ކ. މާލެ
|
16 ޖުލައި 2021 | ހުކުރު 23:45
އިމިގްރޭޝަން އޮފިސަރުން މީހެއްގެ ޕާސްޕޯޓު ބަލަނީ
އިމިގްރޭޝަން އޮފިސަރުން މީހެއްގެ ޕާސްޕޯޓު ބަލަނީ
އިމިގްރޭޝަން
ރާއްޖެ އެތެރެވާން އުޅުނު މީހުން
ވަގު ވައުޗަރުތައް ހިފައިގެން ރާއްޖެ އެތެރެވާން އުޅުނު ބަޔަކު އަނބުރާ ފޮނުވާލައިފި
 
އެމީހުންނަށް އޮޅުވާލާފައިވަނީ އިންޑިއާގައި ހުންނަ އެޖެންޓެއް ކަމެއް ނުވަތަ ރާއްޖޭގައި ހުންނަ އެޖެންޓެއްކަން ވަނީ ސާފުވާ ގޮތް ނުވެފައި
 
ގޯ އެއަރގެ ދެ ފްލައިޓުގައި ބުރާސްފަތި ދުވަހުގެ ރޭ އެ ހުރިހާ އެންމެން އަނބުރާ ފޮނުވާލާފައިވޭ
 
ރާއްޖެ އެތެރެވާން އުޅުނީ 248 މީހުން

ވަގު ވައުޗަރުތައް ހިފައިގެން ރާއްޖެ އެތެރެވާން އުޅުނު މީހުންތަކެއް އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ރާއްޖެ އެތެރެވާން އުޅުނު 248 މީހުން ހިފެހެއްޓި ކަމަށާއި އެމީހުން ރާއްޖެ އައި ގޯއެއަރ ގެ ފްލައިޓަކުން ކަމަށެވެ. އަދި ގޯ އެއަރގެ ދެ ފްލައިޓުގައި ބުރާސްފަތި ދުވަހުގެ ރޭ އެ ހުރިހާ އެންމެން އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

ވަގު ވައުޗަރުތައް ހިފައިގެން މިހާ ގިނަ އަދަަދެއްގެ މީހުން ރާއްޖެ އެތެރެވުމަށްޓަކައި މަސައްކަތް ކޮށްފައިވަނީ އެމީހުންނަށް ބަޔަކު އޮޅުވާލައިގެންނެވެ. އެމީހުންނަށް އޮޅުވާލާފައިވަނީ އިންޑިއާގައި ހުންނަ އެޖެންޓެއް ކަމެއް ނުވަތަ ރާއްޖޭގައި ހުންނަ އެޖެންޓެއްކަން ވަނީ ސާފުވާ ގޮތް ނުވެފައެވެ.

މިކަމާއި ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލަރ މުޙައްމަދު އަޙުމަދު ޙުސެއިން (ހަނަފީ) ވިދާޅުވީ ވަގު ވައުޗަރުތައް ހިފައިގެން ރާއްޖެ އެތެރެވާން އުޅުނު މީހުންތައް ދެނެގަނެވުނީ އިމިގްރޭޝަން އޮފިސަރުންގެ ހުޝިއާރު ކަމުން ކަމަށެވެ. އަދި އެ އޮފިސަރުންގެ މަސައްކަތަށް ވަނީ ސާބަސް ދެއްވާފައެވެ. މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯދާލުމަށް އިމިގްރޭޝަނަށް ގުޅާލުމުން އިމިގްރޭޝަންގެ މީޑިއާ އޮފިސަރ ވިދާޅުވީ ވަގު ވައުޗަރުތައް ހިފައިގެން ރާއްޖެ އެތެރެވާން އުޅުނު މީހުންތަކެއް އަނބުރާ ގައުމަށް ފޮނުވާލާފައިވާއިރު އެ މައްސަލަ ބަލަމުން ނުދާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ އެމީހުން ހިފެއްޓީ ރާއްޖެ އެތެރެވުމުގެ ކުރިން ކަމަށްވާތީ ކަމަށާއި އިމިގްރޭޝަންގެ އުސޫލު ބުނާ ގޮތުން އެކަހަލަ މައްސަލަތައް އިތުރަށް ތަހުގީގު ކުރަނީ ރާއްޖެ އެތެރެވެއްޖެ ހާލަތެއްގައި ކަމަށް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ނެޝެނަލް ބޯޓިންގ އެސޯސިއޭޝަނުން ބުނީ ވަރަށް ދަތި އުނދަގޫ ދުވަސްވަރެއްގައި ޓޫރިޒަމް ކުރިޔަށްގެންދާ ވަގުތެއްގައި ،މި ސިނާއަތަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަހަލަ އަމަލެއްގައި ސިނާއަތައް ނިސްބަތްވާ ބޭފުޅުން ބައިވެރިނުވުމަށް އެދޭ ކަމަށެވެ. އަދި ސައުތު އޭޝިޔާގެ ގައުމުތަކުން އައި ބައެއް ކަރަންޓީނު ޓޫރިސްޓުން ވަނީ ފްރޯޑް ސަފާރީ ބުކިން އިމިގްރޭޝަނަށް ދެއްކުމަށްފަހު އެތެރެވެ، ގެސްޓްހައުސްތަކުގައި ޓްރާންސިޓް ފަތުރުވެރިންގެ ގޮތުގައި ތިބެފައި ކަމަށް މައުލޫމާތު ލިބޭ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އަދި އިދާރާތަކުން މިކަން ބަލާ އިތުރަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
100%
ކޮމެންޓް