ކ. މާލެ
|
12 ޖުލައި 2021 | ހޯމަ 18:57
ކުރީގެ ރައީސް ޔާމިން ޝަރީއަތަށް ހާޒިރުކުރުން -- ފޮޓޯ : ޔޫސުފް ސޮފްވާން
ކުރީގެ ރައީސް ޔާމިން ޝަރީއަތަށް ހާޒިރުކުރުން -- ފޮޓޯ : ޔޫސުފް ސޮފްވާން
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް ޔާމީން ގެއަށް ބަދަލުކުރުން
ހުކުމަކާއެކު ގޭގައި އޮވެ ސިޔާސީ ހަރަކާތް ހިންގަން ދޫކޮށްލަނީތަ؟
 
ގައިދީން ޖަލަށް ބަދަލުކުރުމާމެދު އީދަށްފަހު ގޮތެއް ނިންމާނެ ކަމަށް ކަރެކްޝަނުން ބުނި
 
ހައި ރިސްކު ގައިދީން ވަނީ ގެއަށް ބަދަލުކޮށްފައި

ނޮވެމްބަރު 28، 2019ގައި ފަސް އަހަރުގެ ހުކުމެއް އިއްވީ މަނީ ލޯންޑަރިންގެ ބޮޑު މައްސަލައެއްގައެވެ. މުޅި ރާއްޖެވެސް މިހާތަނަށް ދުށް އެންމެ ބޮޑު ވައްކަން ތަހުގީގުކޮށް އެއޮތީ ޝަރީއަތް ނިންމާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޒައާމަތުގައި ފަސް އަހަރު ވަންދެން މުޅި ދައުލަތް ދޮވެލައި ހިންގި ބޮޑު ކޮރަޕްޝަނުގެ ބޮޑުބައި އަދި އޮތީއެވެ. އެކަމަކު ދައްކަން މިއުޅެނީ އެމަނިކުފާނުގެ ކުށް ގިނަ ވާހަކައެއް ނޫނެވެ.

ރާއްޖޭގެ މުޅި ތާރީޚުވެސް ދެކެފައި ނުވާ ސާފުތާހިރުކަމަކާއެކު މުޅި ދައުލަތެއް ދޮވެލި ވެރިއަކު ކޮރަޕްޝަނާއި ވައްކަމަށް ޒީރޯ ޓޮލަރެންސް ގެންގުޅޭ ވެރިންތަކެއްގެ ލޯމަތީ މިނިވަންވެގެން އުޅޭ ވާހަކައެވެ. ޔާމީނު ހިންގަވާފައިވާ ކޮރަޕްޝަނުގެ ބިޔަ ކަމުގެ ވާހަކައިން ފަށައިގެން އެ މައްސަލަ ބަލާ ނިމޭއިރު އެތައް އަހަރެއްގެ ޖަލު ހުކުމާއި އެތައް ޖުރިމަނާއެއް ވެސް އަންނަން އޮތް އިރު، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކާ ނުލާ ޒީރޯ ޓޮލަރެންސް ޕޮލިސީގެ ބޭރުން ވީއްލިގެން އުޅޭ ވާހަކައެވެ. ސަރުކާރުގެ ހެޔޮފުޅުކަމުން ދީފައިވާ ލުޔެއްގެ ނާޖާއިޒު ފައިދާ ނަގާ ވާހަކައެވެ.

ކޮވިޑް-19ގެ ހާލަތު ގޯސްވެ، މާފުށީ ޖަލުގެ އޮފިސަރުން ވެސް ޕޮޒިޓިވްވެ ޖަލުގައި ބަލި ފެތުރުމުގެ ސަބަބުން، ޖަލުގައި ތިބި ގައިދީންގެ ތެރޭގައި ރައީސް ޔާމީން ހިމެނިގެން ދިއުންވީ އެމަނިކުފާނަށް ލިބުނު ހީނުކުރާހާ ބޮޑު ލުޔަކަށެވެ. ހައި ރިސްކު މީހުން މީގެ ދެމަސް ކުރިން ގެއަށް ބަދަލުކުރި އިރު އޭގެ ތެރޭގައި ރައީސް ޔާމީން ވެސް ހިމެނިވަޑައިގެން، ގޭދޮށުގައި އިންތިޒާރުގައި ތިބި ސަޕޯޓަރުންނަށް ހަނާއަޅުއްވަމުން ގެއަށް ވަޑައިގެންނެވީ ދެން މި މިނިވަންވީއޭ ހިތާ ކަމަށްވެސް ވެދާނެއެވެ.

މުޅި ގައުމުގެ ބަޖެޓު އެއްކޮށް ދޮވެލި ވެރިޔާ މިއަދު އެ ހުންނެވީ ގޭގައި އާއިލާގެ ގާތުގައެވެ. ސަރުކާރުން ދިން ލުއިގެ ނާޖާއިޒު ފައިދާ ނަންގަވަނީ އެހެނަކުން ކިޔާފައެއް ނޫނެވެ. ގެއަށް ބަދަލުކޮށް މާކަގިނަ ދުވަހެއް ނުވަނީސް ދެން ލިބުނީ ޓެލެގްރާމާއި ވަޓްސްއެޕްގައި އެމަނިކުފާނު އެކްޓިވްވި ކަމުގެ ނޯޓިފިކޭޝަނެވެ. ގޭގައި ހުންނަވައި ފޯނު ބޭނުންކުރައްވާ ސިޔާސީ ހަރަކާތްތައް ފެއްޓެވީއެވެ.

ކޮވިޑް-19 ލޮކްޑައުންގައި ގޭގަ ހުރި މީހެކޭ ރައީސް ޔާމީނެކޭ ތަފާތެއް ނެތުނީއެވެ. އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތަކުގެ ވާހަކަ ބޭރުވެ ދައްކަމުން އަންނަނީ ސީދާ އެމަނިކުފާނުގެ ސިޔާސީ ބައިވެރިންނެވެ. ޕީޕީއެމްގެ ހިންގުމާއި ރާގުން ވެސް އެކަން ވަރަށް ސާފެވެ.

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ވައުދާއެކު އައި ސަރުކާރަކަށް ފެންނަ ހިސާބުގައި ހާމަކަން ބޮޑުގޮތެއްގައި މިވަރު ކަންކަން ހިންގާ ނިމޭއިރު، އެކަން ނުފެންނަނީތޯ؟ ނޫނީ ނޭނގެނީތޯ ސުވާލު އުފެދެއެވެ. މުސްކުޅިން ބުނާތީ އަހަމެވެ. ދުނިޔޭގައި އުޅެންވާނީ ބައެއް ފަހަރު އިވޭ ކަންފަތުން ނީވޭ ކަމަށް އަދި ފެންނަ މަންޒަރު ނުފެންނަ ކަމަށް ހަދައިގެންނެވެ. އެކަމަކު ގައުމުގެ ވެރިންނަށް މި މަންޒަރު ނުފެނުން، އަދި އަޑުތައް ނީވުމަކީ ހައްލެއް ހެއްޔެވެ.

މިކަމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުވެސް ބަލައިލީމެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވާ ގޮތުގައި މާފުށީ ޖަލުގެ ހާލަތު މިހާރު ރަނގަޅެވެ. އެކްޓިވް ކޭހެއްވެސް ނެތެވެ. އެހެންވީމަ ރައީސް ޔާމީން ސިޔާސީ ހަރަކާތް ހިންގަވަން ގޭގައި ހުންނެވުމުގެ ބޭނުމެއް ވެސް ނެތް ކަމަށް ގަބޫލުކުރެވެއެވެ. އެކަމަކު ލުއިދިން ގައިދީން އަނބުރާ ގެންދިއުމާމެދު ގޮތް ނިންމާނީ އީދު ބަންދަށް ފަހު ކަމުގައި ވެސް ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ސިޔާސަތުވެސް ވަރަށް ސާފެވެ. "ކަރެކްޝަނުން ބައްލަވާ ގޮތަކަށް ބައްލަވާފަ ނިންމަވާނެ، ވަކި ބޭފުޅަކަށް ލުއިތަކެއް ދޭން އަޅުގަނޑުމެން ނެތިން" މިއީ ސަރުކާރުގެ ޖަވާބެވެ.

އެކަމަކު ދެންވެސް ސުވާލު އުފެދެނީ ދޭތެރެ ދޭތެރެއިން މި އިވޭ ވާހަކަތަކާއި ފެންނަ މަންޒަރުތަކުންނެވެ. ހުކުމެއް އޮވެ ގޭބަންދުގައި ހުރެ ސިޔާސީ ހަރަކާތް ހިންގަން ދޫކޮށްލާފައި ބީރު ކަންފަތެއް ދިނުމަކީ ހައްލެއް ހެއްޔެވެ؟ ދެން އިވެނީ ސަރުކަރުގެ ބައެއް އިސް ބޭފުޅުން ރައީސް ޔާމީނާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކެވެ. މިއީ އަދި މުޅިން އެހެން ވާހަކައެކެވެ.

ކޮންމެއަކަސް ރައީސް ޔާމީން ހުންނެވީ ގޭގައެވެ. މިނިވަންކަން މަތީގައެވެ. އެމަނިކުފާނުގެ މައްޗަށް މިހާރުވެސް ހަ ދައުވާއެއް ކޮށްފައި އޮތް އިރު، އަދިވެސް އިތުރު ދައުވާތައް އޮތީއެވެ. މަދަކުން ވެސް ނޫނެވެ. ރިސޯޓުތަކާއި ފަޅުތަކާއި ރަށްތަކުގެ ލިސްޓު ކޮޅުންލުމެއް ނެތެވެ. ގޭގަ އޮތަސް ޖަލުގައި އޮތަސް ހުކުމް ވާނީ ހުކުމަށެވެ. ދެއްކިޔަސް ނުދެއްކިޔަސް ޖޫރިމަނާ ވާނީ ޖޫރިމަނާއަށެވެ. ދެން ސުވާލަކީ ހުކުމަކާއެކު ގޭގަ އޮވެ ސިޔާސީ ހަރަކާތް ހިންގަން ދޫކޮށްލަނީތޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
50%
0%
0%
17%
0%
33%
ކޮމެންޓް
12 ޖުލައި 2021 | ހޯމަ 19:22
މަސްވެރިޔާ
އަސަރެއް ކޮށްލާނީ! ޔާމީން ގޭގަ ހުއްޓަ، ޔާމީންގެ ފައިބުޑަށް ވެއްޓިގަނެއްޖެ!