ކ. މާލެ
|
14 ޖުލައި 2021 | ބުދަ 13:10
އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު
އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު
ފޭސްބުކް
އެމްއާރްޑީސީ އުވާލުން
އެމްއާރްޑީސީ އުވާލާފައިވަނީ ކޮރަޕްޝަންގެ އަމަލުތައް ފޮރުވުމަށް: މޫކޭ
 
ކުންފުނީގެ ސިޔާސަތުތައް ހަރުދަނާ ކުރެވިފައިވޭ
 
ކޮންމެ މަޝްރޫއަކުން ވެސް ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ލިބޭނެ
 
އާރްޑީސީން މިހާރު ވެސް ޖުމްލަ 16 ޕްރޮޖެކްޓެއްގެ މަސައްކަތްތައް ކުރިއަށް ގެންދޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ އުވާލާފައިވަނީ އެ ވެރިކަމުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ އެންމެހައި ކަންކަން ފޮރުވަން ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ކްލަބް ހައުސް މެދުވެރިކޮށް އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މޫކޭ ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމްއާރްޑީސީއަކީ ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކުރުމަށް އުފެއްދި ކުންފުންޏެއް ކަމަށެވެ. އަދި ވިދާޅުވީ ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކުރުމަށް ކުންފުންޏެއް އުފެއްދިނަމަވެސް އެކަށީގެންވާ ގޮތުގައި މަސައްކަތްތައް ކޮށްފައިނުވާ ކަމަށެވެ. ނަމަވެސް ކުންފުނި މެދުވެރިކޮށް ކޮރަޕްޝަނާއި ފަސާދައިގެ ގިނަ ކަންތައްތަކެއް ހިންގާފައިވާތީ އެކަން ފޮރުވުމުގެ ގޮތުން ކުންފުނި އުވާލީ ކަމަށް މޫކޭ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ ކުންފުންޏެއް ނެތުމާއެކު 2019 ވަނަ އަހަރު އޮކްޓޫބަރު މަހުގެ ތެރޭގައި އާރްޑީސީގެ ނަމުގައި ކުންފުންޏެއް އުފެއްދީކަން މޫކޭ ފާހަގަކުރެއްވިއެވެ. އެގޮތުން އާރްޑީސީން މިހާރު ޖުމްލަ 16 ޕްރޮޖެކްޓެއްގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށާއި، ހުރިހާ މަޝްރޫއެއް ކުރިއަށް ގެންދަނީ އެރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް އެރަށެއްގެ ރައްޔިތުންނަށް މަންފާ ލިބޭ ގޮތަށް ކަމަށް މޫކޭ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮންމެ މަޝްރޫއަކުން ވެސް ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ލިބޭނެ ކަމަށެވެ.

އެމްއާރްޑީސީގެ ތެރޭގައި ހިންގުނު ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ފޮރުވުމަށްޓަކައި ކުންފުނި ވަނީ އުވާލެވިފައި. އެހެންވީމަ އަޅުގަނޑުމެންނަށް ވެރިކަމަށް އާދެވުނުއިރުގައި މަގު ހަދާނެ ކުންފުންޏެއް ނެތި އޮވެފައި 2019 ވަނަ އަހަރު އޮކްޓޫބަރު މަހުގެ ތެރޭގައި އާރްޑީސީގެ ނަމުގައި ދިވެހި ރާއްޖޭގައި ބޮޑަށް އާބާދުވެފައިވާ ސަރަހައްދުތަކުގައި އާބަން ވެފައިވާ ސަރަހައްދުތަކުގައި އަދި ރޫރަލް ސަރަހައްދުތަކުގެ މަގުތަކާއި ބްރިޖްތައް ތަރައްގީކޮށް އެތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި މިކޯޕަރޭޝަން އުފެދިގެން ދިޔައީ. ކޯޕަރޭޝަން އުފެދިގެން މި ދިޔައީ އެއްއަހަރާއި ނުވަމަސް ތެރޭގައި. އަޅުގަނޑުމެންނަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އުމްރާނީ ތަރައްގީގެ މަގު ހެދުމުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން ޖުމްލަ 16 ޕްރޮޖެކްޓެއް މިހާރު ހިންގެމުން އެބަދޭ. މިޕްރޮޖެކްޓްތައް ހިންގުމުގައި އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ އެމްޑީޕީގެ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނީގެ ސިޔާސަތުތައް ބައްޓަން ކުރެވި ވީހާ ވެސް ބޮޑަށް ރައްޔިތުންނަށް ފައިދާވާނެ ގޮތެއްގެ މަތިން ކުންފުނި ހިންގުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން އެ މަސައްކަތްތައް ވަރަށް ފުރިހަމައަށް އެބަ ކުރަން.
އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު

ކޮވިޑް-19ގެ ހާލަތުގައި ވެސް އުމްރާނީ ތަރައްގީގެ އެއްވެސް މަޝްރޫއެއް ހުއްޓުމެއްނެތި ކުރިއަށްދާކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ ކުންފުނީގެ ސިޔާސަތުތައް ހަރުދަނާ ކުރެވި މަޝްރޫއުތަކުގައި މަސައްކަތް ކުރާ މުއައްޒަފުންގެ މުސާރައަށް ވެސް ބަދަލެއް ނުގެންނަ ކަމަށެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން މަޝްރޫއުތަކަށް ލަސްތަކެއް ކުރިމަތިވި ނަމަވެސް ކަނޑައަޅާފައިވާ ތާރީޚަށް މަޝްރޫއުތައް ނިންމުމަކީ އަމާޒު ކަމަށް މޫކޭ ވިދާޅުވިއެވެ.

އެގޮތުން އާރްޑީސީން އަތޮޅުތެރޭގެ ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ތިން ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި އަމަލީ މަސައްކަތްތައް ކުރިއަށްދާކަން މޫކޭ ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
60%
40%
0%
0%
0%
0%
ކޮމެންޓް