ޗައިނާގެ ކުންފުނިތަކުން އިނގިރޭސިވިލާތުގެ ކުންފުނިތަކުގެ ކޮންޓްރޯލް ނަގަމުން އަންނާތީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޗައިނާގެ ކުންފުނިތަކުން އިނގިރޭސިވިލާތުގެ ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ ކޮންޓްރޯލް ނަގާކަމުގެ އަޑު ފެތުރުނީ މިދިޔަ ހޯމަ ދުވަހު ޗައިނާގެ ނެސްޕީރިއާ ކުންފުނިން އިންގްލެންޑްގެ ނިއުޕޯޓް ވެފަރ ކުންފުނީގެ ކޮންޓްރޯލް ނަގާފައިވާކަން އިއުލާން ކުރުމާއެކުގައެވެ. ނިއުޕޯޓް ވެފަރ ކުންފުންޏަކީ އިންގްލެންޑުގައި ސިލިކޯން ޗިޕްސް އުފައްދާ އެންމެ ބޮޑު އެއް ކުންފުނިވެސްމެއެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ކުންފުނި ނެސްޕީރިއާއިން ގަނެފައިވަނީ 116 މިލިއަން ޑޮލަރަށެވެ. ނަމަވެސް ނެސްޕީރިއާއިން ނިއުޕޯޓް ވެފަރ ގަތް އަގެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ބޮރިސް ވިދާޅުވީ އެންޓި ޗައިނާ ކެމްޕެއިނުގައި އެމަނިކުފާނު ބައިވެރިވާން ބޭނުންފުޅުނުވާ ކަމަށެވެ. ނަމަވެސް އެހެން ގައުމުތަކުގެ ވިޔަފާރި އިނގިރޭސިވިލާތުގައި ފުޅާކުރުން އެއީ އެމަނިކުފާނު އެންމެ ބޭނުންފުޅުވާ ގޮތް ނޫން ކަމަށާއި، އިނގިރޭސިންނަށް ކުންފުނިތަކުން މަންފާ ހޯދަން އެނގޭނެ ކަމަށެވެ.
ޗައިނާގެ ކުންފުނިތަކުން އިނގިރޭސި ކުންފުނިތަކުގެ ކޮންޓްރޯލް ނަގަމުން އަންނަ ކަމަށް ބުނާއިރު، މީގެ ކުރިން ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ ޗައިނާގެ ކުންފުނިތަކުން ޔޫރަޕްގެ ކުންފުނިތަކަށް ފާރަލަމުން އަންނަ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ފްރާންސް އާއި ޖަރުމަނު ހިމެނެއެވެ.