ކ. މާލެ
|
16 ޖުލައި 2021 | ހުކުރު 23:59
އައިޑެންޓިފިކޭޝަން ޕެރޭޑަށް އަޝްމަލީ ހާޒިރުކުރަނީ
އައިޑެންޓިފިކޭޝަން ޕެރޭޑަށް އަޝްމަލީ ހާޒިރުކުރަނީ
އޭއެފްޕީ
ލަންކާގައި ކުޑަކުއްޖަކު ރޭޕްކުރުން
އަޝްމަލީއާއެކު ގުޅުން ހިންގި ކަމަށް ކުޑަކުއްޖާ ކޯޓުގައި ބުނެފި
 
އިތުރު ތިން މީހަކުވެސް ހާޒިރުކޮށްފައިވާއިރު، އެކުއްޖާ ވަނީ އެއީވެސް އެކަމުގައި ހިމެނޭ ބައެއްކަން ކަށަވަރުކޮށްދީފައި
 
ކޯޓުން ވަނީ 25،000 ލަންކާ ރުފިޔާ ދެއްކުމަށް ފަހު ކަފާލާތުގެ ދަށުން އެމީހުން މިނިވަންކޮށްފައި
 
22 މީހުން ހައްޔަރުކުރީ ކުއްޖާގެ ބޭނުން ނަހަމަގޮތުގައި ހިފިކަމުގެ ތުހުމަތުގައި
 
ކުޑަކުއްޖާގެ މަންމައާއި، އޮޓޯ ދުއްވާ މީހަކާއި، ކާރު ދުއްވާ މީހެއްގެ އިތުރުން ގަހަނާ ވިއްކާ މީހަކާއި ފާދިރީއަކު ވަނީ ހައްޔަރުކޮށްފައި

ސްރީލަންކާގައި އުމުރުން 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ލައްވާ ހަށިވިއްކުވައި އެކުއްޖާގެ ބޭނުން ނަހަމުގޮތުގައި ހިފި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ މުހައްމަދު އަޝްމަލީއާއެކު ގުޅުން ހިންގިފައިވާ ކަމަށް އެކުއްޖާ ކޯޓުގައި ބުނެފިއެވެ. އަޝްމަލީއަކީ ކުރީގެ ސަރުކާރުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ.

ވެބްސައިޓެއް މެދުވެރިކޮށް އެކުއްޖާ އިޝްތިހާރުކޮށް ހަށިވިއްކުވާ، އެކުއްޖާގެ ބޭނުން ނަހަމުގޮތުގައި ހިފިކަމުގެ ތުހުމަތުގައިި 32 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ނެޓްވޯކް ހިންގި ކަމުގެ ތުހުމަތުގައި 10 މީހަކު ހައްޔަރުކޮށްފައިވެއެވެ. 22 މީހުން ހައްޔަރުކުރީ ކުއްޖާގެ ބޭނުން ނަހަމުގޮތުގައި ހިފިކަމުގެ ތުހުމަތުގައެވެ. އެމީހުންނަކީ އެކަމުގައި ޝާމިލްވާ މީހުންކަން ކަށަވަރުކުރުމަށްޓަކާ އައިޑެންޓިފިކޭޝަން ޕެރޭޑަކަށް ހާޒިރުކުރިއެވެ.

އައިޑެންޓިފިކޭޝަން ޕެރޭޑަކީ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންނަކީ އެކަމުގައި ހިމެނޭ މީހުންކަން ޔަގީން ކުރުމަށްޓަކާ ކުށުގެ ޝިކާރައަކަށްވީ މީހާ ނުވަތަ މައްސަލައިގެ ހެކިންނަށް އެމީހުން ދެއްކުމެވެ. އައިޑެންޓިފިކޭޝަން ޕެރޭޑު ކުރިއަށްގެންގޮސްފައިވަނި ކޮލަމްބޯގެ އެޑިޝަނަލް މެޖިސްޓްރޭޓް ލޮކާނީ އަބެވިކްރަމާގެ ހާޒިރުގައެވެ.

އަޝްމަލީގެ އިތުރަށް އިތުރު ތިން މީހަކުވެސް މި ޕެރޭޑަށް ހާޒިރުކޮށްފައިވާއިރު، އެކުއްޖާ ވަނީ އެއީ ވެސް އެކަމުގައި ހިމެނޭ ބައެއްކަން ކަށަވަރުކޮށްދީފައެވެ. އޭގެ ތެރޭގައި އަމިއްލަ ޝިޕިން ކޮމްޕެނީއަކަށް ނިސްބަތްވާ ކެޕްޓަނަކާއި އެސިސްޓަންޓް ކެޕްޓަންވެސް ހިމެނެއެވެ.

މެޖިސްޓްރޭޓް ލޮކާނީ ވަނީ އެކުއްޖާ ވަރަށް ފަސޭހައި އެމީހުން އައިޑެންޓިފައިކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމަކު ކަފާލާތުގެ ދަށުން އެމީހުން މިނިވަންކޮށްދިނުމަށް ދިފާއީ ވަކީލުންގެ ފަރާތުން އެދުމުން ކޯޓުން ވަނީ ކަފާލާތަށް 25،000 ލަންކާ ރުފިޔާ ދެއްކުމަށް ފަހު އެމީހުން މިނިވަންކޮށްފައެވެ. އެކަމަކު ޕާސްޕޯޓު ހިފަހައްޓައި ގައުމުން ބޭރަށް ދިއުން މަނާކޮށްފައިވާއިރު، ކޮންމެ އާދިއްތަ ދުވަހެއްގައި ކޮލަމްބޯގެ ޗިލްޑްރަން އެންޑް ވުމެން ބިއުރޯއަށް ރިޕޯޓުކުރަން ޖެހެއެވެ.

އެމީހުން މިނިވަންކުރިއިރު ހެއްކި ނައްތާލަން މަސައްކަތްކޮށްފިނަމަ އަލުން ހައްޔަރުކުރާނެ ކަމުގެ އިންޒާރުވެސް ކޯޓުން ދީފައިވެއެވެ.

ލަންކާގެ ފުލުހުންގެ ތަރުޖަމާނު އެސްޑީއައިޖީ އަޖިތު ރޯހަނާއާ ހަވާލާދީ ލަންކާގެ ނޫހުގައި ބުނެފައިވަނީ, މިއެންމެން ހައްޔަރުކުރީ އޮންލައިންކޮށް ހަށިވިއްކުމުގެ ވަގުފާރި ކުރަމުންދިޔަ ނެޓްވޯކެއްގެ މައުލޫމާތު ލިބުމާ ގުޅިގެން ހިންގި ތަހުގީގެއްގެ ތެރެއިން ކަމަށެވެ. މި މީހުން އަތުލައިގެންފައިވަނީ ދިވެހިންގެ މެދުގައި މަޝްހޫރު އެއް ސަރަހައްދު ކަމުގައިވާ މައުންޓް ލެވީނިއާގައި މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

ތަރުޖަމާނު ވިދާޅުވެފައިވަނީ ފައިސާއަށް ކުޑަކުއްޖާ ވިއްކުމުގެ މުއާމަލާތް ކުރަމުން ދިޔަ މައި ވެބްސައިޓުގެ އިތުރުން، އިތުރު 4 ވެބްސައިޓެއް ވެސް މިކަމުގައި ބޭނުންކޮށްފައިވާ ކަމަށެވެ. ހައްޔަރު ކުރެވުނު މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވަނީ ވެބްސައިޓް ހިންގާކަމުގެ ތުހުމަތުގައި އާދިއްތަ ދުވަހުއެވެ. އެމީހާ ވެސް ވަނީ މި މަހުގެ 19ށް ބަންދުކޮށްފައެވެ.

ހައްޔަރު ކުރެވުނު ހަތަރުވަނަ މީހާއަކީ މައުންޓްލެވީނިއާގެ ހޮޓަލެއްގެ މެނޭޖަރެވެ. އޭނާ ހައްޔަރުކުރީ މި އަމަލުގައި ކަސްޓަމަރުންގެ ގޮތުގައި ބައިވެރިވާ ފަރާތްތަކަށް ކޮޓަރި ހަމަޖައްސައިދޭތީއެވެ.

ތަރުޖަމާނު ރޯހާނާ ވިދާޅުވީ މި މައްސަލައާ ގުޅިގެން މިހާތަނަށް 32 މީހަކު ހައްޔަރުކޮށްފައިވާ އިރު، އަޝްމަލީގެ އިތުރަށް ކުޑަކުއްޖާގެ މަންމައާއި، އޮޓޯ ދުއްވާ މީހަކާއި، ކާރު ދުއްވާ މީހެއްގެ އިތުރުން ގަހަނާ ވިއްކާ މީހަކާއި ފާދިރީއަކުވެސް ހައްޔަރުކޮށްފައިވާ ކަމުގައެވެ. މީގެ އިތުރުން ބޯޓެއްގެ ކެޕްޓަނާއި، އެ ބޯޓުގެ ފަޅުވެރިންނާއި، މިހިންޓާލޭ ޕްރަދޭޝިއާ ސާބާގެ ޑެޕިއުޓީ ޗެއަރމަން ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން 3 މީހަކު ހައްޔަރުކޮށްފައިވަނީ ވެބްސައިޓުގައި އިޝްތިހާރު ޖެހި މައްސަލައިގައެވެ. މީގެ އިތުރުން ކުޑަކުއްޖާއެކު ބަދު އަޚުލާގީ އަމަލު ހިންގައި، ރޭޕް ކުރި މައްސަލައިގައި އިތުރު 12 މީހަކު ދެނެގަނެވިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި އެންމެ އިސްކޮށް އުޅުނު މީހާ މިދިޔަ މަހުގެ 7 ވަނަ ދުވަހު ލަންކާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ 15 އަހަރުގެ އަންހެން ކުއްޖާ 3 މަސް ވަންދެން އެކި މީހުންނަށް ދީގެން ނަޖާއިޒް ފައިދާ ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
29%
0%
14%
43%
14%
0%
ކޮމެންޓް