ކ. މާލެ
|
5 ޖުލައި 2021 | ހޯމަ 14:06
ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް
ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް
ވެލާނާ އެއާޕޯޓް
ފަސިންޖަރުންގެ އަތުން ޓެކުހާއި ފީނެގުން
އިކޮނޮމިކް ކްލާހުން ފުރާ ދިވެއްސެއްގެ އަތުން 24 ޑޮލަރު، ބިދޭސީއެއްގެ އަތުން 60 ޑޮލަރު ނެގުމަށް ފާސްކޮށްފި
 
މި ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އިގްތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައި
 
މިކަން ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 42 މެންބަރުންގެ އަޣުލަބިއްޔަތުން

އިކޮނޮމިކް ކްލާހުން ފުރާ ކޮންމެ ދިވެއްސެއްގެ އަތުން ޖުމުލަ 24 ޑޮލަރު ނެގޭއިރު ބިދޭސީއެއްގެ އަތުން ޖުމުލަ 60 ޑޮލަރު ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިކަން ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 42 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލު ފާސްކުރަން ނުފެންނަ ކަމަށް 1 މެންބަރަކު ވޯޓު ދެއްވިއިރު 2 މެންބަރުން ވަނީ ވަކި ގޮތަކަށް ވޯޓު ދޭން ބޭނުންނުވާ ކަމަށް ބުނެފައެވެ.

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އިގްތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މި ބިލަށް ކޮމިޓީން ބޮޑެތި އިސްލާހުތަކެއް ހުށަހަޅާފައެއް ނުވެއެވެ. އެގޮތުން ކޮމިޓީން އިސްލާހު ކޮށްފައިވަނީ ބިލުގައިވާ ބައެއް ތާރީޚުތަކުގެ އިތުރުން ގާނޫނުގައި އިތުރު މާއްދާއެއް ހިމެނުމަށެވެ. އެއީ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ގަނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށް ބުނާ މާއްދާއެވެ.

ކޮމިޓީ ރިޕޯޓުގައި ބުނީ ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވިއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމަށް ބިލުގައި ހިމަނާފައިވާ މުއްދަތު ފާއިތުވެފައިވުމާއެކު، މިނިސްޓްރީ އޮފް ފިނޭންސުން މި ބިލަށް ހުށަހަޅާފައިވާ އިސްލާހާ އެއްގޮތަށް ތާރީޚު ބަދަލުކޮށް އިސްލާހު ގެނައުމަށް ނިންމާ ކަމަށެވެ.

ބިލުގައިވާ ގޮތުން، އެއަރޕޯޓް ޓެކުހުގެ ގޮތުގައި، އިކޮނޮމިކް ކްލާހުން ދަތުރު ކުރާ ދިވެހިންގެ އަތުން 12 ޑޮލަރު ނަގާއިރު، ބިދޭސީއެއްގެ އަތުން 30 ޑޮލަރު ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ނެގުމަށް ނިންމާފައިވާއިރު، ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު ނެގުމަށް ހުށަހަޅާފައިވެއެވެ. އަދި މީގެއިތުރުން ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު ނެގުމަށް ވެސް އެބިލުގައި ވެއެވެ.

ބިލުގައިވާ ގޮތުން އެއަރޕޯޓް ޓެކުހުގެ ގޮތުގައި އެއަރޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން ޓެކުހެއް ނެގުމުގެ އިތުރަށް އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖުގެ ގޮތުގައި ވެސް ހަމަ އެ އަދަދުތަކުން ފީ ނެގުމަށް ވަނީ ހިމަނާފައެވެ.

އެހެންކަމުން، އެއަރޕޯޓުން އިކޮނޮމިކް ކްލާހުން ފުރާ ކޮންމެ ދިވެއްސެއްގެ އަތުން ޖުމުލަ 24 ޑޮލަރު ނެގޭއިރު ބިދޭސީއެއްގެ އަތުން ޖުމުލަ 60 ޑޮލަރު ނެގޭނެ އެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ކޮންމެ މީހަކު 120 ޑޮލަރު، ފަސްޓް ކްލާހުން ދަތުރުކުރާ ކޮންމެ މީހަކު 180 ޑޮލަރު އަދި ޕްރައިވެޓް ޖެޓުން ދަތުރުކުރާ ކޮންމެ މީހަކު 240 ޑޮލަރު އެއަރޕޯޓް ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައްކަން ޖެހެއެވެ.

މިހާރު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ވައިގެ މަގުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެެއްސެއްގެ އަތުން 12 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރު ނަގަމުން ދެއެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ވެސް ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީއެއްގެ އަތުން ވެސް 25 ޑޮލަރު ނަގަމުން ދެއެވެ. އެގޮތުން އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސެއްގެ އަތުން 24 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން 50 ޑޮލަރު، ނަގަން ފެށީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި، ބަޖެޓަށް އާމްދަނީ އިތުރު ކުރުމަށް ކަމަށް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
15%
4%
0%
81%
0%
0%
ކޮމެންޓް
6 ޖުލައި 2021 | އަންގާރަ 13:57
Kiyuntheriya
Evves insaafeh noon. Membarun athun ves negen jeheyne. Rmeehunnah bodu musaara dheefa hurihaa molheh ves emeehunnah. Rayyithu meehaa ah hurihaa veyneh. Mi FAAS KURI BILL ALUN MURAAJAA KURAN JEHEYNE. RAYYITHUN BALAEH NUGANNAANAN.
6 ޖުލައި 2021 | އަންގާރަ 10:18
ހާމަ333
ތިއީކީ އިންސާފެއްނޫން...މިގައުމުގަ މުސާރައިގެ ގޮތުން ބޮޑެތި ގެޕްތަކެއް ހުރިއިރު އެންމެ އާދައިގެ އާމްދަނީ ލިބޭ މީހާގެ މުސާރައަށް ނުބަލައި ހަމަ ކޮންމެ ދިވެއްސެއްގެ އަތުން 24ޑޮލަރޭ ބުނީމާ އެއީ ޕަސެންޓޭޖް ވައިސްކޮށް ބަލާއިރު އެކިމީހުނަށް އެކިވަރު...ހުރިހާ ބުރައެއް އަންނާނީ ބޭސްފަރުވާއަށް ދަރަނިވެރިވެހުރެ ފުރާ ނިކަމެތި ރައްޔިތުމީހާ....އިންކަމް ޓެކްސް ނުނަގައި ތިފަދަ ޓެކްސް ނަގަން އަހަރުމެން ބޮޑުތަނުން ދެކޮޅު...