ކ. މާލެ
|
16 މެއި 2017 | އަންގާރަ 17:28
މަރާލުމަށް ފަހު އިންސާނުންގެ ހަށިގަނޑު އަންދާ ކަމަށް އެމެރިކާއިން ތުހުމަތުކުރާ ތަން
މަރާލުމަށް ފަހު އިންސާނުންގެ ހަށިގަނޑު އަންދާ ކަމަށް އެމެރިކާއިން ތުހުމަތުކުރާ ތަން
އަލްޖަޒީރާ
ސީރިއާގެ ޖަރީމާތައް
ބައްޝާރުގެ ސަރުކާރުން އިންސާނުން އަންދާ ކަމަށް އެމެރިކާއިން ތުހުމަތުކޮށްފި
މިތަނުގެ ސެޓްލައިޓް ފޮޓޯތަކެއް ވަނީ އާންމުކޮށްފައި
މީހުން އަންދަނީ އަސްކަރީ ޖަލެއްގައި
މިކަންކުރަނީ ޖަރީމާތައް ފޮރުވަން

ސީރިއާގެ ރައްޔިތުންނާ ދެކޮޅަށް ބައްޝާރުލް އަސަދުގެ ސަރުކާރުން ހިންގާ ލާއިންސާނީ ޖަރީމާތަކާއި ގަތުލު އާންމުތައް ފޮރުވުމަށް އިންސާނުންގެ ހަށިތައް އަންދުމަށް ޚާއްސަ ތަނެއް ބޭނުންކުރާ ކަމަށް އެމެރިކާއިން ތުހުމަތުކޮށްފިއެވެ.

 

އެމެރިކާ އިން ބުނާ ގޮތުގައި ސީރިއާގެ ދިމިސްޤާއި ގާތް ހިސާބެއްގައި ހުންނަ ސައިދްނަޔާ ޖަލުގައި އިންސާނުން އަންދާ ތަނެއް ހުރެއެވެ. އަދި އެކަމުގެ ހެކިވެސް ހުރި ކަމަށް އެމެރިކާއިން ބުނެއެވެ.

 

ބައްޝާރުގެ ސަރުކާރުން މަރާފައިވާ އެތައް ސަތޭކަ ބައެއްގެ ހަށިގަނޑު އަންދާ އަޅިއަށް ހަދާލުމަށް މީހުން އެންދުމަށް ބޭނުންކުރާ އިތުރު މެޝިންތައް އަސްކަރީ ޖަލުތަކުގައި ޤާއިމްކުރުމަށް އަންގާފައިވާ ކަމަށް ވެސް އެމެރިކާ އިން ތުހުމަތު ކުރެއެވެ.

 

މި ޖަރީމާތައް ހިންގަނީ ސީދާ ބައްޝާރުގެ އަމުރަށް ކަމަށާއި އެކަންކުރުމުގެ ބޭނުންމަކީ އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ބައްޝާރު ހިންގަމުންގެންދާ ގަތުލު އާންމުތަކުގެ ޖަރީމަ ފޮރުވުން ކަމަށް އެމެރިކާ އިން ބުނެއެވެ.

 

މެދުއިރުމަތީގެ ކަންކަން ބައްލަވަމުންދާ އެކްޓިން އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑިޕާޓްމަންޓް ސްޓުއާޓް ޖޯންސް ވަނީ ސީރިއާގައި މީހުން އެންދުމުގެ ކަންކަން ހިންގާ ތަނެއްގެ ސެޓްލައިޓް ފޮޓޯތައް ނޫސްވެރިންނާއި ހިއްސާކޮށްފައެވެ. އެފޮޓޯތަކުން ފެންނަ ތަނުންނުގެ ފުރާޅުމަތީގައި ހަރުލާފައިހުރި ސްނޯތައް ވިރިގެން ފައިބަނިކޮށް ފެނެއެވެ.

 

"2013 ވަނަ އަހަރު ބައްޝާރުގެ ސަރުކާރުން ސައިދްނަޔާ ޖަލަށް ބަދަލުތަކެއް، އަހަރެމެންނަށް ގަބޫލު މިކުރެވޭ މީހުން އެންދުމުގެ ކަންކަން ފަށައިފި،" ޖޯން ވިދާޅުވިއެވެ.

 

ޖޯން ވިދާޅުވި ގޮތުގައި އެތަނުގެ ބޭނުމަކީ ބައްޝާރުގެ ސަރުކާރުން ހިންގާ ޖަރީމާތަކަށް ފަސްއަޅަ ފޮރުވުމެވެ. ނަމަވެސް އެކަމުގެ ފުރިހަމަ މައުލޫމާތު މިހާރު ރައްކާކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ޖޯން ވިދާޅުވީ އެ މައުލޫމާތުތަކަކީ އިތުރުބާރު ހުރި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތްކުރާ އެޖެންސީތަކުން ހިއްސާކޮށްފައިވާ މައުލޫމަތުތަކެއް ކަމަށެވެ. އަދި އެއީ އެމެރިކާގެ ޖާސޫސީ މުޖުތަމައެއްގައި މަސައްކަތްކުރާ އެޖެންސީތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

ސީރިއާގެ އަސްކަރީ ޖަލުގައިތަކުގައި މީހުން މެރުމަށްފަހު އަންދާލާ ކަމަށް ޖޯން ވިދާޅުވި ނަމަވެސް، މިހާތަނަށް މެރުމަށްފަހު އަންދާލާފައި ވަނީ ކިހާ އަދަދެއްގެ ބައެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.

 

އެކަމަކު އެމްނެސްޓީ އިންޓަނޭޝަލްގެ ރިޕޯޓްތައް ބުނާ ގޮތުން ސީރިއާގެ އަސްކަރީ ޖަލުތަކުގައި 2011 އިން ފެށިގެން 2015 އާ ހަމައަށް 5000 އާ 11،000 އާ ދެމެދުގެ އަދަދަކަށް މީހުން މަރާފައިވެއެވެ.

 

ބައްޝާރުގެ ސަރުކާރުން 65,000 އާ 117,000 އާ ދެމެދުގެ އަދަދަކަށް އަސްކަރީ ޖަލުތަކުގައި ހައްޔަރުކުރި ކަމަށް ތުހުމަތު ކުރެވިފައި ވެއެވެ.

 

ސްޓޭޓް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ ފޮޓޯތަކަކީ 2015 ވަނަ އަހަރު ނަގާފައިވާ ފޮޓޯތަކެކެވެ. އެހެންވެ އެއީ މީގެ ދެ އަހަރު ކުރީގެ ފޮޓޯތަކެއް ކަމަށްވުމުން މިހާރު އެތަނަށް އިތުރު ބަދަލު ގެނެސްފައިހުރެދާނެ ކަމަށް ބެލެވެއެވެ.

 

ސީރިއާގައި ދާޚިލީ ހަނގުރާމައެއް ކުރިއަށްދާތާ މިހާރު ހަތް އަހަރުވެއްޖެއެވެ. މި ހަނގުރާމައިގައި މިހާތަނަށް ސީރިއާގައި ބައި މިލިއަނަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

- ކޮމެންޓް