ކ. މާލެ
|
1 ޖުލައި 2021 | ބުރާސްފަތި 18:50
މަޝްހޫރު ދިނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް
މަޝްހޫރު ދިނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް
ފޭސްބުކް
ޑރ.އިޔާޒުގެ މައްސަލަ
ޑރ.އިޔާޒު ވަޒީފާއިން ވަކިކޮށްފި
 
ގިނަ ބައެއްގެ ފާޑު ކިޔުން އޭނާއަށް ވަނީ އަމާޒުވެފައި
 
ސަސްޕެންޑް ކުރީ މާރޗް މަހުގެ ތެރޭގައި
 
ވަޒީފާއިން ވަކިކުރީ ތަކުރާރުކޮށް ނަސޭހަތް ދިނުމަށްފަހު

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރު ގެ މަގާމުގައި ހުންނެވި މަޝްހޫރު ދިނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވަޒީފާއިން ވަކިކޮށްފިއެވެ.

ރާއްޖެއެމްވީއަށް އެމްއެންޔޫއިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ޑރ. އިޔާޒް މަގާމުން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާގައި އޭނާގެ ޕޯސްޓްތަކާއި ޓްވީޓްތަކާއި ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމަށްފަހުއެވެ. އެމްއެންޔޫއިން ބުނީ މިފަހުން ވެސް ފެންމަތިވި މައްސަލައާ ގުޅިގެން ތިން ފަހަރު ނަސޭހަތް ދިނުމަށްފަހު ދެ ފަހަރު ލިޔުމުން ނަސޭހަތް ދީފައިވާ ކަމަށެވެ. ނަމަވެސް އިސްލާހުނުވުމުން ވަޒީފާއިން ވަކިކޮށްފައިވާ ކަަމަށް ބުނެއެވެ.

އެމްއެންޔޫއިން ބުނީ ހަރުކަށި ފިކުރަށް ތާއީދުކުރައްވާ މޭރުމުން ސޯޝަލް މީޑިއާގައި ވާހަކަ ދެއްކެވުމާއި، އާންމުންގެ ތެރޭ ނުތަނަވަސްކަން އުފެދޭ ގޮތަށް ޚިޔާލު ފާޅުކުރައްވާތީ ޑރ.އިޔާޒު ސަސްޕެންޑްކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައި ކަމަށެވެ.

ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ވަރަށް ވަރުގަދަ ރައްދެއް ޑރ.އިޔާޒު ދެއްވާފައިވެއެވެ. ޑރ.އިޔާޒު ވިދާޅުވީ މިމައްސަލައާ ގުޅިގެން ދޭން ބޭނުންވާ ޖަވާބަކީ ފިރުއައުނާ މުޚާތަބުކޮށް ސިހުރުވެރިން ދިން ޖަވާބު ކަމަށެވެ.

ޑރ.އިޔާޒްގެ މައްސަލަ ބެލުމަށް އެމްއެންޔޫގެ ކޮމިޓީ އަށް ހުށަހެޅި އިރު ވެސް އޭނާއާ ގުޅޭ އާންމުންގެ ފަރާތުން 190ށް ވުރެ ގިނަ ޝަކުވާ އެމްއެންޔޫއަށް ލިބިފައިވެއެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިމިވަނީ އަންހެންކުދިން ޚިތާނު ކުރުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އޭނާ ފާޅު ކުރެއްވި ޚިޔާލުތަކެއްގެ މައްސަލަ ފެންމަތިވެ، އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ބަލަމުން ދަނިކޮށެވެ.

23 ޖޫންގައި 9:14ގައި ޑރ ޢިޔާޒު ކުރެއްވި ޓްވީޓަކީ އަންހެނުން ޚިތާނުކުރުމުން ލިބޭ ފައިދާތަކާ ގުޅޭގޮތުން، އިސްލާމީ ސުވާލާއި ޖަވާބުތައް ޝާއިއުކުރާ ވެބްސައިޓެއްގައިވާ ލިންކެވެ.

މި ޓްވީޓަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ޑރ އިޔާޒަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތަކާ ގުޅިގެން ވިދާޅުވީ އެއީ އިލްމީ ދިރާސާއެއްކަމަށާއި، އޭގައި ގޯހެއްވާނަމަ އެކަމަށް އިލްމީ ގޮތުން ޖަވާބު ދިނުމަށެވެ. މަޖިލީހަށް ގަރާރުތައް ލައި ވަޒީފާއިން ވަކިކުކުރަން ޕްރެޝަރ ކުރުމަކީ ހައްލެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ފަހުން ހޯމަ ދުވަހު ވަނީ ބަޔާނެއްވެސް ނެރުއްވާފައެވެ. އެގޮތުން ރަނގަޅުނޫން ތަސައްވުރެއް ބަޔަކަށް ލިބިފައިވާނަމަ އެކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދޭކަމަށް އެބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ޑރ. ޢިޔާޒު މީގެ ކުރިންވެސް ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން އެމްއެންޔޫއިން ވަނީ އޭނާ 14 ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. އެ މައްސަލައިގައި ޑރ. ޢިޔާޒު ވަނީ އެމްއެންޔޫއާ ދެކޮޅަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްއަށްވެސް މައްސަލަ ހުށަހަޅުއްވާފައެވެ. އެ މައްސަލަ އަދިވެސް އޮތީ ޓްރައިބިއުނަލްގައެވެ. އަދި އޭނާ ގެންދަވަނީ މިސަރުކާރުން ގެންގުޅޭ ދީނީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ކޮވިޑްގެ ހާލަތުގައި މިސްކިތްތަކުގައި ގައިދުރުކޮށްގެން ނަމާދުކުރަމުން އަންނާތީ އެކަމާ ދެކޮޅަށްވެސް އޭނާ ގެންދަވަނީ ވާހަކަދައްކަވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
43%
0%
43%
14%
0%
ކޮމެންޓް