ކ. މާލެ
|
10 ޖުލައި 2021 | ހޮނިހިރު 13:28
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
241 ކޮމިޓީން ކުރިއަށްގެންދިޔަ އިންކުއަރީ
241 ކޮމިޓީގެ އިންކުއަރީ ރިޕޯޓު އަދި ރަސްމީކޮށް ރައީސާއި ހިއްސާކޮށްފައެއް ނުވޭ
 
ރައީސް ނަޝީދު ވިދާޅުވީ މި ރިޕޯޓަކީ މިފަހުން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ރިޕޯޓުތަކުގެ ތެރެއިން ފުރިހަމަ ރިޕޯޓެއް ކަމަށް
 
މަޖިލީހުން އާންމު ކޮށްފައިވާ ރިޕޯޓު ކަމާ ގުޅޭ އިދާރާތަކުން މިހާރު ދަނީ ދިރާސާ ކުރަމުން

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ފެއިލްވިގޮތުގެ އިންކުއަރީ ރިޕޯޓު އަދި ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަމަދު ސާލިހާއި ހިއްސާކޮށްފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހިންގާފައިވާ އިންކުއަރީގެ ރިޕޯޓު ރަސްމީކޮށް އަދި ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައި ނުވި ނަމަވެސް، މަޖިލީހުން އާންމު ކޮށްފައިވާ ރިޕޯޓު ކަމާ ގުޅޭ އިދާރާތަކުން މިހާރު ދަނީ ދިރާސާ ކުރަމުން ކަމަށެވެ.

ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރެއެވެ. ރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުރިޔަށްދިޔަ މިދައުރުގެ ފަހު ޖަލްސާގައި މިރިޕޯޓް ހުށަހަޅުއްވާ ރިޕޯޓަށް މެމްބަރުން ވަނީ ބަހުސްކުރައްވާފައެވެ. އެގޮތުން ރިޕޯޓަށް ބަހުސްކުރެއްވުމަށް އެދިވަޑައިގެންނެވި ހުރިހާ މެމްބަރުންނަށް ވަނީ ފުރުސަތު ދެއްވާފައެވެ. ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ފެށުނު ޖަލްސާ ނިމިފައިވަނީ ފަތިހު 3:55 ހާއިރުއެވެ.

މިރިޕޯޓްގައި 242 ސަފުހާ ހިމެނޭއިރު ފާހަގަކުރެވުނު 205 ކަމެއް ވަނީ ހިމަނާފައެވެ. މިއީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތު ހިމެނޭ ރިޕޯޓަކަށް ވާތީ މި ރިޕޯޓްގެ ބައެއް މައުލޫމާތުތަކީ ސިއްރުކޮށްފައިވާ މައުލޫމާތުތަކެވެ. އެހެންނަމަވެސް އިންކުއަރީ ރިޕޯޓްގެ ފުރިހަމަ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރަށް އަރުވާނެކަމަށް ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ ތަހުގީގާ ގުޅޭ މައުލޫމާތާއި ސީދާ ބައެއް ފަރާތްތަކުގެ ނަންތައް ހިމެނޭތީ އާންމުކުރާ ރިޕޯޓްގައި އެތަންތަން ހުންނާނީ އުނިކުރެވިފައެވެ. ނަމަވެސް އެމައުލޫމާތުތައް އުނިކުރެވޭ ސަބަބު ބަޔާންކޮށްފައިވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކޮމިޓީ ރިޕޯޓުގައި ޖުމްލަ 45 ރިކޮމެންޑޭޝަނެއް ހިމެނެއެވެ. މީގެތެރޭގައި ސިފައިން ހަތިޔާރާއެކު ރައީސް ނަޝީދުގެ ގެކޮޅު މޮނިޓަރ ކުރުން ހިމެނެއެވެެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ރައީސް ނަޝީދަށް ތްރެޓް އޮތްހާ ދުވަހަކު އެމަނިކުފާނަށް ޑިފެންސް އިންޓެލިޖެންސް ސާރވިސް އިން ކަނޑައަޅާ ގޮތެއްގެ މަތިން ތްރެޓް ލެވެލާ އެއްވަރުގެ ސެކިއުރިޓީ ދިނުމާއި، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގައި ހުރިހާ ވަގުތެއްގައި ސިފައިން ހަތިޔާރައެކު ފޯރި މެރުން ހިމެނެއެވެ.

އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކެމެރާއިން މޮނިޓަރ ކުރުމާއި އިވެކުއޭޝަން ޕްރޮސީޖަރ ކަނޑައަޅައި ކްލޯޒް ޕްރޮޓެކްޝަން ޓީމް އެގޮތަށް ތަމްރީނު ކުރުމާއި، ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތުގައި އެހީތެރިކަން ހޯދުމާއި، އެމަނިކުފާނު ބޭނުން ކުރައްވާ ކާރުކޮޅަކީ ސްޓޭންޑަރޑް ކާރުކޮޅެއްކަން ކަށަވަރުކުރުމާއި، ކްލޯޒް ޕްރޮޓެކްޝަން ޓީމްގައި އީއޯޑީ ތަމްރީނު ފުރިހަމަ ކޮށްފައިވާ މީހުން ހިމެނުމާއި، ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމާއި، އަހަރަކު އެއް ފަހަރު ރިފްރެޝް ކުރުމުގެ ޕްރޮގްރާމް ހިންގުމަށް ވަނީ ހިމަނާފައެވެ.

ގައުމީ ސަލާމަތާ ބެހޭ ކަންކަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަދި ފުލުހުންގެ ޚިދުމަތާއެކު މަޝްވަރާ ކޮށް ކަންކަމުގައި ހައްލު ހޯދައި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދު ހޯދުމަށް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއް އައްޔަން ކުރުމާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު ހަރުދަނާ ކުރުމާއި، ކައުންޓަރ ޓެރަރިޒަމްގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ބޭނުންވާ ކަންކަމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމާއި، އެކަންކަމަށް ހައްލު ހޯދުންވެސް ރިކޮމެންޑޭންޝަންތަކުގެ ތެރޭގައި ހިމެނެއެވެ.

ސިފައިންގެ ގާނުނު އިސްލާހުކޮށް އަސްކަރިއްޔާގެ ހިންގުމަށް ޒަމާނީ ބަދަލު ގެނައުމާއި، އިދާރީ ހިންގުމަށްވެސް ބަދަލު ގެނައުމާއި، އިންޓެލިޖެންސް ދާއިރާއަށް ޒަމާނީ ތަރައްގީ ގެނެސް އެއްފަހަރާ ގިނަ މައުލޫމާތު ރައްކާ ކުރެވޭ ސިސްޓަމްތައް ގެނައުމާއި، އިންޓެލިޖެންސް ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް އެކަށީގެންވާ ބަޖެޓެއް ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

މޭ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދީ ދައުލަތާމެދު ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމަށް ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި، އިންކުއަރީއަށް ފާހަގަކުރެވުނު ގޮތުގައި މަގާމުގެ މަސްއޫލިއްޔާތު އަދާ ކޮށްފައިނުވާ އަދި އެކަމުގައި އިހުމާލުވި މީހުންގެ ކަންކަން ބަލައި ފިޔަވަޅު އެޅުމަށާއި، ޓެރަރިޒަމް ފައިނޭސް ކުރުން ހުއްޓުމަށް ހުރިހާ މުއައްސަސާއަކުންވެސް މަސައްކަތްތައް ރާވައި އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ގޮވާލާފައެވެ.

މި ރިޕޯޓާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މި ރިޕޯޓަކީ މިފަހުން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ރިޕޯޓުތަކުގެ ތެރެއިން ފުރިހަމަ ރިޕޯޓެއް ކަމަށެވެ.

ކޮމެންޓް