ހައްޖުމަހުގެ ފުރަތަމަ 10 ދުވަހަކީ މާތް ﷲ މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތައް ކަމަށާއި، މި ދުވަސްތަކުގައި ހެޔޮ އަމަލުކުރުން ގިނަކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
''ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން'' މި މައުޟޫގެ މައްޗަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ހައްޖުމަހުގެ ދިހަ ދުވަހުގެ މާތްކަމާއި، މަތިވެރިކަން ގިނަގުނަ ކަމަށާއި، މުސްލިމުންނަށް މާތް ﷲ ދެއްވާފައިވާ މި ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ ބަޔަކު ކަމުގައިވާން ޖެހޭ ކަމަށެވެ. ޚުތުބާގައި ބުނީ ހައްޖުމަހުގެ ފުރަތަމަ 10 ދުވަހަކީ މާތްﷲ ލައްވާފައިވާ އެންމެ މާތް ދުވަސްތައް ކަމަށާއި، މި ދުވަސްތަކުގައި މާތްﷲގެ މަތިން ހަނދުމަކުރުން އިތުރު ކުރަން ޖެހޭ ކަމަށެވެ.
ޚުތުބާގައި ބުނީ ހެޔޮކަން ބޮޑު ދުވަސްތަކުގައި ޞާލިޙު އަމަލުތައް ގިނަކޮށް، ﷲ ގެ ރުހިވޮޑިގަތުން ލިބޭތޯ ވާދަ ކުރަންޖެހޭ ކަމަށެވެ. މި ދިހަ ދުވަހު ކުރުން ހެޔޮވެގެންވާ އަމަލުތަކުގެ ތެރޭގައި، ރޯދަހިފުމާއި، ގުރްއާން ކިޔެވުމާއި، ގިނަގިނައިން މާތް ﷲ ހަނދުމަކުރުން ހިމެނޭ ކަމަށެވެ. މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ، މާތްﷲ ހަނދުމަކުރުންކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
ބަރަކާތްތެރިކަން އެންމެ ބޮޑު ޒަމާނަކީ، ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެ 10 ދުވަހުގެ މާތްކަމުގެ ތެރޭގައި، މާތް ﷲ މި މަތިވެރި އިސްލާމް ދީން ފުރިހަމަކޮށްދެއްވުން ހިމެނޭ ކަމަށެވެ. މި ދީން ފުރިހަމަވުމުގެ ސަބަބުން، މި ދީނުގެ އަހުލުވެރިން ކުރާ އަމަލުތަކަށް ފުރިހަމައަށް ސަވާބު ލިބޭ ކަމަށާއި، އެމީހުންގެ ޙަޔާތް އަމާންކަމާއި، ރައްކައުތެރިކަން ލިބިފައިވާ ހެޔޮ ލަފާ ޙަޔާތަކަށް ވާ ކަމަށެވެ. އަދި އެމީހުންގެ ސުލޫކާއި، އަހުލާގު ރިވެތިވާ ކަމަށާއި، އިސްލާމް ދީން ފުރިހަމަވުމުގެ ސަބަބުން، މުސްލިމުންނަށް އެންމެ ސީދާ މަގު އެނގި، އެ މަގަށް ތަބާވެގެން ތިބުމުގެ ނަޞީބު ލިބޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އިސްލާމް ދީނުގެ މަތިވެރި ރިސާލަތު ފޯރުކޮށްދެއްވުމަށް ފަހު، ލޮބުވެތި ރަސޫލާ މިދުނިޔެ ދޫކުރެއްވީ އެންމެހައި މުސްލިމުންނަށް އެނގޭނެ ފަދަ ސާފު، އަމާން މަގެއް މައްޗަށް އެބައި މީހުން ނެރުއްވާފައެވެ. ޔަހޫދީންގެ ޢިލްމުވެރިއަކު، މާތްﷲ ރުއްސުން ލެއްވި ޢުމަރުގެފާނަށް ދެންނެވިއެވެ. "ތިޔަ ބޭކަލުންގެ މައްޗަށް ބާވައިލައްވާފައިވާ ފަދަ އާޔަތެއް، އަޅުގަނޑުމެންގެ ފޮތުގައި އޮތް ނަމަ، އަޅުގަނޑުމެން އެ އާޔަތް ބާވައިލެއްވި ދުވަހަކީ ޢީދެއް ކަމުގައި ހެދީމުހެވެ." އެއީ ކޮން އާޔަތެއްތޯ ސުވާލު ކުރެއްވުމުން އޭނާ ދެންނެވިއެވެ. މާނައީ: "މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަން ރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަން ރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަން ރަސްކަލާނގެ ރުހިވޮޑިގެންފީމެވެ."ހުކުރު ޚުތުބާ
ޚުތުބާގައި ބުނީ މާތްﷲގެ ހަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ، ޙުރުމަތްތެރިވެގެންވާ ހަތަރު މައްސަރެއް ކަމަށާއި، އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ވެސް ހައްޖު މަސް ކަމަށެވެ.
މިކަން ބަޔާންކޮށްދެއްވައި މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައީ ''ދުނިޔޭގެ އެންމެ މާތް ދުވަސްތަކަކީ ހައްޖުމަހުގެ ދިހަ ދުވަހެވެ'' އެކަލޭގެފާނު މުސްލިމުންނަށް އަމުރު ކުރައްވާފައިވަނީ ''މިދުވަސްތަކުގައި ތަކުބީރާއި ތަޙުމީދާއި ތަހުލީލާއި، ތަސްބީޙަ ކިޔުން ގިނަ ކުރުމަށެވެ''ހުކުރު ޚުތުބާ
ޚުތުބާގައި ބުނީ މާތްﷲއަށް ހަނދުމަކުރާ މީހާ ކުފުރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި ޝައިތާނާގެ މަޅީގައި ޖެހުމުންނާއި، ނަރަކައިން ރައްކައުތެރިކޮށްދެއްވާ ކަމަށެވެ. މާތް ﷲ ހަނދުމަކުރާ މީހާގެ މައްޗަށް އެކަލާނގެ ރަހުމަތާއި، މަލާއިކަތުންގެ ހެޔޮ ދުއާ ލިބޭނެކަމެއްގެ ގޮތުގައި ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.