މިމަހުގެ 15ން ފެށިގެން ސައުތު އޭޝިޔާއިން އަންނަ ފަތުރުވެރިންނަށް ހަމައެކަނި ރިސޯޓުތަކަށް ދިއުމުގެ ހުއްދަ ދީފިއެވެ.
ސައުތު އޭޝިޔާއިން އަންނަ ފަތުރުވެރިންނަށް ހަމައެކަނި ރިސޯޓުތަކަށް ދިއުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާއިރު، ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. އެއީ މާލެ ސަރަހައްދުގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް ފަސް އިންސައްތައަށް ދަށްވުމާގުޅިގެންނެވެ.
ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވީ ޖުލައި 15ން ފެށިގެން ސައުތު އޭޝިޔާއިން އަންނަ ޓޫރިސްޓުންނަށް ހަމައެކަނި ރިސޯޓުތަކަށް ދިއުމަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތަށް ނިންމާފައިވާއިރު ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް، ރިޒޯޓުތަކުން ދާއިމީ ގޮތެއްގައި ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސަން ޖެހެއެވެ. އެހެން ފަރާތްތަކާ ގުޅިގެން ޓެސްޓު ކުރެވޭނެ އިންތިޒާމްތައް ރިޒޯޓުތަކުން ހަމަޖެއްސުމާއި، އަދި މިކަން ހަމަޖެއްސުމަށް ވަކި މުއްދަތެއް ކަނޑައަޅަން ޖެހޭ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ ޖުލައި 30އިން ފެށިގެން ގެސްޓްހައުސް ހުރި ރަށްރަށަށް ސައުތު އޭޝިޔާގެ ފަތުރުވެރިންނަށް ދެވޭނެ ގޮތަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި ތެރޭގައި ގެސްޓް ހައުސް ރަށްރަށުގެ އާބާދީގެ ވެކްސިނޭޝަން ކަވަރޭޖް 60 އިންސައްތަ ހަމަކުރުމާއި، ގެސްޓްހައުސް ސްޓާފުންގެ ވެކްސިނޭޝަން ކަވަރޭޖް 95 އިންސައްތަ ހަމަކުރުމަށާއި، އާބާދީގެ 60 އަހަރުން މަތީގެ މީހުންގެ ވެކްސިނޭޝަން ކަވަރޭޖް 90 އިންސައްތަ ހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.
އިންޓަރނޭޝަނަލް ޕޯޓްސް އޮފް އެންޓްރީ އާއި ގުޅޭ ގޮތުން ވެސް ވަނީ ލުއި ދީފައެވެ. އެގޮތުން ރާއްޖެ އައުމުގެ 96 ގަޑިއިރު ތެރޭގައި ހަދާފައިވާ ޕީސީއާރް ނެގެޓިވް ޓެސްޓުތަކާއެކު އައުމުން ކަރަންޓީންވާ މުއްދަތު 7 ދުވަހަށް ކުޑަކުރަން ވަނީ ނިންމާފައެވެ. މިގޮތަށް އަމަލުކުރެވޭނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބަލައިގަންނަ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް، 14 ދުވަސް ހަމަވެފައިވާ މީހުންނަށް ކަމަށް އުސޫލުގައި ބުނެފައިވެއެވެ.