ކ. މާލެ
|
13 ޖުލައި 2021 | އަންގާރަ 20:01
އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝަން ލަޠީފު
އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝަން ލަޠީފު
އެލްޖީއޭ
އެޗްޕީއޭގެ އުސޫލުތައް ތަންފީޒުކުރުން
ރަށްރަށުގެ ކައުންސިލްތަކުން އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭ: އެލްޖީއޭ
 
ޝަކުވާތައް ލިބެމުންދާ ރަށްރަށުގެ ކައުންސިލްތަކަށް އެލްޖީއޭއިން ވަކިވަކިން ގުޅައި ނަސޭހަތް ދޭނެ
 
އެޗްޕީއޭގެ އުސޫލާ ފުށުއަރާގޮތަށް ބައެއް ކައުންސިލްތަކުން އަމަލުކުރަމުންދާކަމުގެ ޝަކުވާ ލިބޭ

ރަށްރަށުގެ ކައުންސިލްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކާއި އެންގުންތަކާ އެއްގޮތަށް އަމަލުކުރުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އިލްތިމާސްކޮށްފިއެވެ.

ދެވުނު ލުއިތަކާއެކު އަތޮޅުތެރޭގެ ރަށްރަށަށް ގިނަ ބަޔަކު މިހާރު ދަނީ ދަތުރުކުރަމުންނެވެ. ނަމަވެސް ބައެއް ރަށްރަށުގެ މީހުން އެކަމާ ނުރުހުން ފާޅުކުރެއެވެ. ރަށްރަށުގައި އެޗްޕީއޭގެ އުސޫލުގެ އިތުރުން އައު އުސޫލުތައް ނެރެގެން އެކަން ތަންފީޒު ކުރަމުންދެއެވެ. އެރަށެއްގެ ރައްޔިތުން ނޫން ބަޔަކު އެރަށަކަށް ނޭރުވުމާއި، ހާލު ބެލުން ޕޯޓަލް މައްސަލައަކުން ރަޖިސްޓްރީ ނުވެވޭނަމަ ވެސް ރަށަށް ނޭރުވުމުގެ މައްސަލަތައް މިހާރު ދަނީ ފެންމަތިވަމުންނެވެ. އަދި އެޗްޕީއޭގެ އުސޫލަށް ވުރެ ހަރުކަށި އުސޫލުތަކެއް ކައުންސިލްތަކުން ގެންގުޅޭކަމުގެ ޝަކުވާ ލިބެމުންދެއެވެ.

މިކަމާގުޅިގެން ރާއްޖެއެމްވީއަށް އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝަން ލަޠީފު ވިދާޅުވީ، އެޗްޕީއޭގެ އުސޫލާ ފުށުއަރާ ގޮތަށް ބައެއް ކައުންސިލްތަކުން އަމަލުކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި، ސޯޝަލް މީޑިއާއިން ވެސް މިފަދަ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށެވެ. އެފަދަ ޝަކުވާތައް ލިބެމުންދާ ރަށްރަށުގެ ކައުންސިލްތަކަށް އެލްޖީއޭއިން ވަކިވަކިން ގުޅައި، އެގޮތަށް އަމަލުނުކުރުމަށް ނަސޭހަތް ދެމުންދާކަންވެސް އަފްޝަން ފާހަގަކުރެއްވިއެވެ.

މިދުވަސްވަރު ގިނަ އަދަދެއްގެ ބަޔަކު މާލެއިން ރަށްރަށް ދަތުރުކުރާނެކަން ފާހަގަކުރައްވައި އަފްޝަން ވިދާޅުވީ ކަރަންޓީންވުމަކާނުލައި ދަތުރުކުރުމުގެ ހުއްދަ ދީފައިމިވަނީ ހަނި ފުރުސަތެއްގެ ތެރެއިން ކަމަށްވާއިރު، އެއްވެސް މީހެއްގެ ހައްގަށް އުނިކަން ލިބޭގޮތަށް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ދަތުރުކުރާ ފަރާތްތަކުން ވެސް ބަލި ރައްކާތެރިވުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމަށާއި، އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ވެކްސިންގެ 2 ޑޯޒް ޖެހުމަށްފަހު 14 ދުވަސް ފުރިހަމަވެފައިވާނަމަ ނެގެޓިވް ޕީސީއާރް ޓެސްޓާއެކު ރަށަށް ދެވޭ ގޮތަށް ހުޅުވާލީ މާލެ ސަރަހައްދުގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް 5 އިންސައްތައިން ދަށްވުމާއި ގުޅިގެންނެވެ. މިރޭޓް ކިރިޔާ މައްޗަށް ޖެހިލާއިރަށް މިފުރުސަތު ގެއްލޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
33%
50%
0%
0%
17%
0%
ކޮމެންޓް
14 ޖުލައި 2021 | ބުދަ 10:17
އަހަންމަދާ
ދެން ކީކުރާ ކައުންސިލެއް އެލްޖީއޭ އިން އަންގާ ގޮތަށްކަން ކުރަން ތިބޭ ބައެއް ވިއްޔާ ކަމަކު ނުދޭ. އެމީހުން ހޮވީ ރައްޔިތުން. ރައްޔިތުން ބޭނުންވާ ކަަންކަން އެމީހުން ކުރަން ޖެހޭނެ. އެހެންނޫނީ އެލްޖީއޭ އިން މުވައްޒަފުން ކައުންސިލަށް ފޮނުވާ ރައްޔިތުން ކޮންމެހެން ކައުންސިލަރުން ހޮވާނެ ކަމެއް ނެތް. ރައްޔިތުން ހޮވާ ކައުންސިލަރުންނަށްވެސް އިނގޭނެ ކޮވިޑް ކޮންޓްރޯލްކޮށްގެން އުޅެން. އެއްވެސް ބާރެއް ނެތް ގޮތަށް ކައުންސިލަރުން ބޭތިއްބީމަ ލާމަރުކަޒީއާ އެހެން މަރުކަޒީ ވެއެންނު.