މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއަކީ މުޅި ޤައުމު ސިއްސުވާލި ހަމަލާއެކެވެ. މި ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ގިނަ ޒަހަމްތަކެއް ލިބިވަޑައިގެންނެވިއެވެ. އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދިޔައިރު ގިނަ ބަޔަކު ދިޔައީ ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދި ދުޢާ ކުރަމުންނެވެ. އިތުރު ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު އިނގިރޭސިވިލާތަށް މިހާރު ވަޑައިގެންފައިވާއިރު ލިބުނު ޒަހަމްތަކަށް އެމަނިކުފާނު ވަނީ ޖަރުމަނުވިލާތުން ވެސް ފަރުވާ ހޯއްދަވާފައެވެ. އެމަނިކުފާނު ޖަރުމަނުވިލާތަށް ވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ.
ހަމަލާއަށްފަހު ލިބިވަޑައިގެންނެވި އަނިޔާތަކާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ފުރަތަމަ ފަހަރަށް ރައީސް ނަޝީދު ވާހަކަދައްކަވާފައިވަނީ އެމްޑީޕީގެ އަހަރީ ދުވަހުއެވެ. އެއީ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ކްލަބް ހައުސް ހަރުގެ ލޯންޗްކުރުމުގެ ރަސްމިއްޔާތުގައެވެ. އެރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ އެތެރެހަށީގެ ހުރިހާ ގުނަވަނެއް ރަނގަޅުކަމަށާއި ނަމަވެސް އިނގިއްޔާއި ކަންފަތާއި ފައިގައި މައްސަލަ އުޅޭކަމަށެވެ. އަދި ކަނާތުގެ ތިން އިނގިއްޔެއް އައްސިވެފައި ހުންނަކަމަށް ނަޝީދު ވިދާޅުވިއެވެ.
އާސްކް ސްޕީކާރ ޕްރޮގްރާމްގައި ހާލުކޮޅާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ އެކަންކަން ރަނގަޅުވެ ހަމަޔަށް ހިނގާ އުޅެވެން ފެށުމުން މާލެ ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު ކަންފަތް ވެސް ރަނގަޅުވާން ޖެހޭކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ވާތު ކަންފަތުގައި އަޑުއިވުމުގައި ދަތިތަކެއް އެބަހުރިކަމަށެވެ. ވާތު ކަންފަތުގެ ތޫލިއަށް ލިބިފައި ހުރި ގެއްލުމާ ގުޅިގެން އިތުރު އޮޕަރޭޝަނެއް ނޮވެމްބަރ މަހު ކުރައްވަން ޖެހިވަޑައިގަންނަވާކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ވާތް ފަރާތުގެ ވަރަށް ގިނަ ތަންތަން ހުންނަނީ އައްސިވެފައި ކަމަށާއި އެ އައްސި ކަނޑައިގެން ދާން ދުވަސްތަކެއް ނަގާނެ ކަމަށެވެ.
އޭގެ ފަހުން ނަޝީދު ވަނީ ހަމަލާއަށް ފަހު ފޯނު ބޭނުންކުރައްވަން ފެއްޓެވި ކަމަށް ވިދާޅުވެފައެވެ. އަދި މިވަގުތު ޖަވާބު ނުދެވި 7862 މެސެޖް އެބަހުރި ކަމަށާއި އެ ހުރިހާ މެސެޖެއް ވެސް ކިޔައިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މެސެޖް ފޮނުވި ހުރިހާ އެންމެންނަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު އަދިވެސް ކުރިއަށްދާއިރު އެމަނިކުފާނަށް ސަޕޯޓު ކުރާ ހުރިހާ އެންމެން ގޮވާލަމުންދަނީ މި ހަމަލާއަށް ފަންޑު ކުރި މީހުން ހޯދުމަށެވެ. އަދި މި މައްސަލަ އަވަހަށް ތަހުގީގުކޮށް ނިންމައި ރައީސް ނަޝީދަށް އިންސާފު ހޯދައި ދިނުމަށް ވެސް ދަނީ ގޮވާލަމުންނެވެ.
މީގެ ކުރިން ވެސް ރައީސް ނަޝީދަށް ދިމާވި އެކިއެކި ކަންތައްތަކުގައި އެމަނިކުފާނުގެ އިހްލާސްތެރި ސަޕޯޓަރުން ފަހަތުގައި ތިއްބެވެ. އެ އެންމެންގެ ދުޢާ އަކީ ވެސް އަވަހަށް ރަނގަޅުވެ ރައީސް ނަޝީދު މާލެ އަނބުރާ ވަޑައިގަންނަވާނެ ދުވަހެއް ފެނިގެން ދިޔުމެވެ.