ރިސޯޓް މުވައްޒަފުންގެ 97 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 6 ވަނަ ދުވަހާއި ހަމައަށް 97 އިންސައްތަ މުވައްޒަފުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު ދެވަނަ ޑޯޒް ޖަހާފައިވަނީ 72 އިންސައްތަ މުވައްޒަފުންނެވެ. ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު 318،142ށް އަރާފައިވާއިރު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދަކީ 219،661 އެވެ.
ރާއްޖޭގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ބާރަށް ކުރިއަށްދާއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަންޖެހޭ ވެކްސިންގެ ދެ ޑޯޒް ޖަހައި 14 ދުވަސް ފުރިހަމަކޮށް، ޕީސީއާރު ޓެސްޓު ނެގެޓިވްވުމުން ދަތުރުކުރެވޭ ގޮތަށް ސަރުކާރުން ލުއި ދީފައިވަނީ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ. މޮނިޓަރިންގެ ހާލަތުގައި ނެތް ރަށެއްގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުންނަށް، މޮނިޓަރިންގެ ހާލަތުގައި ނެތް އެހެން ރަށަކަށް، ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ދަތުރުކުރުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލީ ޖުލައި 8 ވަނަ ދުވަހުން ފެށިގެންނެވެ.
މި ލުއިތައް ދީފައިވާއިރު ސަރވައިލަންސްގެ ގޮތުގައި ރެންޑަމް ސާމްޕްލުން ހަދާ ޕީސީއާރް ޓެސްޓުގެ ނަތީޖާ މިގޮތަށް ދަތުރުކުރުމަށް ބޭނުންކުރެވޭނެ ކަމަށް އެޗްޕީއޭ އިން ފާހަގަކުރެއެވެ. އޭގެ އިތުރުން ރިސޯޓް މުވައްޒަފުންވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާނަމަ މޮނިޓަރިންގެ ހާލަތުގައި ނެތް އެހެން ރަށަކަށް، ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ކަރަންޓީންވުމަކާ ނުލައި ޖުލައި 8 ވަނަ ދުވަހުން ފެށިގެން ދަތުރުކުރެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ބައިނަލްއަގުވާމީ ދަތުރުވެރިންނަށް ވެސް ލުއިދިނުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ރާއްޖެ އައުމުގެ 96 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ނެގެޓިވް ޓެސްޓަކާއެކު އައުމުން ކަރަންޓީން ވާ މުއްދަތު 7 ދުވަހަށް ކުޑަކޮށް ކަރަންޓީން ރިލީސް ސާމްޕަލް ނެގުމަށް ވަނީ ނިންމާފައެވެ. މިގޮތަށް ޢަމަލުކުރެވޭނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބަލައިގަންނަ ވެކްސިނެއްގެ ދެ ޑޯޒް ފުރިހަމަކޮށް، 14 ދުވަސް ހަމަވެފައިވާ މީހުންނަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމުގައި ލުއި ދޭން ނިންމާފައިވާއިރު، މި ލުއިތައް މިގޮތަށް ދެވިފައި މިވަނީ މާލެ ސަރަހައްދުގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް ފަސް އިންސައްތައިން ދަށަށް ދިއުމުން ކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ.