ކ. މާލެ
|
8 ޖުލައި 2021 | ބުރާސްފަތި 19:29
ޢަލީ ވަޙީދު
ޢަލީ ވަޙީދު
ޓްވިޓަރ
ޢަލީ ވަޙީދުގެ މައްސަލަ
ޢަލީ ވަޙީދުގެ މައްސަލާގެ އިސްތިއުނާފު ހައިކޯޓުން ބާތިލްކޮށްފި
 
މައްސަލަ ބޭރުކޮށްލީ އޭނާ ބަންދުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެދިފައިވަނިކޮށް
 
އޭނާ އެތަނުގައި ހުންނަވަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަން "ރާއްޖެ އެމްވީ"އަށް އެނގިފައިވޭ
 
ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއްވެސް ނުދިން

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލާގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި ނިންމުމާ ދެކޮޅަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އެ ކޯޓުން ބާތިލްކޮށްފިއެވެ.

ހައިކޯޓުގެ ނިންމުމުގައި ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހދ. ކުޅުދުއްފުށި ބަނދަރު / ޢަލީ ވަޙީދުއަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަ ހުށަހެޅިފައިވާ ގޮތަށް އިސްތިއުނާފީ ދަޢުވާއެއްގެ ގޮތުގައި ކުރިޔަށް ގެންދާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް މިހިނދުގައި ނެތްކަމަށެވެ. އެހެންވެ އެ މައްސަލާގެ ދަޢުވާފޯމު ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.

ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލާފައި މިވަނީ ޢަލީ ވަޙީދު ބަންދުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް ވެސް އެ އޮފީހުން ހައިކޯޓުގައި އެދިފައިވަނިކޮށެވެ. މި މައްސަލާގައި ޢަލީގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އަނެއްކާވެސް ކްރިމިނަލް ކޯޓުގައި އެދުމުން އެ ކޯޓުން އެފަދަ އަމުރެއްވެސް ނެރެދީފައެއް ނުވެއެވެ.

ޓޫރިޒަމް މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި އިރު ޢަލީ ވަޙީދު އެ ވުޒާރާގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލާގައި، އޭނާގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް މިހާރު ކުރިއަށްދާއިރު، އެ މައްސަލަ ފެންމަތިވުމާއެކު ޕީޖީ އޮފީހުގެ އެދުމަށް ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. އެކަމަކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްޓަކައި، އެދިވަޑައިގަތުމުން ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ދޫކުރީ ހަތަރު މަހަށެވެ. އަދި އެކަން ކުރީ އަސްޢަދު ޢަލީ (އަޑުބަރޭ) ޖާމިނުވާގޮތަށެވެ. އެހެންނަމަވެސް ހަތަރު މަސް ފާއިތުވެ، ޝަރީއަތް ފެށުނު އިރު ވެސް އޭނާ އެނބުރި ރާއްޖެއަށް ވަޑައެއްނުގަންނަވައެވެ. އަދި އެކަމުގެ ޒިންމާ އަޑުބަރޭ ވެސް ނަގާފައެއް ނުވެއެވެ.

ޢަލީ ވަޙީދުގެ މެޑިކަލް ކަންކަން ނުނިމޭކަމަށް ބުނެ އެކަމުގެ ލިޔެކިޔުންތައް އޭނާ ހުށަހަޅާފައިވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. ނަމަވެސް އޭނާ ބޭސްފަރުވާ ނުނިމޭ ކަމަށް ބުނެ ހުށަހެލި ލިޔެކިޔުންތަކުން އޭނާ އެތަނުގައި ހުންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަން "ރާއްޖެ އެމްވީ"އަށް އެނގިފައިވެއެވެ. އެގޮތުން އެ ލިޔެކިޔުމުގައި ވަނީ 6 މަސް ފަހުން އޭނާ ރެގިއުލަރ ޗެކްއަޕްއަށް އަލުން ދެއްކުމަށް ކަމަށްވެސް އެނގިފައިވެއެވެ.

ބޭސްފަރުވާ ކުރުމަށް އޭނާ މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށްވާތީ، އެތަނަކީ ރާއްޖޭގެ އިހްތިސާސް ހިނގާ ތަނަކަށް ނުވާތީ އެތަނުގައި އޭނާ ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ޕީޖީ އޮފީހުން ވަނީ އިންކާރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް