ޖުލައި މަހުގެ ފުރަތަމަ 8 ދުވަހު ވިޔަފާރިތަކުން އަމަލުކުރަންވީ އުސޫލު އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާއިރު، މި 8 ދުވަހު ކާބޯތަކެތީގެ ޑެލިވަރީގެ ޚިދުމަތް 24 ގަޑި އިރު ދެވޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާގުޅިގެން ޖުލައި 1 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ވިޔަފާރިތަކުން އަމަލުކުރަންޖެހޭ އައު އުސޫލެއް އެކުލަވާލާފައެވެ.
އަލަށް އެކުލަވާލާފައިވާ އުސޫލުތަކާއެކު ފިހާރަތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ޢާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ، ފަތިހު 4:00 އިން ރޭގަނޑު 8:00 އާ ދެމެދުއެވެ. އަދި މިތަންތަނުން 24 ގަޑިއިރު ޑެލިވަރީގެ ޚިދުމަތް ދެވޭނެ ގޮތަށް ހަމަޖައްސައި ޑެލިވަރީގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިޔަފާރިތަކަށް ދޫކޮށްފައިވާ ކޮންމެ ފާހެއް ވެސް ބޭނުންކުރެވޭނެ ގޮތަށް ވަނީ ހަދާފައެވެ.
އޭގެ އިތުރުން މިނިސްޓްރީން ބުނީ ކާފިއު ގަޑިތަކުގައި ވިޔަފާރިއަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރުމަށް، ބޭރަށް ނުކުތުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރިން ދޫކޮށްފައިވާ Gov/Company ފާސް ބޭނުންކުރެވިދާނެ ކަމަށެވެ. އަދި ކާފިއު ގަޑިތަކުގައި، Gov/Company ފާސް ނެތް ފަރާތަކުން މުހިންމު ބޭނުންތަކުގައި ކޮންމެހެން ނުކުންނަން ޖެހިއްޖެނަމަ، ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް މިސެލޭނިއަސް ފާހެއް ނަގައިގެން ބޭނުންކުރެވޭނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާ ގުޅިގެން އެމިނިސްޓްރީން ދޫކުރަމުންދިޔަ ފާސްތައް ދޫކުރުން ހުއްޓާލާފައެވެ. ނަމަވެސް ވިޔަފާރިތަކުުން ޚިދުމަތްދޭ އިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.