ޕާކިންގއާ ގުޅިގެން ޖޫރިމަނާކުރަން ވާނީ އެކަށީގެންވާ ވަރަށް ޕާކު ކުރުމުގެ ޖާގަ ފަހިކޮށްދިނުމަށް ފަހު ކަމަށް މާލޭގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު އުޅަނދު ޕާކުކުރި މީހާގެ ލައިސަންސުން ފަސް ކްރެޑިޓް ޕޮއިންޓް އުނިކުރާ ގޮތަށް ހަމަޖައްސައި 100 ޕޮއިންޓްގެ ކްރެޑިޓް ހުސްވުމުން ލައިސަންސް ބާތިލުވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އައު ގަވާއިދު ޖުލައި 16 ވަނަ ދުވަހު ވަނީ ގެޒެޓްކޮށްފައެވެ.
މި ގަވާއިދަށް ޖުލައި މަހުގެ 17 ވަނަ ދުވަހު އަމަލުކުރަން ފަށާއިރު އެކަމާ ގުޅިގެން މާލޭގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޖޫރިމަނާކުރަން ވާނީ ޕާކު ކުރާނެ ޖާގަ އެކަށީގެންވާ ވަރަށް ހޯދައިދިނުމަށް ފަހު ކަމަށެވެ. އަދި މާލޭގައި ޕާކިންއަށް ފަށާފައިވާ މަސައްކަތުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެއްކޮށް ނަތީޖާ ނެރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރަށް ވެހިކަލް އެތެރެ ކުރެވޭވަރު ކޮންޓްރޯލްކުރުމަށްޓަކާ ބޭނުންވާ މައުލޫމާތު ފޮނުވައިދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީގައި އެދިފައިވާނެ ކަން ވެސް މޭޔަރ ފާހަގަކުރެއްވިއެވެ. މުއިއްޒު ވިދާޅުވީ އެ މައުލޫމާތު ލިބުނުހާ އަވަހަކަށް މާލެ ސިޓީއަށް ވެހިކަލް އެތެރެ ކުރެވޭ ވަރާއި ވެހިކަލްތަކުގެ އުމުރު ވެސް ކަނޑައަޅާނެ ކަމަށެވެ.
ގަވާއިދުގައި ބުނާ ގޮތުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ އުޅަނދު ދުއްވި މީހާގެ ލައިސަންސުން 75 ޕޮއިންޓް ކްރެޑިޓް އުނިވާނެއެވެ. ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުުމުގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ އުޅަނދު ދުއްވި މީހާގެ ލައިސަންސުން 50 އިންސައްތަ އުނިވާނެއެވެ.
ގެޒެޓްކޮށް އަމަލުކުރަން ފަށާފައިވާ ގަވާއިދުގައި ބުނާ ގޮތުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުުމުގެ ކުށް ދެ ފަހަރަށްވުރެ އިތުރުވެއްޖެނަމަ އިތުރަށް ތަކުރާރުވާ ކޮންމެ ފަހަރަކު އުޅަނދު ދުއްވި މީހާގެ ލައިސަންސުން 25 ޕޮއިންޓް އުނިވާނެއެވެ. އަދި އުޅަނދު ދުއްވި މީހާގެ އިހުމާލުން އެއް އަހަރު ދުވަހުގެ ތެރޭގައި ފަސް އެކްސިޑެންޓަށްވުރެ ގިނައިން އެކްސިޑެންޓް ހިނގާ ކޮންމެ ފަހަރަކު، އުޅަނދު ދުއްވި މީހާގެ ލައިސަންސުން 20 ޕޮއިންޓް އުނިވާނެ ކަމަށް ބުނެފައިވެއެވެ. ގާނޫނުގައި ނުވަަތަ ގަވާއިދުގައި ކަނޑައަޅާފައިވާ ދުވެލީގެ މިންގަނޑާ ޚިލާފުވުމުގެ އަމަލު ދެ ފަހަރަށްވުރެ އިތުރަށް ތަކުރާރުކޮށްފިނަމަ އެ މީހެއްގެ ލައިސަންސުން 15 ޕޮއިންޓް އަދި އެއްކޮޅަށް ދުވުމަށް ކަނޑައަޅާފައިވާ މަގެއްގައި އެއާ ޚިލާފަށް ދުއްވުން ނުވަތަ ޓްރެފިކް ބައްތިއާ ޚިލާފަށް ދުއްވުމުގެ ކުށް ދެ ފަހަރަށްވުރެ އިތުރަށް ތަކުރާރުކޮށްފިނަމަ ކޮންމެ ފަހަރަކު އެ މީހެއްގެ ލައިސަންސުން 10 ކްރެޑިޓް ޕޮއިންޓް އުނިވާނެއެވެ.
ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގައި ޕާކިން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު އުޅަނދު ޕާކުރުކުރި މީހާގެ ލައިސަންސުން ފަސް ޕޮއިންޓް އުނިވާނެ ކަމަށް ވަނީ ބުނެފައެވެ. މި ގޮތުން 20 ސްޓިކާ ހަމަވުމުން ލައިސަންސް ބާތިލުވާނެކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ. އަދި މިއިން ކޮންމެ ގޮތަކުން ލައިސަންސް ބާތިލުވީ ނަމަވެސް އަލުން ލައިސަންސް ހޯދަން ހުށަހެޅޭނީ 180 ދުވަސް ( ހަ މަސް ދުވަސް) ފަހުންނެވެ.
ނުރައްކާތެރިކޮށް ދުއްވާ ހާލަތްތަކުގައި ވެސް ލައިސަންސުން ޕޮއިންޓް އުނި ކުރެވޭ ގޮތަށް ގަވައިދަށް ބަދަލުގެނެސްފައިވާއިރު، ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވުމުގެ ކުށް ދެ ފަހަރު ތަކުރާރުކޮށްފި ނަމަ، 48 ގަޑިއިރަށް ލައިސަންސް ހިފެހެއްޓޭ ގޮތަށް ވެސް އެ ގަވާއިދުގައިވެއެވެ. އެކްސިޑެންޓްގެ މައްސަލަތަކުގައި ތަހުގީގުގެ ބޭނުމަށް ހަތް ދުވަހަށް ލައިސަންސް ހިފެހެއްޓޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެއެވެ.
ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވާ މީހުންނާއި އެ އުޅަނދެއްގެ ވެރިފަރާތް ވެސް ޖޫރިމަނާ ކުރެވޭނެ ކަމަށް އާ ގަވާއިދުގައިވެއެވެ. އަދި ލައިސަންސް ނެތި ދުއްވާ އުޅަނދުތައް ވެސް 15 ދުވަހަށް ހިފެހެއްޓޭނެ ކަމަށް އެ ގަވާއިދުގައިވެއެވެ. އަދި ބޭރު ގައުމުތަކުން ދޫކުރާ ލައިސަންސް ބޭނުން ކޮށްގެން ވެސް ވަގުުތީ ގޮތުން ރާއްޖޭގައި ދުއްވުމުގެ ހުއްދަ ލިބޭ ގޮތަށް ގަވާއިދުގައި ހިމަނާފައިވެއެވެ. އެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ ގައުމުތަކުން ދޫކުރާ ލައިސަންސެއް އޮވެއްޖެނަމަ، 90 ދުވަސް ވަންދެން ރާއްޖޭގައި އެފަދަ ލައިސަންސެއް ބޭނުންކޮށްގެން ދުއްވޭނެ ކަމަށް އެ ގަވާއިދުގައިވެއެވެ.