ހިޔާ ފްލެޓް ލިބުނު ފަރާތްތަކާއެކު އެގްރީމެންޓްގައި ސޮއިކުރަން ފަށައިފިއެވެ.
އެގްރީމެންޓްގައި ސޮއިކުރަން ފަށާފައިވަނީ ބުދަ ދުވަހުގެ ހެނދުނު 10:00ގައެވެ. އެންމެ ފުރަތަމަ ކުރިއަށްދަނީ އެޗް9 ކެޓެގަރީން ފްލެޓް ލިބުނު މީހުންގެ ތެރެއިން މިހާތަނަށް ޕޯޓަލްގައި ރަޖިސްޓްރީ ކުރި މީހުންގެ އެގްރީމެންޓްގައި ސޮއި ކުރުން ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. އެގްރީމެންޓްގައި ސޮއި ކުރުން ކުރިއަށްދަނީ ހުޅުމާލޭގެ ހުރަވީ ސްކޫލްގައެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ، ހިޔާ ފްލެތްތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން އުއްމީދަކީ މި މަހުގެ ތެރޭގައި އެ މަސައްކަތް ނިންމުން ކަމަށެވެ.
ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރިނަމަވެސް، ތަނުގެ ފިނިޝިން މަސައްކަތަށް ދިނުމަށް ހަމަޖެހިފައިވާ 3 މަސް ދުވަހުގެ މުއްދަތު ގުނަން ފަށާނީ، ކަރަންޓުގެ މަސައްކަތް ނިމުމުން ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. އެގްރީމެންޓްގައި ސޮއިކުރުމަށްފަހު، ތަނުގެ ތަޅުދަނޑި ވެރިމީހާއާ ހަވާލުކޮށް، ތަން ހަވާލުކުރި ކަމުގެ ލިޔުން ދެނީ ހިޔާ ފްލެޓް ސަރަހައްދުންނެވެ. އެއާއެކު ފްލެޓަށް ގެންނަވާ އިތުރު ބަދަލުތައް ގެނައުމަށް ޚާއްސަ ހުއްދައަށް އެދޭ ފޯމާއި، ފެން ގުޅުމުގެ މަސައްކަތް ވެސް އެ ސަރަހައްދުން ވަގުތުން ފުރިހަމަ ކޮށްދެއެވެ. ތަނުގެ ވެރިމީހާގެ ހާޒިރުގައި ފެން ގުޅައިދިނުމުގެ މަސައްކަތް ވެސް އަންނަނީ ވަގުތުން ކޮށްދެމުންނެވެ.
ހިޔާ ފްލެޓްގެ ބައެއް ތަންތަނުގައި ކޮންކްރީޓް ކުރުމުގައި ހުރި މައްސަލަތަކެއް ފާއިތުވި ހަފްތާގައި ފެންމަތިވެފައިވާތީ، އެކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސުހައިލް ވިދާޅުވީ، އެކަން ހައްލުކުރެވިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އިތުރު އިންސްޕެކްޝަނެއް ވެސް ކުރިއަށްގެންދިޔަ ކަމަށާއި، އެފަދަ އެހެން މައްސަލައެއް އިތުރަށް ފެނިފައިނުވާ ކަމަށެވެ.
ހިޔާ ފްލެޓް ދޫކޮށްލަން ބޭނުންވެގެން މިހާތަނަށް 200 ވަރަކަށް މީހުން އެދިފައިވާކަން ވެސް ސުހައިލް ފާހަގަކުރެއްވިއެވެ. ހިޔާ ފްލެޓް ދޫކޮށް ވިނަރެސް އެޕާރޓްމެންޓަށް އެދުމުގެ ފުރުސަތު އޮންނާނެކަން ސަރުކާރުންވަނީ ހާމަކޮށްފައެވެ. ވިނަރެސް އެޕާރޓްމެންޓް ހުރި މިންވަރަކުން އެ ފަރާތްތަކަށް ފުރުސަތު އޮންނާނެކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވެސް ވަނީ ވިދާޅުވެފައެވެ.