އާދީއްތަ ދުވަހު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 7000ށް ވުރެ އިތުރުކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.
އެންމެފަހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އާދީއްތަ ދުވަހު 7207 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. އެއާއެކު ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 235،615ށް އަރާފައެވެ.
އާދީއްތަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 306 މީހުންނެވެ. އެއާއެކު ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 318،756ށް އަރާފައެވެ. އެހެންކަމުން މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނާއި ދެވަނަ ޑޯޒް ޖެހި މީހުންގެ ދެމެދުގައި ވާ ފަރަގަކީ 83،141 އެވެ.
ފުރަތަމަ ޑޯޒް ޖެހި 306 މީހުންގެ ތެރެއިން 240 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަތޮޅުތެރެއިން ފުރަތަމަ ޑޯޒް ޖަހާފައިވަނީ 66 މީހުންނެވެ. ދެ ވަނަ ޑޯޒް ޖެހި މީހުންގެ 7207 މީހުންގެ ތެރެއިން 4051 މީހުން ވެކްސިން ޖަހާފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި 3156 މީހުންނަކީ އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންނެވެ.
ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި ސިނޮފަރމް ވެކްސިން އަދި ފައިޒަރ ވެކްސިނެވެ. މޭ މަހުގެ 2ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން މެދުކަނޑާލުމަށްފަހު އޭގެ ދެމަސް ފަހުން، ޖުލައި މަހުގެ 4 ވަނަ ދުވަހުން ފެށިގެން އަންނަނީ އެޕޮއިންޓްމަންޓް އުސޫލުން ދެ ވަނަ ޑޯޒް ޖަހަމުންނެވެ.
ސިނޮފަރމްގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖެހުމުގެ ކަންކަން ކުރިޔަށްދަނީ ސެނެހިޔާ އަދި ޓްރީޓޮޕް ހޮސްޕިޓަލްގައި، ހެނދުނު 9:00ން 11:00ށް ވެކްސިން އަށެވެ. މީގެ އިތުރުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް އެޕޮއިންޓްމެންޓަށް ހުޅުވާލާފައިވާއިރު، ފެބްރުއަރީ މަހާއި މާޗް މަހު މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެއްދުމަށް ވަނީ އެދިފައެވެ.
ވެކްސިން ލިބުމުގައި ދިމާވި ދަތިތަކަށްފަހު، ވެކްސިން ލިބުމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެފައިވަނީ މިހާރު ވެކްސިން ޖެހުމުގައި ދަތިކަމެއް ކުރިމަތިނުވެ، މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ.