އެގޮތުން ކޮންމެ ހަފުތާއަކުން ކޭސްތައް ފެންނަ މިންވަރު މަތިވަމުން އައިއިރު މިދިޔަ ހަފުތާގައި ކޭސްތައް ފެންނަ މިންވަރު ވަނީ 50 އިންސައްތަ މަތިވެފައެވެ. ބުދަ ދުވަހު 100 އިންސައްތަ މަތިވިއިރު ހުކުރު ދުވަހު ހުރީ 140 އިންސައްތައިގައެވެ.

ކޭސްތައް ފެންނަ މިންވަރު މަތިވަމުން އައިނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭމީހުންގެ އަދަދު ވަނީ ދަށަށްދާން ފަށާފައެވެ. އެގޮތުން ފާއިތުވި އަހަރުގެ އޮކްޓޯބަރ މަހުގެ ފަހުން ހޮސްޕިޓަލްގައި އެޑްމިޓްކުރި މީހުންގެ އަދަދު ވަނީ ފުރަތަމަ ފަހަރަށް 7000ން ދަށްވެފައެވެ. އަދި އައިސީޔޫގައި ފަރުވާ ދޭ މީހުންގެ އަދަދުވެސް ވަނީ 900ން ދަށަށްގޮސްފައެވެ.

ފްރާންސްގައި މިހާތަނަށް އައިއިރު ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 111،451ށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް