ކ. މާލެ
|
14 ޖުލައި 2021 | ބުދަ 08:31
ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގެ ތެރެއިން
ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގެ ތެރެއިން
މަޖިލިސް
އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕްގެ ކުރިމަގު
ސުޕަރ މެޖޯރިޓީއަށް ދެން ވާނީ ކިހިނެއް؟
 
ކުރިޔަށް އޮތް ދައުރުގައި ބަހުގެ ހަމަލާތަކުގެ އަޑުތައް ގަދަވާނެކަމަށް ބެލެވޭ
 
ރައީސް ނަޝީދުގެ ފަޅީގެ މެމްބަރުން ވަނީ ރައީސް ސާލިހުގެ އިސްތިއުފާއަށްވެސް ގޮވާފައި
 
އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފައި

19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ތަފާތު މަޖިލީހަކަށްވާ އެއް ސަބަބަކީ އެއް ޕާޓީއަކަށް ސުޕަރ މެޖޯރިޓީ ލިބުމެވެ. މިހާތަނަށް އެއްވެސް ޕާޓީއަކަށް ރައްޔިތުން ނުކުރާވަރުގެ އިތުބާރު އެމްޑީޕީއަށް ކުރުމަށްފަހު 87 މެމްބަރުން ހިމެނޭ މަޖިލީހުގެ 65 ގޮނޑި ރައްޔިތުން ވަނީ އެމްޑީޕީއަށް ދީފައެވެ. އެއީ މިހާތަނަށް އެއްވެސް ޕާޓީއަކަށް ރައްޔިތުން ކުރި އިތުބާރެއް ނޫނެވެ. ވަކިން ޚާއްސަކޮށް ސަރުކާރު ހިންގާ މައި ޕާޓީއަށް އެވަރުގެ އިތުބާރެއް ރައްޔިތުން ކޮށްފައެއްނުވެއެވެ.

ކޮންމެއަކަސް 65 މެމްބަރުންގެ ސުޕަރމެޖޯރިޓީ އާއެކު 19 ވަނަ ރައްޔިތުންގެ މަޖިލިސް ކުރިއަށްދަނީއެވެ. ރައްޔިތުން ބޭނުންވަނީ ސަރުކާރުގެ ސިޔާސަތުތައް ފަސޭހައިން ތަންފީޒުކުރެވުމުގެ މަގު މަޖިލީހުން ފަހިކޮށްދިނުމެވެ. ސުޕަރ މެޖޯރިޓީއާއެކު ސަރުކާރުން ބޭނުންވާ ގޮތަށް ގިނަ ކަންކަން ކުރުމުގެ މަގު ވަނީ ފަހިވެފައެވެ. ޖަލްސާތަކަށް ބަލާލިނަމަވެސް އަޑުއިވިގެންދަނީ ސަރުކާރު ދިފާއުކޮށް ދައްކާ ވާހަކަތަކެވެ. ބައެއް ފަހަރު މެމްބަރުން ކަންކަމާއި ނުރުހި ވަޒީރުންނަށް ބަހުގެ ހަމަލާތައް ރައްދުކުރިނަމަވެސް މައިގަނޑުގޮތެއްގައި ފެނިގެންދަނީ ސަރުކާރުން ކުރަމުންދާ ކަންކަމަށް ތައުރީފްކޮށް ސަރުކާރު ޕްރޮމޯޓްކުރުމުގެ މަސައްކަތެވެ. މަޖިލީހުގައި ތިބި މަދު އިދިކޮޅު މެމްބަރުން ސަރުކާރަށް ފާޑުކިޔާ އެއްޗެއް ވިދާޅުވާން ފައްޓަވާއިރަށް ސަރުކާރުގެ ދިފާއުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުން ފުލުފުލުގައި ނިޒާމީ ނުކުތާ ނަންގަވާ އިދިކޮޅު މެމްބަރުންނަށް އެފުރުސަތެއް ނުދެއްވައެވެ. ރިޔާސަތުންވެސް އެކަމަށް ޖާގަދީގެން ކުރަމުން އަންނަ މިކަމަކީ އެތައް ފަހަރަކު ތަކުރާރުކޮށް ފެނިފައިވާ ކަމެކެވެ.

ނަމަވެސް އެންމެ ފަހުން ބޭއްވި ޖަލްސާތަކަށް ބަލާއިރު މަންޒަރު ބަދަލުވާން އުޅޭކަމުގެ ކުލަވަރު ވަނީ ފެނިފައެވެ. އޭގެތެރެއިންވެސް އެންމެ ފަހުން ދެ ވަނަ ދައުރު ނިންމާލުމަށް ޖުލައި 8 ގައި ބޭއްވި ޖަލްސާތަކުގެ ތެރެއިން އެއް ޖަލްސާއަކީ ފާހަގަކޮށްލެވޭ ޖަލްސާއެކެވެ. އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއެކު ހާމަކަން ބޮޑުގޮތެއްގައި ޕާޓީގައި އުފެދިފައިވާ ދެ ފެކްޝަންގެ އަސަރު ވަނީ ވަރަށް ރަނގަޅަށް ޖަލްސާގެ ތެރެއިން ފެނިގެންގޮސްފައެވެ. ޕާޓީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަން ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރާ މެމްބަރުންނާއި ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި ބަދަލުކުރެވުނު ބަހުގެ ހަމަލާތަކަކީ ބިޔަ ބޮޑު އެމްޑީޕީ ބައިވެފައިވާކަން އަންގައިދޭ ވަރުގަދަ ހެއްކެކެވެ. ސަރުކާރަށް ފާޑުކިޔުމަށް އިދިކޮޅު މެމްބަރުން ކޮންމެހެން ބޭނުންނުވާނެޔޭ ހިތަށް އަރާ މިންވަރަށް އެދުވަހުގެ ޖަލްސާގައި ބަހުގެ ހަމަލާތައް ވަނީ އަމާޒުކޮށްފައެވެ.

އެދުވަހުގެ ޖަލްސާގައި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލް ދިރާސާކުރި ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރައްވަމުން ރައީސް ނަޝީދަށް ތާއީދުކުރާ ބައެއް މެމްބަރުން ވަނީ ރައީސް ސާލިހުގެ އިސްތިއުފާއަށްވެސް ގޮވާފައެވެ. އަދި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގައި ތިބި 65 މެމްބަރުންނަކީ "ފިނޑި 65 މެމްބަރުންގެ" ގޮތުގައިވެސް މެމްބަރެއްގެ ފަރާތުން ސިފަވެގެންދިޔައެވެ.

ކޮންމެ އަކަސް މިއޮޑިއެއް ނުފެތޭނެ، ވެއްޓޭ ވަރަށް ވުރެ ބާރަށް ތެދުވެ ދުއްވައިގަންނާނަން، ޚިޔާލު ތަފާތުވުން އޮތަސް އެމްޑީޕީއަކީ ކަންކަން ހައްލުކުރަން ދަންނަ ޕާޓީއެކޭ ކިޔައި މިހުރިހާ ދުވަހު ގޮވަމުންދިޔަ ގޮވެލި ފައްޗަކީ މިހާރު އެހެންވާން އޮތް ކަމެއް ނޫންކަން މިއަންނަނީ އިރު އަރައިގެން އަންނަ ކޮންމެ ދުވަހަކާއެކު ސާބިތުވަމުންނެވެ. ރައީސް ނަޝީދު ބޮޑުވަޒީރުކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވެ، ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ބޭނުންފުޅުވުމާއި، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއަށް އިންސާފު ލިބުން ލަސްވުމަކީ މިވަގުތު އެމްޑީޕީއަށް ދިމާވެފައިވާ ހައްލުކުރަން ބޮޑެތި މައްސަލަތަކަކަށް ވަނީ ވެފައެވެ.

ރައީސް ނަޝީދު ބޮޑުވަޒީރުކަމަށް ވަޑައިގަންނެވުމުގައި ކުރީގެ ރައީސް އަދި އެންމެ ބޮޑު ވާދަވެރިޔާ ރައީސް ޔާމީނާއެކު މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ހާމަކުރެއްވުމާއި ރައީސް ސާލިހާއެކު ސިޔާސީ މަސައްކަތް ކުރެވެން ނެތްކަމަށް ވިދާޅުވުމަކީ އެމްޑީޕީ ދެން ބިޔަ ބޮޑު ލަޝްކަރުގެ ގޮތުގައި ނޯންނާނެކަން ޔަގީންވާ ކަންކަމެވެ. މިކަންކަމުގެ ތެރޭގައި ހަމައެކަނި ފާޅުގައި ބަސް ވިދާޅުވާ ބޭފުޅަކީ ރައީސް ނަޝީދުކަމަށްވިޔަސް ރައީސް ސާލިހުގެ ފަރާތުން ވާހަކަދައްކަވާ ބޭފުޅުންގެ ބަސްމަގަށް ބަލާއިރު މިއީ ދިގު ދެމިގެންދާނެ ހަނގުރާމައެއްކަން މިހާރު ވަނީ ޔަގީންވެފައެވެ.

ރައީސް ސާލިހުގެ ދިފާއުގައި ވާހަކަދައްކަވާ މެމްބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ހިމެނެެއެވެ. އެމެމްބަރުން ސަރުކާރު ދިފާއު ކުރެއްވުމުގެ އިތުރުން ރައީސް ސާލިހު ދިފާއުކުރެއްވުމުގެ މަސައްކަތްވެސް އަންނަނީ ކުރައްވަމުންނެވެ. ދައުރު ނިމިގެންދިޔައިރު ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރެވުނު ބަހުގެ ހަމަލާތަކާއެކު މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު ތިން ވަނަ ދައުރުގައި މިއަޑުތައް އިތުރަށް ގަދަވާނެކަމަކީ މިހާރު ޔަގީންކަމެކެވެ.

އެނގޭ ކަމަކީ 65 މެމްބަރުންގެ ތެރޭގައި ގިނައީ ރައީސް ސާލިހަށް ތާއީދުކުރައްވާ މެމްބަރުންކަމެވެ. މީގެތެރެއިން ބައެއް މެންބަރުންނަކީ ފާޅުގައި އެކަން ހާމަކުރައްވަމުން ގެންދަވާ މެމްބަރުންނެވެ. އަނެއް ބައި މެމްބަރުންނަކީ އެއްޗެއް ވިދާޅުނުވެ ފަރުދާގެ ފުރަގަހުގައި ތިބެގެން އެކަން ކުރައްވަމުން ގެންދަވާ މެމްބަރުންނެވެ. ރައީސް ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ އާންމު ބައެއް މެމްބަރުން ދެކޭގޮތުގައި ފާޅުގައި ރައީސް ނަޝީދަށް ތާއީދުކޮށް މެމްބަރުން ވާހަކަނުދައްކަވާ މައިގަނޑު ސަބަބަކީ އެމެމްބަރުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކުގެ މަޝްރޫއުތަކެވެ.

މިޒާތުގެ އަޑުތަކެއް މީގެކުރިން މަޖިލީހުގެ ތެރެއިން އިވިފައިވެސްވެއެވެ. އަދި މިފަހުންވެސް ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރަކު އެމޭރެމުން ވަނީ ވާހަކަދައްކަވާފައެވެ. ރައީސް ސާލިހަށް ތާއީދުކުރާ މެމްބަރުންގެ ދާއިރާތަކުގެ ކަންކަން ފަސޭހައިންވެފައި ރައީސް ނަޝީދުގެ ފަޅީގައި ތިއްބަވާ މެމްބަރުންގެ ދާއިރާތަކުގެ މަޝްރޫއުތަކަށް މަޑުޖެހުން އަންނަ ވާހަކައެވެ. އެކަންކަމަށް ރައްދުދެއްވަމުން ވަޒީރުން ވަނީ މަޝްރޫއުތައް ހިންގުމުގައި ވަކި މެމްބަރަކަށް ނުބައްލަވާކަމަށް މަޖިލީހުގައި ވިދާޅުވެފައެވެ.

ކޮންމެއަކަސް މިދައްކަނީ އެއްބަޔެއްގެ ވާހަކައެވެ. އެމްޑީޕީގެ ވާހަކައެވެ. އަބަދުވެސް ބުނަނީ އެމްޑީޕީއަކީ ފިކުރެކެވެ. އެފިކުރުގެ ތެރޭގައިވެސް ޚިޔާލު ތަފާތުވުންތައް އޮންނާނެތާއެވެ. ނަމަވެސް ހައްލުނުކުރެވޭ ވަރަށް ޚިޔާލު ތަފާތުވެ އެއްބަޔަކު އަނެއްބަޔަކަށް ކޮށްދިން ކަންތަކުގެ ގުދޯގުދޯ ގޮވާ ހިސާބަށް ދިޔުމުން ސުޕަރމެޖޯރިޓީއަށް ވާން މިއުޅެނީ ކީއްބާއޭ ހިތަށް އަރައެވެ.

ރަށު ތެރޭގައި ދެކެވޭ ވާހަކަތަކަށް ބަލާލާއިރު ރައީސް ނަޝީދުގެ ފަޅީގައި ތިއްބެވީ އެންމެ ގިނަވެގެންވެސް 16 މެމްބަރުންނެވެ. އެއަށްވުރެ އެއަދަދު ގިނަ އެއް ނުވާނެއެވެ. އެހެންވިއިރު އަދިވެސް ރައީސް ސާލިހުގެ ފަޅީގައި 49 މެމްބަރުން އެބަތިއްބެވިއެވެ. އެއީ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް ގިނަ މެމްބަރުންނެވެ. އަދި މަޖިލީހުގެ ތެރެއިން އެއް ބަޔަކަށް ކަމެއް ނިންމާލުމަށް ފަސޭހަ އަދަދެކެވެ. އެހެންކަމުން ރައީސް ނަޝީދު ގެންގުޅުއްވާ ބޮޑުވަޒީރު ކަމުގެ ހުވަފެންފުޅުގައި ޝާމިލްވާ ޕީޕީއެމްގެ މެމްބަރުން ހިމަނައިގެންވެސް ރައީސް ނަޝީދު ބޭނުންފުޅުވާ ކަމެއް މަޖިލީހުގެ ތެރެއިން ކުރެވޭކަށް ނޯންނާނެއެވެ.

65 މެމްބަރުންވެސް މަޖިލީހަށް އިންތިޚާބުވެފައި އެތިބީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައެވެ. އެޖެންޑާ 19ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން ކުރިޔަށް ގެންދިޔަ ކެމްޕެއިންތަކަކީ ރައީސް ސާލިހުގެ އިތުރުން ރައީސް ނަޝީދުވެސް ބައިވެރިވެވަޑައިގެން ކުރިޔަށް ގެންދިޔަ ކެމްޕެއިންތަކެކެވެ. ނަމަވެސް ވަކި ހިސާބަކުން އުފެދުނު ޚިޔާލު ތަފާތުވުންތަކާއެކު އެއްގަލަކަށް އެރޭވަރު ނުވުމުން މެމްބަރުންވެސް މިވަނީ ދެ ބަޔަކަށް ބެހިފައެވެ.

މީގައި ފާހަގަކޮށްލަން ޖެހޭ އަނެއްކަމަކީ 65 މެމްބަރުންގެ ތެރޭގައި މިއިން އެއްވެސް ބޭފުޅަކަށް ތާއީދުކޮށްވެސް ދެކޮޅަށްވެސް އެއްޗެއް ވިދާޅުނުވާ މެމްބަރުން ތިއްބެވިކަމެވެ. ހިތާހިތުން ވަކިކޮޅެއް ނަންގަވައިގެން ވަކި އެއްޗެއް ވިދާޅުނުވެ އެމެމްބަރުންވެސް ކޮންމެސް ކޮޅަކަށް ތާއީދުކުރާނެތާއެވެ. މިއާއެކުވެސް ދެންވެސް އުފެދޭ ސުވާލަކީ 65ށް ދެން ވާނީ ކިހިނެއްހެއްޔެވެ؟ ދެ ބައި ވާނީ ހެއްޔެވެ؟ ނުވަތަ 65 ގެ ގޮތުގައި ދައުރު ނިންމާލާނީ ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް އެމްޑީޕީއަށް ޕާޓީއެއްގެ ގޮތުގައި ފައިދާ އޮތީ 65 އެގޮތުގައި އޮތުމެވެ. ފެކްޝަންތައްވެސް އުވި އެއް ގަލަކަށް ހުރިހާ މެމްބަރުން އެރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
33%
67%
0%
0%
0%
ކޮމެންޓް