ކ. މާލެ
|
9 ޖުލައި 2021 | ހުކުރު 22:40
މޫސުން
މޫސުން
ރާއްޖެއެމްވީ
މޫސުން ކުރިއަށް ލަފާކުރާ ގޮތް
މެދުރާއްޖެއަށާއި އުތުރަށް އުދައެރުމުގެ ފުރުސަތު އެބައޮތް: މޫސުމާއި ބެހޭ އިދާރާ
 
ދަންވަރު އެކެއް ޖެހުމާއި ހަމައަށް ހއ. އަތޮޅުން މާލެއަށް ވަނީ ޔެލޯ އެލާޓް ނެރެފައި
 
24 ގަޑިއިރު ފަހުން މެދުރާއްޖެ އާއި އުތުރުގެ ވިއްސާރަ މައިތިރިވާނެ

މެދުރާއްޖެ އާއި އުތުރަށް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތުގެ މައުލޫމާތު ރާއްޖެއެމްވީއާ ހިއްސާކުރަމުން އެ އިދާރާއިން ބުނީ ކުރިއަތް އޮތް 24 ގަޑިއިރު މެދުރާއްޖެއަށް ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި 15 މޭލާއި 25 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

ކުރިއަތް އޮތް 24 ގަޑިއިރު ފަހަނައަޅާ ދިޔުމުން މެދުރާއްޖެ އާއި އުތުރަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ މައިތިރިވާނެކަން ފާހަގަކޮށް އެ އިދާރާއިން ބުނީ 13 މޭލާއި 23 މޭލަށް ވައިޖެހޭނެ ކަމަށެވެ.

މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި މެދުރާއްޖެއާއި އުތުރަށް ކަނޑު ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުން މިގޮތަށް ލަފާކޮށްފައިވާއިރު ދަންވަރު އެކެއް ޖެހުމާއި ހަމައަށް ހއ. އަތޮޅުން މާލެއަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ ވަނީ ބުނެފައެވެ.

ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރު ރޭވުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. ދަތުރުކުރާ މީހުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި މުއާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ޚާއްސަކޮށް ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް