ލުއި ދިނުމުގެ ކުރިން ރަށްރަށް ގޮސް ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ވެކްސިން 2 ޑޯޒް ހަމަކޮށް، 14 ދުވަސް ފުރިހަމަވެފައިވާ މީހުން ޕީސީއާރް ޓެސްޓު ހަދައި ނެގެޓިވް ނަތީޖާއާއެކު ދޫކޮށްލުމަށް އަންގައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ވެކްސިން 2 ޑޯޒް ހަމަކޮށް، 14 ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން މާލެއިން ރަށްރަށަށް ގޮސް މިހާރު ހޯމް ކަރަންޓީނުގައި ތިބި ފަރާތްތަކާއި, މި ފަރާތްތަކާއެކު ދަތުރުކޮށް ކަރަންޓީނުގައި ތިބި، ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަކުދިން ވެސް ޕީސީއާރް ޓެސްޓު ހަދައި، ނެގެޓިވް ނަތީޖާއާއެކު ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށެވެ.
އަދި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކޮވިޑް-19 އިމަރޖެންސީ ޔޫސް ލިސްޓިން އަށް ހުއްދަ ދީފައިވާ ވެކްސިނެއް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ، ރާއްޖެއިން ބޭރުން އައިސް މިވަގުތު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ކަރަންޓީނުގެ 7 ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކުން ޕީސީއާރް ޓެސްޓު ހަދައި، ނެގެޓިވް ނަތީޖާ ލިބުމުން ކަރަންޓީނުން ދޫކުރެވޭނެ ކަމަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަންޖެހޭ ވެކްސިންގެ ދެ ޑޯޒް ޖަހައި 14 ދުވަސް ފުރިހަމަކޮށް، ޕީސީއާރް ޓެސްޓު ނެގެޓިވްވުމުން ދަތުރުކުރެވޭނެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސާފައިވާކަން އިއުލާން ކުރީ، މިމަހުގެ 7 ވީ ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މޮނިޓަރިންގެ ހާލަތުގައި ނެތް ރަށެއްގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ފަރާތްތަކަށް، ނެގެޓިވް ޕީސީއާރް ޓެސްޓާއެކު، މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި ނެތް އެހެން ރަށަކަށް ދަތުރުކުރުމުގެ ފުރުސަތު ޖުލައި 8 ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ. މި ލުއި ދީފައިވާއިރު ސަރވައިލަންސްގެ ގޮތުގައި ރެންޑަމް ސާމްޕްލިންގއިން ހަދާ ޕީސީއާރް ޓެސްޓުގެ ނަތީޖާ މިގޮތަށް ދަތުރުކުރުމަށް ބޭނުންކުރެވޭނެ އެވެ.
ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމުގައި ލުއި ދޭން ނިންމާފައިވާއިރު، މި ލުއިތައް މިގޮތަށް ދެވިފައި މިވަނީ މާލެ ސަރަހައްދުގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް 5 އިންސައްތައިން ދަށަށް ދިއުމުންނެވެ.