ކ. މާލެ
|
14 ޖުލައި 2021 | ބުދަ 13:47
ށ. ފޭދޫ
ށ. ފޭދޫ
މުހައްމަދު އަފްރާހް
ރަށު ފަތުރުވެރިކަން ކުރިއެރުވުން
ރަށު ފަތުރުވެރިކަން ފުޅާކުރުމަށް ކައުންސިލަރުންނާއެކު ކުރިއަށްގެންދިޔަ ބައްދަލުވުންތައް ނިންމާލައިފި
 
މިނިސްޓްރީން ދަނީ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓަށް ވަކި މަސައްކަތްތަކެއް ފަށައިގެން ކުރިއަށް ގެންދަމުން
 
އެންމެ ބޮޑު ގޮންޖެހުމަކީ އިންވެސްޓުކުރާނެ ފައިސާ ނެތުން
 
ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް އާންމު ދަތުރުފަތުރުގެ ޚިދުމަތް މުހިންމު

"ޓޫރިޒަމް ޑައިވަރސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން" ޕްރޮޖެކްޓްގެ ދަށުން ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުންތައް ހއ. އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީއާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ކައުންސިލަރުންނާއެކު ބައްދަލުވުންތައް ބާއްވައި، އެސިލްސިލާ ބައްދަލުވުންތައް ޓޫރިޒަމް މިނިސްޓްރީން ނިންމާލައިފިއެވެ.

ޖޫން 2 ވަނަ ދުވަހުުން ފެށިގެން ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދިޔަ މި ބައްދަލުވުންތަކުގައި މަޖިލިސް މެމްބަރުންނާއި، ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި އެ މިނިސްޓްރީގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަރައްގީގެ އެއް އަހަރު ގެއްލިގެން ގޮސްފި ކަމަށާއި ކައުންސިލްތައް މެދުވެރިކޮށް ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް އަލަށް ފާސްކުރެވިގެންދިޔަ ލޯކަލް ގަވަނެންސް ބިލާއެކު ވަރަށް ބޮޑު ބާރެއް ލިބިގެންގޮސްފައިވާ ކަމަށެވެ. އަދި އައު ކައުންސިލަރުން އިންތިހާބުވެގެންދިއުމާ އެކު އެ ކައުންސިލަރުންނާ އެކު ބައްދަލުވުމެއް ކުރިއަށްގެންގޮސް "ޓޫރިޒަމް ޑައިވަރސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން" ޕްރޮޖެކްޓްގެ ދަށުން ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް ވަކިވަކި އަތޮޅުތަކާއި ސީޓީތަކުގެ ކައުންސިލަރުންނާ އެކު ސިލްސިލާ ބައްދަލުވުންތައް ބާއްވަން ފެށުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިބައްދަލުވުންތަކުގައި ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް ފާހަގަކޮށްފައި ނުވާ ކަމަށާއި ހުރިހާ ކައުންސިލަރުން ވެސް ތިބީ އެ އަތޮޅުތަކުގެ ފަތުރުވެރިކަން ތަރައްގީކުރުމަށް ވަރަށް ޖޯޝުގައި ކަމަށެވެ. އެ ފަރާތްތަކުން ތިބީ ރަށު ފަތުރުވެރިކަމުގެ ތަރައްގީ ވަރަށް ބާރަށް ކުރިއަށް ގެންދިއުމުގެ ރޫހުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރަށު ފަތުރުވެރިކަން ފަހިވާން ވަކި ކަންތައްތަކެއް ބޭނުންވާ ކަމަށާއި، އެހެންކަމުން ހުރިހާ ރަށެއްގައި މި ފަތުރުވެރިކަން ކުރިއަރައިގެން ނުގޮސްފާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހެޔޮ އަގުގައި އާންމު ދަތުރުފަތުރުގެ ޚިދުމަތް ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެ ޚިދުމަތް ފުޅާކޮށް ހަރުދަނާކުރުމުގެ މުހިންމުކަމާއި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތްތައް ހަރުދަނާކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. މިކަންކަމާ މެދު ބައްދަލުވުންތަކުގައި މަޝްވަރާކުރެވިގެން ދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކައުންސިލަރުންގެ އެއްބާރުލުން މިކަމުގައި ވަރަށް ބޮޑަށް ލިބޭ ކަމަށާއި ވަކިވަކި ރަށްރަށުގެ ކައުންސިލަރުންނާ އެކު އިތުރުބައްދަލުވުންތައް ބާއްވާނެ ކަމަށެވެ. ވާދަވެރިކަމުގެ ތެރޭގައި ރަށު ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތްތައް ކުރިއަށްދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިންވެސްޓުކުރާނެ ފައިސާ ނެތުން ކަމަށާއި މިކަން ހައްލުކުރުމުގެ ގޮތުން ކުޑަ އިންވެސްޓްމަންޓަކާ އެކު މައިނޯރިޓީ ހިއްސާ ބޭރުގެ ފަރާތްތަކަށް ލިބޭ ގޮތަށް ހޮޓާތަކަށް އިންވެސްޓްކުރެވޭނެ ފުރުސަތު މިހާރު ހުޅުވާލާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް ވަނީ ގައުމީ ފެންވަރުގެ ގޮންޖެހުމަކަށް ބަލާއިރު، މިގޮތަށް ރަށު ފަތުރުވެރިކަން ކުރިއަރަން ފެށުމުން ރިސޯޓްތަކުގައި މަސައްކަތްކުރާ ތޫނުފިލި ކުދިން އަމިއްލަ ވިޔަފާރިތައް ފެށުމަށް ދާނެ ކަމަށާއި އެއާއެކު ރިސޯޓްތަކަށް އިތުރު ހިއުމަން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިއީ އުފަލާއެކު ފާހަގަކުރާ ގޮންޖެހުމެއް ކަމަށާއި މިނިސްޓްރީން މިހާރު ދަނީ ރިސޯޓްތަކަށް އަންނާނެ ހުސްތަން ފިލުވުމަށް ހިއުމަން ރިސޯސް ޑިވެލޮޕްމެންޓަށް ވަކި މަސައްކަތްތަކެއް ފަށައިގެން ކުރިއަށް ގެންދަމުން ކަމަށެވެ. އަދި އަލަށް ބިޑުކުރާ ރަށްތަކުން ހިއުމަން ރިސޯސް ފަންޑަށް ފައިސާ ޖަމާކުރެވެމުންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޓޫރިޒަމް ޑައިވަރސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން" ޕްރޮޖެކްޓްގެ ދަށުން މި ބައްދަލުވުންތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ރަށު ފަތުރުވެރިކަން ކުރިއަރުވައި ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ފަތުރުވެރިކަމުން ރަށްރަށުގެ ރައްޔިތުންނަށް ފައިދާ ހޯދައިދިނުމަށް ކައުންސިލްތަކާ އެކު މިނިސްޓްރީއަށް މަސައްކަތްކުރެވޭނެ ގޮތްތަކެވެ. އަދި ސީދާ ގޮތުންނާއި ނުސީދާގޮތުން ފަތުުރުވެރިކަމުގެ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް ރަށު ފަތުރުވެރިކަން ތަރައްގީކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުންތަކުގައި މަޝްވަރާކޮށްފައިވެއެވެ.

އޭގެ އިތުރުން ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ 6 ސިޔާސަތުގެ ދަށުން ކައުންސިލްތަކާ ގުޅުންހުރި ފަތުރުވެރިކަމުގެ އެކިއެކި ހަރަކާތްތަކުގެ މައުލޫމާތު، ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރުމާއި ފަތުރުވެރިކަމުގެ ގާނޫނާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކުރުމަށް ގެނެވުުނު އިސްލާހުތަކާއެކު ފަތުރުވެރިކަމާ ގުޅޭ މަސައްކަތްތަކުގައި މިނިސްޓްރީ އާއި ކައުންސިލްތަކާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކަށް އަލިއަޅުވާލައި މަޝްވަރާކޮށްފައިވެއެވެ.

އަދި ސީދާ ކައުންސިލްތަކުން ކުރާނެ މަސައްކަތްތަކުގެ ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަމަށް ދޫކުރެވޭ ބިންތަކުގެ ބީލަމުގެ މަސައްކަތްތަކުގެ ވާހަކަ އާއި އެ އަތޮޅުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އަޕްޑޭޓެއް ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރިއެވެ.

"ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން" ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިކަމަށް ޚާއްސަ ޔުނިޓެއް ގާއިމުކޮށް، އެ ޔުނިޓުން ވަކިވަކި އަތޮޅުތަކުގެ ލޯކަލް ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުންތަކެއް ބާއްވަމުންދާ އިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ ގުޅިގެން ފަތުރުވެރިކަން ކުރިއަރުވައި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ހާސިލްކުރަން ބޭނުންވާ ފަތުރުވެރިކަމުގެ ސިޔާސަތުތަކުގެ ތެރެއިން ހަތަރު ސިޔާސަތެއް ހާސިލުކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް