ރެއާލް މެޑްރިޑްގެ ރައީސް ފްލޮރިންޓީނޯ ޕެރޭޒް އެ ކްލަބްގެ ދެ ލެޖެންޑުން ކަމަށްވާ އިކާ ކަސިއަސް އާއި ރައުލް ގޮންޒާލޭޒާއާ ބެހޭ ގޮތުން އަގުވައްޓާލާ ގޮތަށް ދެއްކި ވާހަކަތަކުގެ މައްސަލަ ހޫނުވެއްޖެއެވެ.
ރެއާލްގެ ރައީސްކަމުގެ ފުރަތަމަ ދައުރު ހަމަކުރައްވާ ބްރޭކްގައި ހުންނަވައި، ޕެރޭޒް 2006 ވަނަ އަހަރު ދެއްކެވި ވާހަކަތަކެއްގެ ތެރެއިން ލީކުވި އޯޑިއޯގައި، އެނާ ވަނީ ރައުލް އާއި ކަސިއަސް އަކީ ރެއާލްގައި ކުޅޭ ފެންވަރަށްވުރެ ދަށް ކުޅުންތެރިން ކަމަށް ވިދާޅުވެފައެވެ. އަދި އެ ދެ ކުޅުންތެރިންނަކީ އޮޅުވާލައިގެން ރެއާލަށް ކުޅެމުން އަންނަ ކުޅުންތެރިން ކަމަށް ޕެރޭޒް ވިދާޅުވިއެވެ.
ކަސިއަސް އާއި ރައުލް އަށް ރެއާލްގައި ހުރެ ރިޓަޔާކުރުމުގެ ފުރުސަތު ނުދިނީ ޕެރޭޒް ކަމަށް ބުނެ، މީގެ ކުރިން ވެސް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ކަސިއަސް ރެއާލް ދޫކޮށް ކުޅުނީ ޕޯޗުގަލްގެ ޕޯޓޯ އަށެވެ. އަދި ރައުލް އެންމެ ފުރަތަމަ ރެއާލް ދޫކޮށް ޖަރުމަނުގެ ޝާލްކާ އަށް ކުޅުނު ނަމަވެސް ފަހުން އެހެން ޓީމުތަކުން ވެސް ފެނުނެވެ. ރައުލް، މި ވަގުތު ރެއާލް ބީ ޓީމުގެ ކޯޗަކަށް ހުރިއިރު، ކަސިއަސް އަކީ ކްލަބްގެ އެމްބަސަޑަރެކެވެ.
ޕެރޭޒް ދެއްކެވި ކަމަށް ވިދާޅުވެ، އެ ވާހަކަތައް މީޑިއާގައި ރިޕޯޓް ކުރުމާއިއެކު، ގިނަ ބަޔެއްގެ ފާޑުކިޔުން ޕެރޭޒަށް ވަނީ އަމާޒުވެފައެވެ. އެއާއިއެކު، ރެއާލުން ވަނީ ނޫސްބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ދައުރުވަމުންދާ އޯޑިއޯ އަކީ މީގެ އަހަރުތަކެއް ކުރިން ޕެރޭޒާއި ހޯސޭ އަލްބާޓޯ އަބޭލާންއާ ދެކެވުނު ވާހަކަތަކެއްގެ ތެރެއިން ރެކޯޑްކޮށްފައިވާ އޯޑިއޯއެއް ކަމަށެވެ. އެކަމަކު މި އޯޑިއޯ ލީކުކޮށްލާފައިވަނީ ވަކި ބައިތަކެއް އުނިކޮށް ވަކި މަގުސަދެއް ހާސިލްކުރުމުގެ ގޮތުން ކަމަށް ރެއާލްގެ ބަޔާނުގައިވެ އެވެ.
ޕެރޭޒް ވަނީ މި މައްސަލަ އޭނާގެ ގާނޫނީ ޓީމާ ހަވާލުކޮށްފަ އެވެ. އަދި މި މައްސަލައިގައި ރެއާލްގެ ގާނޫނީ ޓީމުން ވެސް ބައިވެރިވާނެއެވެ.