ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރަގަދަކޮށް، ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓްތައް ހުޅުވައިގެން ޑައިން އިންގެ ޚިދުމަތްތައް ނުދެވޭ ގޮތަށް ބަދަލު ކުރީ މީގެ ދެމަހެއްހާ ދުވަސް ކުރިންނެވެ.
މިއާއެކު ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެގެންދިޔައެވެ. ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ވިޔަފާރިތަކުގެ ބަލަދުވެރި ފަރާތް ކަމުގައިވާ ރެސްޓޯރެންޓް އެސޯސިއޭޝަނުން ވަނީ މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފައެވެ. އަދި އިހުތިޖާޖު ވެސް ވަނީ ކޮށްފައެވެ. އިހުތިޖާޖުގެ ތެރެއިން ރެސްޓޯރެންޓް ހިންގާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ފިޔަވަޅުތައް އަޅާއިރު ސަރުކާރުގެ ފަރާތުން އެމީހުންނާއި މަޝްވަރާ ނުކުރާ މައްސަލައެވެ. އަދި ފިޔަވަޅުތައް ހަރުކަށިކޮށް ކެފޭ/ރެސްޓޯރެންޓުތަކުން ޑައިން އިން ގެ ޚިދުމަތް ފޯރުކޮށްނުދެވޭތީ އެމީހުންގެ ވިޔަފާރިތަކަށް ގެއްލުންވަމުންދާކަން ވެސް ވަނީ ފާހަގަކޮށްފައެވެ. ސަރުކާރުން ވަނީ ވިޔަފާރިތަކަށް ގެއްލުންވާތީވެ މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވަކި ޕްލޭންތަކެއް ވެސް ތައާރަފުކޮށްފައެވެ.
އެގޮތުން ކޮވިޑް-19ގެ ސަބަބުން އަސަރުކޮށްފައިވާ ވިޔަފާރިތަކަށް އެހީތެރިވުމަށް ސަރުކާރުން ދެ ސްޓިމިއުލަސް ޕްލޭން ތައާރަފްކޮށްފައިވާ އިރު، އެއީ ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް ދޫކުރާ ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނާއި، އެސްޑީއެފްސީ މެދުވެރިކޮށް ތައާރަފްކޮށްފައިވާ ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނެވެ.
ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނު ޕެކޭޖުގެ ދަށުން 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާއިރު، ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނުގެ ދަށުން ތިން ޕެކޭޖެއް ވިޔަފާރިވެރިންނަށް ދޫކުރެއެވެ. އެއީ ހިނގަމުންދާ ޕްރޮޖެކްޓްތައް ނިންމުމަށް ދޫކުރާ ޕެކޭޖަކާއި ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ދޫކުރާ ޕެކޭޖެއްގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ފުޅާކުރުމާއި، ލޯނު ނުހިމެނޭ ގޮތަށް ވިޔަފާރިއާ ގުޅޭ ފަންނީ ލަފާ ލިބިގެންދާ ޕެކޭޖެކެވެ. ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނުގެ ދަށުން އެންމެ ގިނަވެގެން ދޫކުރާނީ އެއް މިލިއަން ރުފިޔާއެވެ. މި 2 ސްކީމްގެ ދަށުންވެސް ލޯނު ދޫކުރަނީ 6 އިންސައްތައިގެ އިންޓަރެސްޓް ރޭޓެއްގައި، ގިނަ ދުވަހުން ދެއްކޭ ގޮތަށެވެ.
ނަމަވެސް ވިޔަފާރިތަކުން ބުނަމުން ދިޔައީ އިތުރަށް ލޯން ނެގުމުން، ބޮލުގައި އެޅޭނީ އިތުރު ދަރަންޏެއް ކަމަށެވެ. އޭގެ ބަދަލުގައި ފަސޭހަ ގޮތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ މަގު ސަރުކާރުން ފަހިކޮށްދޭން ޖެހޭ ކަމަށެވެ. މިކަންބޮޑުވުންތައް އަޑުއަހައި، މާލެސަރަހައްދުގައި ކޭސްތައް ވެސް މަދުވުމާއެކު އަނެއްކާވެސް މިވަނީ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރޭގަނޑު އަށެއް ޖެހުމާއި ހަމައަށް ޑައިން އިން ގެ ޚިދުމަތް ދިނުމުގެ ހުއްދަ ދީފައެވެ. މިއާއެކު ވިޔަފާރިތަކަށް ދިމާވެފައިވާ ދަތި އުނދަގޫ ހާލަތުން އަރައިގަނެވިދާނެ ކަމުގެ އުންމީދު މިވަނީ އާވެފައެވެ.