ކ. މާލެ
|
15 ޖުލައި 2021 | ބުރާސްފަތި 07:07
ކޮވިޝީލްޑް ވެކްސިން
ކޮވިޝީލްޑް ވެކްސިން
އަލްޖަޒީރާ
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން
މެއި މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް މިހާރު ދެވަނަ ޑޯޒް ޖެހޭނެ
 
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް book.hpa.gov.mvން އެޕޮއިންޓްމަންޓް ހެއްދޭނެ
 
ކޮވިޝީލްޑް ވެކްސިން އަލުން ޖަހަން ފަށާފައިވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހު އެޕޮއިންޓްމަންޓް އުސޫލުން

މެއި މަހު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް، ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ން ހުޅުވާލައިފިއެވެ.

ގާތްގަނޑަކަށް 2 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން އަލުން ޖަހަން ފަށާފައިވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހު އެޕޮއިންޓްމަންޓް އުސޫލުންނެވެ. ކޮވިޝީލްޑް ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދޫކުރުމަށް ނިންމާފައިވަނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން، ކުރިން ވެކްސިން ޖެހި މީހުންނަށް އިސްކަންދީގެންނެވެ. އެގޮތުން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުމަށް ފުރަތަމަ ހުޅުވާލީ މި އަހަރުގެ ފެބްރުއަރީ އަދި މާޗުމަހުގެ ތެރޭގައި ވެކްސިން ޖެހި މީހުންނަށެވެ. އެއަށްފަހު މިހާރު ވަނީ އޭޕްރީލް މަހާއި މެއި މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވަނަ ޑޯޒް ޖެހުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް book.hpa.gov.mv އަށް ދިއުމަށްފަހު ވެކްސިން ޖަހާ މީހާއާ ބެހޭ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު އެޕޮއިންޓްމަންޓް ބޭނުންވާ ތާރީޚާއި ގަޑި އިޚްތިޔާރުކުރެވޭނެ ކަމަށް އެޗް.ޕީ.އޭއިން ބުނެއެވެ. އަދި އެޕޮއިންޓްމަންޓް ހަމަޖެހުމުން އެސް.އެމް.އެސް މެދުވެރިކޮށް އެކަން އަންގާނެކަމަށާއި، ފޯނަށް ލިބޭ އެސް.އެމް.އެސް ވެކްސިން ސެންޓަރަށް ދަންކަންޖެހޭނެކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 15 މިނެޓް ކުރިން ވެކްސިން ސެންޓަރަށް ދިއުމަށް ސަމާލުވުމަށް އެޗް.ޕީ.އޭއިން ވަނީ އެދިފައެވެ. އަދި ގަޑިއަށް ހާޒިރުނުވެއްޖެނަމަ އެޕޮއިންޓްމަންޓް ކެންސަލްވާނެކަމަށާއި، އަލުން އެހެން ދުވަހަކަށް އެޕޮއިންޓްމަންޓް ހަދަންޖެހޭނެކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.

ވެކްސިން ޖަހަން ދާ ފަރާތްތަކުން އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިޔުމަށާއި ވެކްސިން ކާޑު ގެންދިޔުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ބަލީގެ އެއްވެސް އަލާމާތެއް ނެތުމާއި، އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުމާއި، ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖަހާތަން ދެއްކޭނެ ހެދުމެއް ލުމާއި، ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށްވެސް އެޗްޕީއޭއިން އިރުޝާދު ދީފައިވެއެވެ. ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިޔުމާއި އަދި އެކުގައި އެކަކަށްވުރެ ގިނަ މީހުން ނުގެންދިޔުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފެށިއިރު ޖަހަން ފަށާފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. ކޮވިޝީލްޑް ވެކްސިން ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން މާލޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ވަގުތީ ގޮތުން މެދުކަނޑާލިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް