ކ. މާލެ
|
4 ޖުލައި 2021 | އާދީއްތަ 15:50
މަޖްލިސް ސަރަހައްދުގައި ވެކްސިން ޖެހުމަށް ކިއުގައި ތިބި މީހުން
މަޖްލިސް ސަރަހައްދުގައި ވެކްސިން ޖެހުމަށް ކިއުގައި ތިބި މީހުން
ރާއްޖެ އެމްވީ
ވެކްސިން ޖަހާ މީހުންނަށް ލުއި ދިނުން
ދެ ޑޯޒް ޖަހާ މީހުންނަށް ލުއިތަކެއް ދޭންޖެހޭ
 
ދެ ވަނަ ޑޯޒް ޖަހަން އަލުން ފަށާއިރު ވެކްސިން ޖަހާ މީހުންނަށް ލުއިތަކެއް ދޭންޖެހޭ
 
ލުއިތައް ނުދެވުނީ އެކަށީގެންވާ މިންވަރަށް ވެކްސިން ޖަހާފައި ނެތުމުން ކަމަށް ސަރުކާރުން ބުނޭ
 
ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންނަށް ލުއިތަކެއް ނުލިބުމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުން

ކޮވިޑް-19 ގެ އާލަމީ ވަބާގައި ދުނިޔެ އުޅޭތާ އަހަރަކަށްވުރެ ގިނަވެ ދެ އަހަރުވާން ކައިރިވަނީއެވެ. އަދިވެސް ކޮވިޑްގެ ހާލަތަށް ބަދަލެއް އައިތަނެއް ނުފެނެއެވެ. ވައިރަސް މިޔުޓޭޓްވެ ވޭރިއަންޓަކަށްފަހު ވޭރިއަންޓެއް އުފަންވަނީއެވެ. ކޮވިޑް-19ގެ އަސްލު ވައިރަސްއަށް މާމަ އާއި މުނިމާމަ އާއި މުނިމުންޏަަށް ކިޔާވަރަށް ވޭރިއަންޓްތައް އެބައުޅެއެވެ. ބާރުގަދަ ވޭރިއަންޓެއް ފެތުރެން ފަށާއިރަށް ދުނިޔެއިން ބަލަނީ ކޮވިޑަށް އުފައްދާފައިހުރި ވެކްސިންތައް އެވޭރިއަންޓްތަކާ ދެކޮޅަށް މަސައްކަތްކުރާ މިންވަރުގެ ދިރާސާތައްކޮށް ވައިރަސް ފެތުރުން ކޮންޓްރޯލްކުރެވޭނެ ގޮތެކެވެ.

ވޭރިއަންޓަކަށްފަހު ވޭރިއަންޓެއް އަންނައިރު ސައިންސްވެރިން މިކަމަށް ދީފައިވާ ހައްލަކީ ވީހާވެސް ގިނަ ބަޔަކަށް ވެކްސިން ދީގެން އިމިޔުނިޓީ ހޯދުމެވެ. އެހެން ނޫން ހައްލެއް މިކަމަށް ނެތެވެ. އެހެންނަމަވެސް ވެކްސިން ޖެހުމާއެކު އަދިވެސް ވައިރަހުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަމަށް ސަމާލުކަންވެސް ދޭންޖެހެއެވެ. ކޮންމެއަކަސް ކޮވިޑުން ސަލާމަތްވުމަށް ވެކްސިން ނޫން ގޮތެއް ދުނިޔެއަކަށް ނެތެވެ. ދެ އަހަރު ވާން ކައިރިވިއިރު ދުނިޔެ މިވަނީ ފާޑަކަށް މިކަމުގައި އެއް ގޯސްވެފައެވެ.

އިންސާނުންގެ ދިރިއުޅުމަކީ ވައިރަސް އަކަށް ބިރުން ފިލާތިބެ އުޅެވެން އޮތްގޮތަށް ބައްޓަންކޮށްފައިވާ ދިރިއުޅުމެއް ނޫނެވެ. އިންސާނާގެ ތަބީއަތް ކުޑަ ފޮއްޓެއްގެ ތެރޭގައި އުމުރު ދުވަސް ހޭދަކުރުމަކަށް ތަނެއް ނުދެއެވެ. ފާއިތުވި އެއް އަހަރާ ބައިގައި ދުނިޔެއިން ފެނިގެންދިޔަ ނަފްސާނީ މައްސަލަތަކާއި އިޖުތިމާއީ މައްސަލަތަކާއި އިގްތިޞާދީ މައްސަލަތަކާއެކު ދިން މެސެޖަކީ އެއީއެވެ. އެހެންކަމުން ވީހާވެސް ގިނަބަޔަކަށް ވީއެންމެ އަވަހަކަށް ވެކްސިންދީގެން މިކަމުން ސަލާމަތްވާން ޖެހެއެވެ.

ދެން އޮތީ ވެކްސިން ޖެހުމުގެ ވާހަކައެވެ. ވެކްސިން ހޯދާކަށް ފަސޭހައެއްނޫނެވެ. މުއްސަނދި ގައުމުތަކުން ތިބީ ކުރިންވެސް ހީކުރި ގޮތަށް ވެކްސިންގެ ޑޯޒްތައް ބައްކޮށްގެންނެވެ. އެހެންކަމުން ނިކަމެތިން މިޖެހެނީ އަދި މަޑުކޮށްލައިގެން އެމީހުން ދިން އެތިކޮޅެއް ޖަހާލައިގެން ތިބޭށެވެ. މިހާލަތުގައިވެސް ހުރިހާ ގައުމުތަކުންވެސް މަސައްކަތްކުރަނީ އެބަޔަކަށް ވީވަރަކުން ވީއެންމެ އަވަހަކަށް ވެކްސިން ޖެހުމަށެވެ. ކޮވިޑް ވެކްސިނަކީ އަދި އައު ވެކްސިނަކަށް ވުމާއެކު އެ ޖަހަން އެތައް ބަޔަކު ފަސްޖެހެއެވެ. އަޖުމަ ބަލާލަން މަޑުކޮށްލަން ތިބެން ބޭނުންވާ މީހުންވެސް ތިބެއެވެ.

ވެކްސިން ޖަހަން ބާރު އެޅުމުގެ ގޮތުން ވެކްސިންގެ ދެ ޑޯޒް ޖަހާ މީހުންނަށް ލުއިތަކެއް ކޮންމެ ގައުމަކުންވެސް ދެއެވެ. އޭގެތެރޭގައި އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމުގެ ލުއިތަކާއި ޚިދުމަތްތައް ހޯދުމަށް ތަންތަނަށް ދިޔުމުގައި ލުއިތަކެއް ދެއެވެ. ވެކްސިން ކާޑާއި ވެކްސިން ޕާސްޕޯޓް ތައާރަފްކޮށްގެން ގައުމުތަކުން މަސައްކަތް ކުރަނީ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދެވޭތޯއެވެ. ހަމަ އެންމެ ބޭނުމެއްގައެވެ. މިކަމުން އަވަހަށް އަރައިގަތުމަށެވެ.

ދެން އޮތީ ރާއްޖޭގެ ވާހަކައެވެ. ރާއްޖޭގައިވެސް ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފެށުމާއެކު ދެ ޑޯޒް ޖަހާ މީހުންނަށް ލުއިތަކެއް ދޭނެކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރިއެވެ. ދަތުރުކުރުމުގައި ލުއިތަކެއް ލިބޭ ވާހަކައެވެ. ބައެއް ތަންތަނުން ޚިދުމަތް ހޯދުމުގައި ޑިސްކައުންޓްތައް ލިބޭނެކަމެވެ. ނަމަވެސް ރާއްޖެއަށް ބިންދާލި ކޮވިޑްގެ ހަތަރު ވަނަ ރާޅާއެކު އަދި މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ރާޅާއެކު މިކަން މިވަނީ ބަދަލުވެފައެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އެންމެ ފަހުން އެޅި ފިޔަވަޅުތަކަށް ލުއިތައް ދިން އިރު ވެކްސިން ޖެހި މީހުންނަށް ދިން ލުޔެއް ނެތެވެ. ސަބަބެއްކަމަށް ބުނީ އެކަށީގެންވާ މިންވަރަށް ވެކްސިންގެ ދެ ޑޯޒް ޖެހިފައިނެތުމެވެ. ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންގެ އަދަދު މަދުވުމުގެ އެއް ސއަބަބަކީ ދުނިޔޭގެ އެހެން ގައުމުތަކޭ އެއްގޮތަށް ރާއްޖެއަށްވެސް ކުރިމަތިވި ވެކްސިންގެ ދަތިކަމެއެވެ. ނެތް އެއްޗެއް ޖެހޭކަށް ނޯންނާނެތާއެވެ. ކޮވިޝީލްޑް ވެކްސިން ޖެހި ގިނަ މީހުންނަށް ދެ ވަނަ ޑޯޒް ނުޖެހި ތިބީ އެ ވެކްސިން އެކަށީގެންވާ މިންވަރަށް ނެތީމައެވެ. ބިންދާލި ހަތަރު ވަނަ ރާޅުގެ ބާނިތައް މިހާރު ވަނީ ކުޑަވެފައެވެ. ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު ބޮޑުތަނުން ވަނީ މަދުވެފައެވެ. ނަމަވެސް ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންނަށް ލިބުނު ލުޔެއްނެތެވެ.

ކުރިޔަށް އޮތީ ބޮޑު އީދާއި ޖުލައި 26 އާއެކު އަންނަ ބޮޑު ޗުއްޓީއެކެވެ. ގުނަމުން ދަނީ ސްކޫލްތަކުގެ ބަންދު ދުވަސްތަކަށް ވުމާއެކު ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ ކޭސްތަކުގެ އަދަދު މަދުވުމާއެކު ލިބޭ ލުއިތަކާއެކު ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންނަށްވެސް ލުއިތަކެއް ލިބޭނެކަމަށެވެ. ނަމަވެސް ހީކުރިގޮތާއި ޚިލާފަށް ކަންތައްވުމުން ގިނަ ބަޔަކަށް ވަނީ މާޔޫސްކަން ވެރިވެފައެވެ. ވެކްސިން ޖެހުމުގެ ބޭނުމެއް ކޮބައިތޯ ކުރާ ސުވާލު ގިނަ ވެއްޖެއެވެ. ވެކްސިން ޖަހަނީ ބަލިން ދިފާއުވުމަށެވެ. ނަމަވެސް ބަލިން ދިފާއުވުމާއެކު ކޮންމެވެސް ކަހަލަ ލުއިތަކެއް ލިބޭނެކަމަށް އުންމީދުކުރެވެނީ އެއުންމީދުގެ ހުޅުކޮޅު ކުރިން ރޯކޮށްދީފައި އޮތީމައެވެ.

ވެކްސިނޭޝަން ޕްރޮގްރާމް ފެށުމާއެކު ރާއްޖޭގައިވެސް އެހެން ގައުމުތަކެކޭ އެއްގޮތަށް ވެކްސިން ޖަހަންދާ މީހުންގެ އަދަދު މަދުވިއެވެ. ވެކްސިން ސެންޓަރުތައް ހުހަށް ހުރި ދުވަސްތަކެއްވެސް ފެނިގެންދިޔައެވެ. ނަމަވެސް ވެކްސިން ޖެހުމުން ލިބޭނެ ލުއިތަކާއެކު ވަކި މުއްދަތެއްގެ ތެރޭގައި ވެކްސިން ޖެހުމަށް އެންގުމާއެކު ހީވީ ހިނިހަރަކުން ހިނިތަކެއް ނިކުތް ހެންނެވެ. ވެކްސިން ޖަހާ ސެންޓަރުތަކަށް ބާރު ބޮޑުވެ ކިޔުތައް ދިގުވެ ދޭހާ އަތްވެއްގައި ވެހޭ ވާރޭގައި ކުޑަނަގައިގެންނާއި ވާރެއާ ތެމިގެން ވެކްސިން ޖަހަން ދިޔައެވެ.

އެއިން ވީ ފައިދާއެއް މިއަދު ގިނަ ބަޔަކަށް ފަހުމް ނުވަނީ އެކަމުން އެމީހުންގެ ދިރިއުޅުމަށް އަންނާނެ ލުޔެއް ނުފެންނާތީއެވެ. ހަމައެކަނި ބަލިން ދިފާއުވުމާއި ބަލި ޖެހުމުން ކުރާނެ އަސަރު ކުޑަވުން ފިޔަވައި ދެން ދިރިއުޅުމުގައި ކުރަން ހުރި އެހެންކަންކަމަށް ލުޔެއް ނުލިބުނީމައެވެ. ބައެއް މީހުން ބުނާގޮތުން ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންގެ ކަރަންޓީނުގެ މުއްދަތު ކުރުކޮށްލަދިނުންވެސް އެއީ މިދަނޑިވަޅުގައި ދެވޭނެ ލުޔެކެވެ. ނަމަވެސް އެވަރުވެސް ކޮށްނުލުމުން މިވަނީ އަނެއްކާވެސް ވެކްސިނާ ދެކޮޅު ވާހަކަތަކުގެ އަޑުތައް ގަދަވެފައެވެ.

ކޮވިޝީލްޑް ވެކްސިންގެ އެއް ޑޯޒް ޖަހައިގެން ދެ ވަނަ ޑޯޒްގެ އިންތިޒާރުގައި ތިބި މީހުންގެ އިންތިޒާރަށް މިވަނީ ކޮންމެވެސް ވަރަކަށް ނިމުން އައިސްފައެވެ. ޖުލައި މަހުގެ 4 ވަނަ ދުވަހުން ފެށިގެން އެޕޮއިންޓްމަންޓްގެ އުސޫލުން ދެ ވަނަ ޑޯޒް ޖަހަން ފަށާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި އެޕޮއިންޓްމަންޓް ލިބޭ ގަޑިއަށް ވެކްސިން ޖެހުމަށް ވެކްސިން ސެންޓަރަށް ދިޔުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެކުރިންވެސް އެޕޮއިންޓްމަންޓް ހައްދައިގެން ވެކްސިން ޖެހިއިރު މީހުން ނައިސްގެން އެޗްޕީއޭއިން ގުޅާ އާދޭސްކޮށްފައިވެސްވެއެވެ. މިފަހަރު ކަންތައްވީ ގޮތުން އެހިސާބަށް ކަންކަން ނުގޮސް މިކަން ނިމިއްޖިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. ވެކްސިން ޖެހުމުން ކޮންމެވެސް ކަހަލަ ލުޔެއް ދީގެން ނޫނީ ދެ ވަނަ ޑޯޒް ޖަހަންޖެހޭ މީހުން އެޖަހަން ދިޔުން މަދުވުމަކީ ވެދާނެ ކަމެއްކަމަށް ބަލާ އެކަމާމެދު ދެ ވަނަ ވިސްނުމަކަށް ދިޔުމަކީ މިދަނޑިވަޅުގައި މުހިންމު ކަމެކެވެ.

ކޮވިޑަކީ ވަކި ބަޔެއްގެ ޖީބަށް ބަރުވާ ބައްޔެއްކަން މުޅި ދުނިޔެވެސް މިއަދު ގަބޫލުކުރެއެވެ. ނަމަވެސް ނިކަމެތި ރައްޔިތުން އަބަދު ދަތި ހާލުގައި ގަނަތެޅުވުމުގެ ސިޔާސަތަށް ބަދަލު ގެނައުމަށް މިއަދު ކަމާބެހޭ ފަރާތްތަކުންވެސް ވިސްނަންޖެހެއެވެ. އެއީ ވައިރަސް ޖެހެނީ ވަކި މީހަކަށް ބަލައިގެން ނޫންވީމައެވެ. އެއީ އެންމެންނަށްވެސް ޖެހޭ އެއްޗެކެވެ. އެހެންކަމުން ދެވެން އޮތް ލުޔެއް ދީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީގެން މި ބަލިމަޑުކަމުން އަވަހަށް އަރައިގަތުމަށް ސިޔާސަތުތައް ބައްޓަންކުރުން ބުއްދިވެރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
14%
29%
0%
0%
0%
57%
ކޮމެންޓް