ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ޒުވާން ތަރި ކީލިއަން އެމްބާޕޭގެ މުސްތަގުބަލާއި މެދު ލަފާއެއް ދޭނަމަ އެދޭނީ ޕީއެސްޖީގައި އޭނާ މަޑުކުރުން ކަމަށް ދާދި ފަހުން ޕީއެސްޖީއާއި ގުޅުނު ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ބުނެފިއެވެ.
ޕީއެސްޖީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ރާމޯސް ބުނީ ކުޅުންތެރިއަކު ނިންމާނެ އަމިއްލަ ނިންމުމަކަށް ނުފޫޒުފޯރުވަން ބޭނުންނުވާ ކަމަށެވެ. އެކަމަކު ގާތް މީހެއްގެ ހައިސިއްޔަތުން ނަސޭހަތް ދޭނަމަ އެމްބާޕޭ ގާތުގައި ބުނާނީ ޕީއެސްޖީގައި މަޑުކުރަން ކަމަށް ރާމޯސް ބުންޏެވެ.
ރާމޯސް އިތުރަށް ބުނީ އެމްބާޕޭގެ ކުރިމަގާއިމެދު އޭނާ ވިސްނާފައިވާ ގޮތް ނޭނގޭ ކަމަށާއި، އެކަމަކު އެމްބާޕޭ ނިންމުމެއް ނިންމާނީ ވަރަށް ރަނގަޅަށް ވިސްނާފައި ކަމަށެވެ. އަދި އެމްބާޕޭއަކީ ޒުވާން ކުޅުންތެރިއެއް ކަމަށާއި، އެމްބާޕޭއަށް ކާމިޔާބީތަކެއް ބޭނުންވާ ކަމަށް ރާމޯސް ބުންޏެވެ. ރާމޯސް ބުނީ ކާމިޔާބު ހޯދުމަށް ފައްކާވެފައިވާ ޓީމަކީ ޕީއެސްޖީ ކަމަށެވެ.
ރެއާލުގައި 16 އަހަރު ހޭދަކުރުމަށްފަހު އުމުރުން 35 އަހަރުގެ ރާމޯސް ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ރެއާލް ދޫކޮށްލަން ނިންމިކަން އިއުލާން ކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ރެއާލާއެކު ހަދާފައިވާ އެއްބަސްވުން އާކުރަން ރާމޯސް މީގެ ކުރިން ބޭނުންވި ނަމަވެސް، ރެއާލުން ވަނީ ރާމޯސްގެ ހުށަހެޅުމަށް ދެކޮޅު ހަދާފައެވެ.
މި ސީޒަނުގައި ޕީއެސްޖީން ވަނީ އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ޕީއެސްޖީން އެމްބާޕޭ އަށް ހަތަރު އަހަރުގެ އެއްބަސްވުމެއް ހުށަހެޅި އެވެ. އެއީ އަހަރަކު 36 މިލިއަން ޔޫރޯ ލިބޭ ގޮތަށެވެ. އެކަމަކު އެމްބާޕޭ އަދި ރަސްމީކޮށް ޕީއެސްޖީގެ އެއްބަސްވުން އާ ކުރުމުގެ މަޝްވަރާތައް ކުރިއަށްގެންދަން ބޭނުމެއްނުވާތީ ވާހަކަތައް އޮތީ މަޑުޖެހިފަ އެވެ.