ޕަސިންޖަރުންގެ ޑިމާންޑު އިތުރުވުމާއި ގުޅިގެން ގަތަރު އެއަރވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.
ގަތަރު އެއަރވޭސް އިން ވަނީ އެ އެއަރލައިނުން ދުވާލަކު ތިން ދަތުރުކުރަމުން އައި އައުން ދުވާލަކު ހަތަރު ދަތުރަށް އިތުރުކޮށްފައެވެ. މި ބަދަލު ގެންނަނަން ނިންމީ މިއަހަރުގެ ހޫނު މޫސުމާއި ދިމާކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވާނެ ކަމަށް ލަފާކޮށްފައެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއެކު ގަަތަރު އެއަރވޭސް އިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލި ނަމަވެސް ބޯޑަރު އަލުން ހުޅުވާލުމާއެކު އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުތައް ފެށި އެއަރލައިނަކީ ގަތަރު އެއަރވޭސްއެވެ. އަދި ޑިމާންޑު އިތުރުވާން ފެށުމާއެކު ޑިސެމްބަރ 10 ވަނަ ދުވަހުން ފެށިގެން އެ އެއަރލައިނުން ވަނީ ރާއްޖެއަށް ދުވާލަކު ތިން ދަތުރުކުރުމަށް ނިންމާފައެވެ.
ގަތަރު އެއަރވޭސް އިން ވަނީ އެ އެއަރލައިނުން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް ދުވާލަކު ހަތަރު ފްލައިޓަށް އިތުރުކޮށް މިއީ ރާއްޖެއަށް ޒިތާރަތްކުރަން އެންމެ ރަނގަޅު ވަގުތުކަމަށް ބުނެފައެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ އެއް ސަރަހައްދަކީ މެދުއިރުމަތީގެ ގައުމުތަކަށް ވާއިރު، ގަތަރު އެއަރވޭސް އިން ދަނީ ދުނިޔޭގެ 65 ސަރަހައްދަކުން ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ. އަދި އެ އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމާ ގުޅިގެން ކުރިއަށް އޮތްތާގައި ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ގަތަރު އެއަރވޭސްގެ ފްލައިޓްތަކާއެކު ރާއްޖެއާއި ޔޫރަޕްގެ ގައުމުތަކާވެސް ގުޅާލަދެއެވެ. އެގޮތުން ޔޫރަަޕްގެ ގިނަ އަދަދެއްގެ ފަތުރުވެރިން ގަތަރު އެއަރވޭސްގެ ފްލައިޓްތަކުގައި ރާއްޖެއަށް އާދެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު 30 އެއަރލައިނަކުން ދަނީ ދަތުރުތައް ބާއްވަމުންނެވެ. މީގެތެރޭގައި ހިމެނެނީ ޝެޑިއުލް ދަތުރުތައް ކުރާ 21 އެއަރލައިނަކާއި ޗާޓަރު ދަަތުރުތައް ރާއްޖެއަށް ބާއްވާ 9 އެއަރލައިންއެކެވެ.