ކ. މާލެ
|
1 ޖުލައި 2021 | ބުރާސްފަތި 21:23
ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ރައީސް ކުރިއަށް ގެންދެވި ބައްދަލުވުން
ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ރައީސް ކުރިއަށް ގެންދެވި ބައްދަލުވުން
ރައީސް އޮފީސް
ރައީސް ކައުންސިލްތަކާ ބައްދަލުކުރުން
ގެދޮރުވެރިޔާ ލޯނުން ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ލުއިތަކެއް ލިބިގެންދާނެ
 
ކައުންސިލަށް މައި ސަރުކާރުން ދޭން ޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި
 
ހައުސިންގ މަޝްރޫއު ތަކުގެތެރެއިން ކުޅުދުއްފުށްޓަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވި
 
ޓާރޝަރީ ހޮސްޕިޓަލުގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި

ސަރުކާރުން މިހާރު ތަޢާރަފުކޮށްފައިވާ ގެދޮރުވެރިޔާ ލޯނު ސްކީމުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ގެދޮރުވެރިކަމުގެ މައްސަލަތަކަށްވެސް ލުއިތަކެއް ލިބިގެންދާނެކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ.

ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން، ކުޅުދުއްފުށީ ސިޓީ ކައުންސިލާ ބުރާސްފަތި ދުވަހު ވަނީ ބައްދަލުކުރައްވާފައެވެ. ކައުންސިލްގެ މޭޔަރ މުޙައްމަދު އާޠިފް ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި، ޚާއްޞަކޮށް މިހާރު ކުރިޔަށްގެންދާ ގެދޮރުވެރިޔާ ލޯނަކީ އޭގެ ސަބަބުން އެސިޓީއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއްކަމަށް ވިދާޅުވެފައެެވެ. އަދި އެސިޓީގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް ހިންގުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ.

ކުޅުދުއްފުށީ ސިޓީގައި މީގެ ކުރިން މަސައްކަތް ހުއްޓިފައި ހުރި 105 ހައުސިންގ އެއްގެ މަސައްކަތް އަލުން މިސަރުކާރުން ފަށައިގެން މިހާރު ދަނީ ކުރިޔަށެވެ. މީގެ އިތުރުން ކުރިން ނުނިމި ހުރި 40 ހައުސިންގެ އެއްގެ ފިނިޝިންގެ މަސައްކަތްތައް ސަރުކާރުންވަނީ ނިންމާފައެވެެ.

ރައީސް ވަނީ ސަރުކާރުން ހިންގަން ހަމަޖެހިފައިވާ 1.5 ބިލިޔަން ރުފިޔާގެ ހައުސިންގ މަޝްރޫޢުގެ ތެރެއިންވެސް ކުޅުދުއްފުށި ސިޓީފަދަ ބޯހިޔާވަހިކަމަށް ބޮޑަށް ބޭނުން ޖެހިފައިވާ ރަށްތަކަށް އިސްކަން ދެއްވާނެކަމުގައި ވިދާޅުވެފައެވެ. ހަމަ އެހެންމެ ގެދޮރުވެރިޔާ ލޯނު ސްކީމަށް މިހާރު ކަނޑައަޅާފައިވާ ޢަދަދު އިތުރުކުރުމާއި، މިހާރު އެންމެ ބޮޑުކޮށް ޕްރޮޖެކްޓަކަށް ދޫކުރާ ޢަދަދު 700,000 އަށްވުރެ އިތުރު ކުރެއްވުމަށް ވިސްނަވާ ކަމުގައިވެސް ރައީސް ވިދާޅުވިއެެވެ.

މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މޭޔަރ ވަނީ މިހާރުވެސް އެސިޓީގައި ގެދޮރުގެ ދަތިކަން ކުރިމަތިވެ 1200 އެއްހާ މީހުން ބޯހިޔާވަހަކަމަށް ބޭނުންވެފައި ތިބިކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައު ޚިދުމަތްތައް ތަޢާރަފްކުރުމާއި ޚިދުމަތްތަކުގެ ފެންވަރުގެ ރަނގަޅު ކުރުމުގެ ގޮތުން މިހާރު ކުރިޔަށްދާ އެކްސްޕޭންޝަންގެ މަސައްކަތްތަކާއެކު، ޞިއްޙީ ދާއިރާއަށް އަންނަމުންދާ ހެޔޮ ބަދަލުތައް ސިޓީ ކައުންސިލުން ފާހަގަކުރިއެވެ. ހަމައެއާއެކު ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތާބެހޭ ގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލުގެ ޕްރޮޖެކްޓާ ގުޅޭ ފަހުގެ މައުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކްސްޕޭންޝަންގެ ގިނަ ޕްރޮޖެކްޓްތަކެއް މިހާރު ކުރިޔަށްދާއިރު ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރ އަށް ހުޅުވާލުމުގެ މަރުޙަލާގައެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތްތައް ކުރިޔަށްދާތީ އެކަން ވެސް ފާހަގަ ކޮށްފައެވެ. އަދި މަގުހެދުމުގެ ޕްރޮޖެކްޓްގެ ތެރޭގައި ފަޔަރ ހައިޑްރަންޓް އަދި ޑީވޯޓަރިން ހިމަނައިދިނުމަށާއި ބައެއް މަގުތައް ގުޅުވާލުމަށް ސިޓީ ކައުންސިލުން ރައީސް އަރިހުގައި އެދުނެވެ.

ރައީސް ވިދާޅުވީ، ސިޓީ ކައުންސިލުން އެދޭ ބަދަލުތައް ގެންނެވުމަށް ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައެވެ. ސަރުކާރުން މިހާރު މަގުހެދުމުގެ މަޝްރޫޢުތައް ކުރިޔަށްގެންދަވަނީ މަގުތަކަށް އަވަސްއަވަހަށް ބަދަލު ގެންނަން ނުޖެހޭގޮތަށް ޑްރެއިނޭޖް ސިސްޓަމާއި އެނޫންވެސް މަގާ ގުޅިފައިވާ ކަންކަން ހިމެނޭގޮތަށެވެ.

ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި އިންތިޒާމެއް ހަމަޖެއްސުމާ ބެހޭގޮތުންނާއި ސިޓީ ކައުންސިލަށް ބޭނުންވާވަރަށް މުވައްޒަފުން ނެތުމުގެ މައްސަލައާއި އަދި އެއާޕޯޓު ހިމެނޭ ސަރަޙައްދުގެ ސީވޯލްގެ މަސައްކަތާއި، ލައިޓް ހަރުކުރުމާއި އަދިވެސް އެއާޕޯޓަށް ބޭނުންވާ ބައެއް އިންތިޒާމުތައް ހަމަޖެއްސުމާއި އަދި ކުޅުދުއްފުށީ ޕޯޓަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ސިޓީ ކައުންސިލަށް މުވައްޒަފުންގެ ދަތިކަމަށް އަވަސް ޙައްލެއް ގެނެސްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ޚާއްޞަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުތަކަށް ލާމަރުކަޒީ ޤާނޫނުން ގިނަ ބާރުތަކެއް ލިބި، ބައެއް ޕްރޮޖެކްޓްތައް ވެސް ކައުންސިލުތަކުން އަމިއްލައަށް ހިންގޭގޮތަށް އޮތްނަމަވެސް ކައުންސިލުތަކުން ބޭނުންވާ އެހީތެރިކަން ދިނުމަށް މައި ސަރުކާރުގެ އިދާރާތަކުން އަބަދުވެސް ތައްޔާރަށް އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ޚާއްޞަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، ކައުންސިލްތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދިނުމުގައި ދެމި އޮންނާނެކަމަށާއި، ބޭނުންވަނީ މުޅި ނިޒާމު ކާމިޔާބުކަމާއެކު ހިނގައި ކުރިޔަށް ދިއުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް
4 ޖުލައި 2021 | އާދީއްތަ 14:34
ވާނުވާއެއް
މަގުހަދަނީ އޭ؟
4 ޖުލައި 2021 | އާދީއްތަ 11:28
އަތްލާބެ
އެއްކަމެއްވެސް ނުވާނެ. ތީހަމަ މީހުން ގުނބޯހައްދަން ދައްކާ ވާހަކަ.