ކ. މާލެ
|
2 ޖުލައި 2021 | ހުކުރު 08:01
މިނިސްޓަރ އާމިނަތު ޝައުނާ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ތެރެއިން
މިނިސްޓަރ އާމިނަތު ޝައުނާ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ތެރެއިން
އެންވަރަންމަންޓް މިނިސްޓްރީ
ކުނީގެ މައްސަލަ ހައްލުކުރުން
32 ރަށެއްގައި ކުނީގެ މައްސަލަ ހައްލުކުރުމަށް އެއްބަސްވުމެއް
 
11 ރަށެއްގައި މިހާރު ހުރި ރަށު ފެންވަރުގެ ކުނި މެނޭޖުކުރާ މަރުކަޒުތައް އަޕްގްރޭޑްކުރާނެ
 
15 ރަށުގައި ކުނި މެނޭޖްކުރާ ނިޒާމު ގާއިމުކުރާނެ
 
އެއްބަސްވެފައި ވަނީ 4 އަތޮޅުގެ 32 ރަށެއްގެ ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް

4 އަތޮޅުގެ 32 ރަށެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓު ޕްރޮޖެކްޓުގެ ދަށުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ޒޯން 3 ގެ 32 ރަށުގެ ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި އެރަށްރަށުގެ ކައުންސިލާ ދެމެދު ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ޖުލައި 1 ގައެވެ. ޒޯން 3 ގައި ހިމެނެނީ ކ، އއ، އދ، އަދި ވ. އަތޮޅުގެ ރަށްތަކެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާއެވެ. ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްތަކުގެ ރައީސުންނެވެ. މި އެއްބަސްވުމުގެ ދަށުން ކުނިކޮށި ނެތް ރަށްރަށުގައި ކުނިކޮށި އެޅުމާއި ކުނި މެނޭޖުކުރާނެ ވަސީލަތްތައް ނެތް ރަށްރަށަށް ކުނި ރައްކާތެރި ގޮތުގައި މެނޭޖުކުރާނެ ވަސީލަތްތައް ފޯރުކޮށްދެވޭނެއެވެ. މިގޮތުން، 15 ރަށެއްގައި ރަށު ފެންވަރުގެ ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމުކުރުމާއި، 11 ރަށެއްގައި މިހާރު ހުރި ރަށު ފެންވަރުގެ ކުނި މެނޭޖުކުރާ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މި ޕްރޮޖެކްޓުގެ ދަށުން ކުރެވޭނެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި އުސޫލުން ކުނި މެނޭޖުކުރުމުގެ ޒަމާނީ ޓެކްނޯލޮޖީ އެކުލެވޭ ނިޒާމެއް، މާލެ ސަރަޙައްދުގައި ޤާއިމުކުރެވުން ކަމަށެވެ. އަދި ދިރިއުޅުމަށް އެކަށޭނަ ސާފުތާހިރު މާހައުލެއް މި ރީތި ރަށްތަކުގައި އުފައްދައި، ރަށްރަށުގެ ޖަޒީރާވަންތަކަން އަލުން އިއާދަކުރުމާއި ތަޣައްޔަރުވެފައިވާ ކުނިގޮނޑުތައް ނައްތާލުން ކަމަށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ކުރިއަށްގެންދާ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަކީ އެހީދޭ ޖަމާޢަތްތައް ކަމަށްވާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)، ޖޭ.އެފް.ފީ.އާ.އާރް އަދި ޓީ.އޭ.އެސް.އެފްގެ އެހީއާއެކު ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢޫގެ މަޤްސަދަކީ ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނޭޖުކުރާ ނިޒާމެއް ގްރޭޓަރ މާލެ ސަރަޙައްދާއި ޒޯން 3 ގައި ހިމެނޭ 32 ރަށުގައި އެކުލަވާލުމެވެ.

މިޕްރޮޖެކްޓް ހިންގަނީ މައިގަނޑު 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފޭސް 1 ގައި ހިމެނެނީ މޫސުމަށް އަންނަ ބަދަލުތަކަށް އަދި ކާރިސާތަކަށް ވިލުންވެރި (ކްލައިމެޓް އެނޑް ޑިޒާސްޓާރ ރެސިލިއަނޓް) ކުނި އުފުލާ، ނައްތާލާ ނިޒާމެއް އުފެއްދުމާއި ރަށުފެންވަރުގެ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކުރުމާއި އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ދެމެހެއްޓެނިވި ގޮތަކަށް ކުނި ނައްތާލަން އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. މިގޮތުން ރޭޑިއުސް، ރީޔޫޒް، ރިސައިކަލް (3 އާރް) އަށް އާއްމުން ހޭލުންތެރިކުރުން ހިމެނެ އެވެ. އަދި ދެވެނަ ފިޔަވަހީގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމުކުރުމާއި ތިލަފުށީގެ ޑަމްޕްސައިޓް ރިމީޑިއޭޓްކުރުން ވެސް ހިމެނެ އެވެ. މީގެ އިތުރުން އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނޭޖްކުރުމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުން ވެސް ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް