ކަނޑުގައި ދުއްވާ އުޅަނދުތަކުގެ ރަޖިސްޓްރީގެ ކަންކަން ކައުންސިލްތަކަށް ބަދަލުކުރެވޭ ގޮތަށް ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ބިލު ބަލައިގެންފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީއެވެ. ބިލު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 150 ވަނަ މާއްދާގައި، އެ ގާނޫނާއި އެ ގާނޫނުގެ މަގްސަދުތަކާ ތައާރުޒުވާ ގާނޫނުތައް ފާހަގަކުރުން ކަމަށެވެ.
އަދި ރަށު ފެންވަރުގައާއި ސިޓީގެ ފެންވަރުގައި ފޯރުކޮށްދޭނެ ޚިދުމަތްތަކާއި އެ ޚިދުމަތްތަކުގެ ދާއިރާ، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައި ގާނޫނު ތަންފީޒުކުރާ ވުޒާރާއާއި ކަމާބެހޭ ކައުންސިލުތަކާއެކު އެކަންކަން ވިލަރެސްކުރެވޭނެ އުސޫލެއް ކަނޑައެޅުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.
ބިލުގައި ބުނީ މި ގާނޫނުގެ ފަސް ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމަށް ހުށަހަޅާ ކަމަށެވެ. އިތުރުކުރާ މި މާއްދާގައި ބުނެފައިވަނީ، މިނިސްޓްރީން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތައް، ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުން ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ކައުންސިލްތަކަށް ލިބިދިން ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް މިފަދަ އިސްލާހުތައް މުހިއްމުކަން މެންބަރުން ފާހަގަކުރެއްވިއެވެ.