ކ. މާލެ
|
1 ޖުލައި 2021 | ބުރާސްފަތި 22:43
މޭ ހަޔެއް ކޮމިޓީ، ގައުމީ މަޖިލީހުގެ ޖަލްސާގައި
މޭ ހަޔެއް ކޮމިޓީ، ގައުމީ މަޖިލީހުގެ ޖަލްސާގައި
އެމްޑީޕީ
ނަޝީދު އަވަހާރަކޮށްލަން ފަންޑު ކުރި މީހުން
މޭ ހަޔެއް ކޮމިޓީ: ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް 3 މިލިއަން ޑޮލަރުގެ ޓާސްކެއް ދީފައިވޭ
 
ރައީސް ނަޝީދުގެ ސެކިއުރިޓީ ހުރީ އެންމެ މަތީ ލެވެލްގައި
 
މެއި 3 ހިސާބުގައި ކުރިއަށް ދިޔައީ އެޑްވާންސް ޕޭމެންޓްގެ ކަންކަން ކަމަށް އެމީހާ މައުލޫމާތު ދިން ކަމަށް އިލްޔާސްގެ ފަރާތުން މައުލޫމާތު ލިބުނު
 
މިހާރު ހައްޔަރު ކޮށްފައިވާ 5މީހުންގެ ތެރެއިން 4 މީހުންގެ މައްސަލައިގެ ދައުވާ ކުރުމަށް ހުށަހެޅުމަށް ބޭނުވާ ކޭސް ފައިލް އަންނަނީ ތައްޔާރު ކުރަމުން

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް 3 މިލިއަން ޑޮލަރުގެ ޓާސްކެއް ދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް "މޭ ހަޔެއް" ކޮމިޓީން ބުނެފިއެވެެ.

ހަފުތާއަކު އެއް ފަހަރު ކުރިއަށްގެންދާ ގައުމީ މަޖިލީހުގެ ޖަލްސާގައި "މޭ ހަޔެއް" ކޮމިޓީގެ މަސައްކަތްތައް އަދާހަމަ ކުރައްވަމުން ކޮމިޓީގެ މުޤައްރިރު، އަދި ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފު ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައުލޫމާތު ސާފުކުރުމަށް މެމްބަރު އިލްޔާސް ލަބީބާ ބައްދަލު ކުރެއްވި ކަމަށެވެ. ޢަފީފު ވިދާޅުވީ، މެއި 3 ވަނަ ދުވަހުގެރޭ އިލްޔާސް ލަބީބަށް މީހަކު ގުޅައި ވަރަށް މުހިއްމު ކަމަށް ބުނެ ބައްދަލުކުރަން އެދުނު ކަމަށާއި، އެމީހާއާ ބައްދަލު ކުރުމުން، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް 3 މިލިއަން ޑޮލަރުގެ ޓާސްކެއް ބަޔަކާ ހަވާލުކޮށްފައިވާ ކަމުގެ މައުލޫމާތު އެމީހާ އިލްޔާސަށް ދިން ކަމަށެވެ. އަދި އޭރު ކުރިއަށްދަނީ އެޑްވާންސް ޕޭމެންޓްގެ ކަންކަން ކަމަށް އެމީހާ އިލްޔާސަށް މައުލޫމާތު ދިން ކަމަށެވެ.

ހަމަ އެރޭ ރައީސް ނަޝީދާ ބައްދަލުކޮށް އެ މައުލޫމާތު ހިއްސާ ކުރުމުން، ޑިފެންސް މިނިސްޓަރަށް ގުޅުއްވުމަށް ވިދާާޅުވި ކަމަށެވެ. އެރޭ ޑިފެންސް މިނިސްޓަރ މާރިއާ އަޙުމަދު ދީދީއަށް ގުޅުއްވި ކަމަށާއި، އެރޭ އެކަމަނާ ފޯނަށް ޖަވާބު ނުދެއްވާ ކަމަށް އިލްޔާސް ވިދާޅުވި ކަމަށެވެ. ޖެހިގެން އައި މެއި 4ވަނަ ދުވަހު ހެނދުނު މިނިސްޓަރ އިލްޔާސަށް ގުޅުއްވި ކަމަށާއި، އެވަގުތު އެ ވާހަކަ ހިއްސާ ކުރެއްވި ކަމަށެވެ.

ޑިފެންސް މިނިސްޓަރާ ހިއްސާކުރެއްވުމުން ރައީސް ނަޝީދުގެ ސެކިއުރިޓީ ހުރީ އެންމެ މަތީ ލެވެލްގައި ކަމަށް ވިދާޅުވި ކަމަށެވެ.

"މޭ ހަޔެއް" ކޮމިޓީން ފާއިތުވި ހަފްތާގައި ފުލުހުންނާއި، އެޗްއާރްސީއެމް، އަދި އެމްއެންޑީއެފްއާ ވެސް ބައްދަލުކުރެއްވި ކަމަށް ޢަފީފު ވިދާޅުވިއެވެ.

27 ޖޫންގައި ޑިފެންސް މިނިސްޓްރީއާ ބައްދަލުކުރި ކަމަށާއި، ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް ސެކިއުރިޓީ ދޭން އޮންނަ އުސޫލުގެ ތެރެއިން ދެމުން އައި ކަމަށް މިނިސްޓަރ ވިދާޅުވި ކަމަށް ޢަފީފު ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައި މިފަދަ އަމަލެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ބަލަމުން އަންނަ ކަމަށް ވިދާޅުވިއެެވެ.

ހިއުމަން ރައިޓްސް ކޮމިޝަނާއެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި، ސާފުކުރަން ބޭނުންވީ އެތަނުން ކުރެވޭނީ ކޮން ކަމެއްތޯ ކަމަށާއި، އަދި ކޮމިޝަނުން ކުރައްވާ މަސައްކަތުގެ ތަފްސީލު ދެއްވި ކަމަށާއި، މިފަދަ އަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން ކޮމިޝަނަށް ކުރެވޭނެ ކަންކަމަކީ ކޮބައިތޯ ދެންނެވުމުން، މިހާރު އޮތް ބިލަށް ޚިޔާލު ދެއްވާފައިވާނެ ކަން ކޮމިޝަނުން ފާހަގަކުރިކަމަށެވެ. އަދި ތައުލީމީ ނިޒާމުގެ ތެރެއިން ދައުލަތެއް ހިނގާ ގޮތް ކިޔައިދޭން ޖެހޭ ކަމަށް ކޮމިޝަނުން ދެކޭ ކަމަށާއި، މީގެތެރޭގައި އިންސާނީ ހައްގުވެސް ހިމެނޭ ކަން ކޮމިޝަނުން ފާހަގަކުރި ކަމަށް ޢަފީފު ވިދާޅުވިއެވެ.

ބޮމެއް ގޮއްވާލުމަކީ ކްރައިމް ލެވެލްގެ ގޮތުން ވަރަށް މަތީ ދަރަޖައިގެ ކަމެއްކަން ކޮމިޝަނުން ފާހަގަކުރި ކަމަށާއި، ގާނޫނީ ގޮތުން ހުންނަ ލޫޕް ހޯލަކީ މިފަދަ ކަންކަމަށް ހިތްވަރު ލިބޭ ކަމެއް ކަން ކޮމިޝަނުން ފާހަގަކުރި ކަމަށެވެ. .

ފޮރެންސިކް ހެކިތައް އިތުރަށް ތަހުލީލު ކުރުމަށް މިހާރު އެމެރިކާ އަދި އޮސްޓްރޭލިއާގެ ޓީމަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، ފުލުހުންނާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވި ކަމަށް ޢަފީފު ވިދާޅުވިއެވެ.

8 މީހަކު ތަހުގީގަށް ހައްޔަރު ކޮށްފައިވާއިރު މައްސަލައާ ގުޅުން ހުރީ 5 މީހުންނެވެ.

241 ކޮމިޓީއާވެސް ތަފްސީލީ މައުލޫމާތު ހިއްސާ ކޮށްފައިވާނެކަން ފުލުހުން ފާހަގަކުރި ކަމަށާއި، އެއްވެސް ފަރާތަކުން ޚަރަދު ކޮށްފައިވޭތޯ ބަލަމުން އަންނަކަމަށް ވިދާޅުވިއެވެ. މިހާރު ހައްޔަރު ކޮށްފައިވާ 5މީހުންގެ ތެރެއިން 4 މީހުންގެ މައްސަލައިގެ ދައުވާ ކުރުމަށް ހުށަހެޅުމަށް ބޭނުވާ ކޭސް ފައިލް ތައްޔާރު ކުރަމުން އަންނަ ކަމަށް ސީޕީ ޙަމީދު ވިދާޅުވިއެވެ. ޓެރަރިޒަމާ ގުޅުން ހުރި ޤާނޫނީ ނިޒާމެއް ގާއިމު ކުރުމާއި، އިންޓެލިޖެންސް ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ސީޕީ ފާހަގަކުރެއްވިއެވެ.

ކޮންމެ ބުރާސްފަތި ދުވަހެއްގެރޭ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިހާރު އަންނަނީ ބާއްވަމުންނެވެ. މި ބައްދަލުވުމުގައި "މޭ ހަޔެއް" ކޮމިޓީގެ މަސައްކަތްތައް ތަފްސީލުކޮށް، މެމްބަރުން އަންނަނީ އެ މެމްބަރުންގެ ޚިޔާލުވެސް ފާޅުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
7%
7%
7%
29%
7%
43%
ކޮމެންޓް