ކ. މާލެ
|
5 ޖުލައި 2021 | ހޯމަ 14:13
މި ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު
މި ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު
ރައްޔިތުންގެ މަޖިލިސް
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލުގެ ބަހުސް ފަށައިފި
 
ގާނޫނަށް އަމަލުކުރަން ފަށާނީ، ގާނޫނު ފާސްވެ ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމަށް އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުން ފަށައިފިއެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. ބިލު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 150 ވަނަ މާއްދާގައި، އެ ގާނޫނާއި އެ ގާނޫނުގެ މަގްސަދުތަކާ ތައާރުޒުވާ ގާނޫނުތައް ފާހަގަކުރުން ކަމަށެވެ.

އަދި އެ ގާނޫނަށް 9 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށި ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި އެފަދަ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގައި ހިމެނޭ ކަންކަމުގެ ތެރެއިން ރަށު ފެންވަރުގައި އަދި ސިޓީގެ ފެންވަރުގައި ފޯރުކޮށްދޭނެ ޚިދުމަތްތަކާއި އެ ޚިދުމަތްތަކުގެ ދާއިރާ، ބުނެވިދިޔަ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައި، ގާނޫނު ތަންފީޒުކުރާ ވުޒާރާއާ ކަމާބެހޭ ކައުންސިލުތަކާއެކު އެކަންކަން ވިލަރެސްކުރެވޭނެ އުސޫލެއް ކަނޑައެޅުމަށްޓަކައި އެ ގާނޫނަށް އިސްލާހު ހުށަހެޅުން
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު

ހުށަހެޅިފައިވާ އިސްލާހުގައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ ފަހަތަށް 10.1ގެ (ހ) ގެ ގޮތުގައި މި ގާނޫނުގެ ދަށުން މިނިސްޓްރީން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތައް، ރަށު ފެންވަރުގައި ނުވަތަ ސިޓީފެންވަރުގައި ފޯރުކޮށްދޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުން ކަމަށް އިތުރު ކުރުމަށެވެ.

އަދި 10.1 ގެ (ށ)ގެ ގޮތުގައި މި މާއްދާގެ (ހ) ގެ ދަށުން ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދިނުމަށް މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތަކާއި އެ ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެ ކަމަށް ބުނާ އިސްލާހެވެ.

މީގެ އިތުރުން ގާނޫނުގެ 11 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް ދެ އަކުރެއް އިތުރު ކުރުމަށް ވެސް އިސްލާހުގައި ވެއެވެ. އެގޮތުން އިތުރުކުރަން ހުށަހަޅާފައިވާ ދެ އަކުރަކީ، (ރ)، "ރަށު ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލަށް ކަމަށް ބުނާ އަކުރުގެ އިތުރުން (ބ)، "ސިޓީ ކައުންސިލު" ކަމަށް ބުނެފައި އެވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލަށް ކަމަށް ބުނާ އަކުރެވެ.

މި ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލަން ޖެހޭ ގަވާއިދުތަކާއި އިސްލާހުކުރަންޖެހޭ ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމަށް ބިލުގައި ބުނެއެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާނީ، ގާނޫނު ފާސްވެ ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް