ކ. މާލެ
|
5 ޖުލައި 2021 | ހޯމަ 21:53
އިންޑިޔާގެ އަހުމަދު އާބާދުގައި ސިއްހީ މަސައްކަތްތެރިންތަކެއް ހަރަކާތްތެރިވަނީ
އިންޑިޔާގެ އަހުމަދު އާބާދުގައި ސިއްހީ މަސައްކަތްތެރިންތަކެއް ހަރަކާތްތެރިވަނީ
އަލްޖަޒީރާ
ކޮވިޑް ޑެލްޓާ ޕްލަސް ވޭރިއަންޓް
ޑެލްޓާ ޕްލަސް ވޭރިއަންޓް، ޑެލްޓާ ވޭރިއަންޓަށްވުރެ ބާރުގަދަ ވެދާނެކަމުގެ ބިރު
 
ސާމްޕަލް ސީކުޔެންސްކޮށްގެން ޑެލްޓާ ޕްލަސް ވޭރިއަންޓްގެ ގޮތުގައި ފެނިފައިވަނީ 400 ކޭސް
 
ޑެލްޓާ ޕްލަސް ވޭރިއަންޓްގެވެސް ދެ ވައްތަރެއް ދުނިޔޭގައި އުޅޭ
 
ޑެލްޓާ ޕްލަސް ވޭރިއަންޓް ފެނިގެން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ޖޫން މަހުގެ 11 ވަނަ ދުވަހު

އިންޑިޔާއަށް ބިންދާލި ކޮވިޑްގެ ރާޅާއެކު އެގައުމުގެ ހާލަތު ވަނީ އިންތިހާއަށް ގޯސްވެފައެވެ. އިންޑިޔާގެ ހާލަތު ގޯސްވުމަށް ދިމާވި އެއް ސަބަބަކީ ޑެލްޓާ ވޭރިއަންޓެވެ. ޑެލްޓާ ވޭރިއަންޓް މުޅި ދުނިޔޭގައި ބާރުގަދަ ކުރަމުން އަންނައިރު މިހާރު މިވަނީ ޑެލްޓާ ވޭރިއަންޓްގެ ފުށުން އިތުރު ވޭރިއަންޓެއް އުފެދިފައެވެ. އެއީ ޑެލްޓާ ޕްލަސް ވޭރިއަންޓެވެ.

ޑެލްޓާ ޕްލަސް އަކީ ކޮބާ؟

އިންޑިޔާއިން ފެނިފައިވާ މިވޭރިއަންޓް އެންމެ ފުރަތަމަ ފެނިފައިވަނީ ނިމިގެންދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު އިނގިރޭސިވިލާތުންނެވެ. އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތަކީ ޑެލްޓާ ޕްލަސް ވޭރިއަންޓްގެ ކޭހެއް އެންމެ ފުރަތަމަ ރިޕޯޓްކުރި އިދާރާއެވެ.

ޑެލްޓާ ޕްލަސް ވޭރިއަންޓަކީ ޑެލްޓާ ވޭރިއަންޓްގެ ފުށުން އުފެދިފައިވާ ވޭރިއަންޓަކަށްވާއިރު އެވޭރިއަންޓްގައި މިދިޔަ އަހަރު ދެކުނު އެފްރިކާއިން ފެނުނު ބީޓާ ވޭރިއަންޓްގައިވެސް ހިމެނޭ ޕްރޮޓިން އެއްކަމުގައިވާ K417N ހިމެނެއެވެ. ބައެއް ސައިންސްވެރިން ވަނީ ޑެލްޓާ ވޭރިއަންޓްގައި ހިމެނޭ ބައިތަކާއެކު ޑެލްޓާ ޕްލަސް ވޭރިއަންޓް މިޔުޓޭޓްވެ, ޑެލްޓާ ވޭރިއަންޓަށްވުރެ ހަލުވި މިނުގައި ފެތުރޭ ވޭރިއަންޓަކަށް ޑެލްޓާ ޕްލަސް ވޭރިއަންޓް ވެދާނެކަމުގެ ކަންބޮޑުވުންފާޅުކޮށްފައެވެ.

އިންޑިޔާގެ ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބީޓާ ވޭރިއަންޓުން ފެނިފައިވާ މިޔުޓޭޝަން K417N އަކީ އޭގެ ޒާތުގައި އެހެން ހޯސްޓަކަށް ބަދަލުވުމާއި އަމިއްލައަށް ހެދިބޮޑުވުމުގެ ބާރު ލިބިފައިވާ ޕްރޮޓީންއަކަށް ވުމުން، ޑެލްޓާ ޕްލަސް ވޭރިއަންޓަކީ ފަސޭހަކަމާއެކު ފެތުރޭނެ ވޭރިއަންޓަކަށް ބެލެވޭ ކަމަށެވެ.

އިންޑިޔާގެ އިސް ވިރޮލޮޖިސްޓެއްކަމުގައިވާ ޝާހިދް ޖަމީލް ވިދާޅުވެފައިވަނީ K417N އަކީ އެންޓިބޮޑީސް އުފައްދައިދޭ މިންވަރު ދަށްކުރާ ޕްރޮޓީންއެއް ކަމަށެވެ.

މިވޭރިއަންޓް ފެނިފައިވަނީ ކޮން ގައުމުތަކަކުން؟

ޖޫން މަހުގެ މެދެއްހާ ހިސާބަށް އައިއިރު ޑެލްޓާ ޕްލަސް ވޭރިއަންޓް ވަނީ 11 ގައުމަކުން ފެނިފައެވެ. އޭގެތެރޭގައި އޭޝިޔާ ސަރަހައްދުން އިންޑިޔާ، ޖަޕާން، ނޭޕާލް ހިމެނޭއިރު، އިތުރު ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި، ރަޝިޔާ، ޕޮލެންޑް، ކެނެޑާ، ޕޯރޗުގަލް، ސްވިޒެލެންޑް، ތުރުކީ އަދި އެމެރިކާ އެވެ.

އެންމެ ފަހުން ލިބޭ މައުލޫމާތުތަކަށް ބަލާއިރު ޑެލްޓާ ޕްލަސް ވޭރިއަންޓްގެވެސް ދެ ވައްތަރެއް ދުނިޔޭގައި އުޅެއެވެ. އިންޑިޔާއަށް ބަލާލާއިރު އިންޑިޔާގެ ބައިބޯ ގިނަ ސަރަހައްދުތަކަކުން ވަނީ ޑެލްޓާ ޕްލަސް ވޭރިއަންޓް ފެނިފައެވެ. އަދި މިހާތަނަށް ހޯދިފައިވާ ގޮތުގައި އިންޑިޔާއިން އޭޕްރީލް މަހުގެ 5 ވަނަ ދުވަހު ނަގާފައިވާ ސާމްޕަލްތަކެއްގެ ތެރެއިން ވަނީ ޑެލްޓާ ޕްލަސް ވޭރިއަންޓް ފެނިފައެވެ.

އިނގިރޭސިވިލާތުން ބުނެފައިވަނީ އެގައުމުން ޑެލްޓާ ޕްލަސް ވޭރިއަންޓްގެ ކޭސް ސީކުޔެންސް ކުރެވިފައިވަނީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ނަގާފައިވާ ސާމްޕަލްތަކަކުން ކަމަށެވެ. އަދި އެއީ ނޭޕާލާއި ތުރުކީ މަގުން އެގައުމަށް އެތެރެވެފައިވާ މީހުންކަމަށް ވަނީ ބުނެފައެވެ.

މިހާތަނަށް އައިއިރު ޑެލްޓާ ވޭރިއަންޓްގެ ގޮތުގައި ފެނިފައިވާ 97،347 ސާމްޕަލް ސީކުޔެންސްކޮށްގެން ޑެލްޓާ ޕްލަސް ވޭރިއަންޓްގެ ގޮތުގައި ފެނިފައިވަނީ 400 ކޭސްއެވެ. އެހެންނަމަވެސް ވަކި އަދަދަކަށް ސީކުޔެންސް ކުރެވެމުންދާތީ މިވޭރިއަންޓް އަސްލު ފެތުރިފައިވާ މިންވަރު އަދި ރަނގަޅަށް ދެނެ ނުގަނެވޭނެކަމަށް ސައިންސްވެރިން ބުނެއެވެ.

ކަންބޮޑުވާން ޖެހޭތަ؟

ޑެލްޓާ ޕްލަސް ވޭރިއަންޓާއި، އެވޭރިއަންޓާ ދެކޮޅަށް ވެކްސިން މަސައްކަތްކުރާ މިންވަރު ދެނެގަތުމުގެ ދިރާސާތައް، އިންޑިޔާ އާއި އެހެނިހެން ގައުމުތަކުގައި އަންނަނީ ކުރަމުންނެވެ. ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ ޑެލްޓާ ޕްލަސް ވޭރިއަންޓް އަދި ވަކި ވޭރިއަންޓެއްގެ ގޮތުގައި ނުގުނާކަމަށެވެ. އެވޭރިއަންޓް އަދި ގުނަމުން އަންނަނީ ޑެލްޓާ ވޭރިއަންޓްގެ ގޮތުގައެވެ.

އެއީ އަދި އެހާ އާންމު ވޭރިއަންޓެއްގެ ގޮތުގައި ޑެލްޓާ ޕްލަސް ވޭރިއަންޓް ފާހަގަކުރެވިފައިނުވާތީއެވެ. އަދި މިވަގުތުގެ ހާލަތަށް ބަލާއިރު ދުނިޔޭގައި އެންމެ އާންމުވަމުން އަންނަނީ ޑެލްޓާ ވޭރިއަންޓެވެ. އެހެންކަމުން މިހާރު މަސައްކަތްކުރަމުން އަންނަނީ ޓެސްޓްކުރެވޭ މިންވަރު އިތުރުކޮށް ވެކްސިން ދިނުމުގެ ކަންކަން ހަލުވި ކުރުމަށެވެ.

މާހިރުން ގަބޫލުކުރާ ގޮތުގައި ޑެލްޓާ ޕްލަސް ވޭރިއަންޓްގެ ސަބަބުން އިންޑިޔާއަށް ކޮވިޑްގެ ތިން ވަނަ ރާޅެއް އަރާފާނެއެވެ. ނަމަވެސް ވައިރަސް އެއް މިޔުޓޭޓްވާނީ އެފުރުސަތު ފަހިކޮށްދޭ މިންވަރަކުން ކަމަށްވާތީ ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ރައްކާތެރިވާނަމަ ޑެލްޓާ ޕްލަސް އަށް ބާރުގަދަ ކުރުމުގެ ފުރުސަތު ނުލިބޭނެކަމަށް އިންޑިޔާގެ ކައުންސިލް އޮފް މެޑިކަލް ރިސަރޗް އިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް