ކ. މާލެ
|
30 ޖޫން 2021 | ބުދަ 23:36
ސައިންސްވެރިން އެއްބަސްވާ ގޮތުގައި ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް އޮތް އެންމެ ރަނގަޅު ހައްލަކީ ވެކްސިން ޖެހުން
ސައިންސްވެރިން އެއްބަސްވާ ގޮތުގައި ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް އޮތް އެންމެ ރަނގަޅު ހައްލަކީ ވެކްސިން ޖެހުން
އަލްޖަޒީރާ
ކޮވިޑް-19ގެ އެކި ވޭރިއަންޓްތަކާއި ވެކްސިން
ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ވެކްސިން މަސައްކަތްކުރަނީ ކިހާވަރަކަށް؟
 
ވައިރަސް މިޔުޓޭޓްވުން ދުރުކޮށްދިނުމަށް އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދޭންޖެހޭ
 
ޑެލްޓާ ވޭރިއަންޓަށް އޮތް ހައްލަކީ ވެކްސިންގެ ދެ ޑޯޒް ޖެހުން
 
ޑެލްޓާ ވޭރިއަންޓް ޖެހޭ މީހުންނަށް ވެކްސިނުން ކުރާ އަސަރު އެހެން ވޭރިއަންޓްތަކަށްވުރެ ދަށް

އިންޑިޔާއިން ފެނިފައިވާ ކޮވިޑް ވޭރިއަންޓް ކަމުގައިވާ ޑެލްޓާ ވޭރިއަންޓަކީ މިހާތަނަށް ފެނިފައިވާ ވޭރިއަންޓްތަކުގެ ތެރެއިން އެންމެ ފަސޭހައިން، އަދި އެންމެ ހަލުވި މިނުގައި ފެތުރެމުން އަންނަ ވޭރިއަންޓެވެ. މީގެއިތުރުން މިވޭރިއަންޓަކީ މިހާތަނަށް އުފައްދާފައިވާ ކޮވިޑް ވެކްސިންތަކުގެ އަސަރު އެންމެ ކުޑަކޮށް ކުރާ ވޭރިއަންޓްވެސްމެއެވެ. އެހެންކަމުން މިވޭރިއަންޓާ ދެކޮޅަށް ކުރަންޖެހިފައިވާ މަސައްކަތްތަކާއި ދިރާސާތައް ވަނީ ގިނަވެފައެވެ.

މިހާތަނަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު ވެކްސިންގެ ދެ ޑޯޒް ޖެހުމުން މިވޭރިއަންޓާ ދެކޮޅަށް އިންސާނާގެ ހަށިގަނޑު ކުރާ މަސައްކަތް ރަނގަޅެވެ. މިވޭރިއަންޓާ ގުޅޭގޮތުން އިނގިރޭސިވިލާތުގައި ކުރިޔަށް ގެންދިޔަ ދިރާސާއެއް ވަނީ ލެންސެޓް މެޑިކަލް ޖަރނަލްގައި ޖޫން މަހުގެ ކުރީކޮޅު ޝާއިއުކޮށްފައެވެ. މި ދިރާސާގައި ބަލާފައިވަނީ ކޮވިޑް ވޭރިއަންޓްތަކުގެ ތެރެއިން ޑެލްޓާ(އިންޑިޔާ ވޭރިއަންޓް)، އަލްފާ (އިނގިރޭސިވިލާތުގެ ވޭރިއަންޓް)، އަދި ބީޓާ (ދެކުނު އެފްރިކާގެ ވޭރިއަންޓް) ޖެހިފައިވާ މީހުންނަށް ވެކްސިން ދީގެން އެމީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފައްދައިދޭ މިންވަރެވެ.

މިދިރާސާއިން އެނގުނު ގޮތުގައި ފައިޒަރ އާއި ބައޯއެންޓެކުން އުފައްދާފައިވާ ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީ ހުރި މިންވަރު ޑެލްޓާ ވޭރިއަންޓް ޖެހުނު މީހުންގެ ހުރީ ކޮވިޑްގެ އަސްލު ވައިރަސް ޖެހުނު މީހުންނަށްވުރެ ހަ ގުނަ ދަށުގައެވެ. އަލްފާ ވޭރިއަންޓް ޖެހުނު މީހުންގެ ހަށިގަނޑުގައި ވައިރަސްގެ އަސްލު ޖެހުނު މީހުންނަށްވުރެ 2.6 ގުނަ ދަށްކޮށް އެންޓިބޮޑީސް އުފައްދައިދިންއިރު ބީޓާ ޖެހުނު މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފައްދައިދޭ މިންވަރު ހުރީ 4.9 ގުނަ ދަށުގައެވެ.

ޕެސްޓަރ އިންސްޓިޓިއުޓްގައި ކުރިޔަށް ގެންދިޔަ ދިރާސާއަކަށް ބަލާލާއިރު އެދިރާސާގައި ބުނެފައިވަނީ ޑެލްޓާ ވޭރިއަންޓް ޖެހުނު މީހުންނަށް ފައިޒަރ ވެކްސިން ދިނުމުން އެމީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފައްދައިދޭ މިންވަރު ވަނީ އަލްފާ ވޭރިއަންޓް ޖެހުނު މީހުންނަށްވުރެ ތިންގުނަ އާއި ހަގުނަ އާ ދެމެދު ދަށަށްގޮސްފައިކަމަށެވެ.

ވޭރިއަންޓްތަކާ ދެކޮޅަށް ވެކްސިން މަސައްކަތްކުރޭތަ؟

ލެބޯޓްރީތަކުގައި ކުރިޔަށް މިގެންދާ ދިރާސާތަކުން ފެންނަ ނަތީޖާތަކަކީ މުހިންމު ނަތީޖާތަކަކަށް ވިޔަސް އަދި މިއީ ވެކްސިންގެ އަސަރު އެންމެ ރަނގަޅަށް ދެނެގަނެވޭނެ ދިރާސާތަކެއް ނޫނެވެ. ވަކިން ޚާއްސަކޮށް ވައިރަސްއާ ދެކޮޅަށް މަސައްކަތްކުރާ ޓީ ސެލްސް މަސައްކަތްކުރާ މިންވަރު މިފަދަ ދިރާސާތަކުން ދެނެއެއް ނުގަނެވެއެވެ. ޓީ ސެލްސް އަކީ ހަށިގަނޑުގައި ވައިރަސްގެ އަސަރުކޮށްފައިވާ ސެލްތަކަށް ހަމަލާދޭ ސެލްއެކެވެ. ޓީސެލްސް އަކީ ވައިރަސްއަށް ހަމަލާދޭ ސެލްއެއް ނޫނެވެ. އެހެންކަމުން ލެބޯޓްރީތަކުގައި ކުރިޔަށް ގެންދާ ދިރާސާތަކުގައި ޓީސެލްސްތައް އަދާކުރާ ދައުރު އެހާބޮޑަށް ދެނެއެއްނުގަނެވެއެވެ.

އެހެންކަމުން ވެކްސިނުން ކުރާ އަސަރު ދެނެގަނެވެން އޮތީ މީހުންނަށް ވެކްސިން ދިނުމަށްފަހު އަދަދުތަކަށް ވަމުންދާ ގޮތް ބަލައިގެންނެވެ. އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތުން ހާމަކޮށްފައިވާ ޑާޓާތަކަށް ބަލާލާއިރު ފައިޒަރ ވެކްސިނާއި އެސްޓްރަޒެނިކާ ވެކްސިން ޖެހި މީހުންނަށް ކުރާ އަސަރު ހުރީ އަލްފާ ވޭރިއަންޓްގައި ދާދިއެއްވަރެއްގައެވެ.

ދިރާސާގައި ބޭނުންކޮށްފައިވާ 14،000 މީހުންނަށް ބަލާއިރު ޑެލްޓާ ވޭރިއަންޓް ޖެހިފައިވާ މީހުންނަށް ފައިޒަރ ވެކްސިންގެ ދެ ޑޯޒް ދީފައިވާއިރު އެމީހުން ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހުނު މިންވަރު ވަނީ 96 އިންސައްތަ ކުޑަކޮށްދީފައެވެ. އަދި މިވޭރިއަންޓް ޖެހިފައިވާ މީހުންގެ ތެރެއިން އެސްޓްރަޒެނިކާ ވެކްސިންގެ ދެ ޑޯޒް ދިން މީހުން ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހުނު މިންވަރު ވަނީ 92 އިންސައްތަ ކުޑަކޮށްދީފައެވެ. މީގެއިތުރުން ކޮވިޑް ޖެހިގެން ސީރިއަސްވާ ހިސާބަށްދާ މިންވަރުވެސް ހުރީ ގާތްގަނޑަކަށް މި މިންވަރުގައެވެ.

ޑެލްޓާ ވޭރިއަންޓް ޖެހިގެން އަލާމާތްތައް ފެންނަ މީހުން ފައިޒަރ ވެކްސިންގެ ދެ ޑޯޒް ޖަހާތާ ދެހަފްތާ ފަހުން ވެކްސިންގެ އަސަރު ކުރާ މިންވަރު ހުންނަނީ 88 އިންސައްތައިގައެވެ. އަލްފާ ވޭރިއަންޓް ޖެހޭ މީހުންނަށް ވެކްސިންގެ އަސަރުކުރާ މިންވަރު ހުންނަނީ 93 އިންސައްތައިގައެވެ.

ޑެލްޓާ ވޭރިއަންޓް ޖެހިފައިވާ މީހުންނަށް އެސްޓްރަޒެނިކާ ވެކްސިންގެ ދެ ޑޯޒްގެ އަސަރުކުރާ މިންވަރު ހުންނަނީ 60 އިންސައްތައިގައެވެ. އަދި އަލްފާ ވޭރިއަންޓް ޖެހިފައިވާ މީހުންނަށް އެސްޓްރަޒެނިކާ ވެކްސިންގެ އަސަރުކުރާ މިންވަރު ހުންނަނީ 66 އިންސައްތައިގައެވެ.

ރަޝިޔާއިން އުފައްދާފައިވާ ސްޕަޓްނިކްވީ ވެކްސިން އަކީ މިހާތަނަށް އުފައްދާފައިވާ ހުރިހާ ވެކްސިނަކާ އަޅާބަލާއިރު މިވޭރިއަންޓާ ދެކޮޅަށް އެންމެ ރަނގަޅަށް މަސައްކަތްކުރާ ވެކްސިން ކަމަށް އެވެކްސިން އުފައްދާފައިވާ ގެމަލިޔާއިން ވަނީ ބުނެފައެވެ. ނަމަވެސް ގެމަލިޔާއިން އަދި އެމީހުންގެ ދިރާސާތަކުގެ ޑާޓާތަކެއް ހާމަކޮށްފައެއްނުވެއެވެ.

ވެކްސިންގެ އެއް ޑޯޒް ޖަހައިގެން ދިފާއުވާނެތަ؟

ކޮވިޑަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން އެއް ޑޯޒް ޖަހާ ހަމައެކަނި ވެކްސިނަކީ ޖޯންސަން އެންޑް ޖޯންސަން ވެކްސިނެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރު މިވެކްސިން ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރަނީ ކިހާ މިންވަރަކަށް ކަމެއް އަދި ސާފެއްނުވެއެވެ.

އެހެންނަމަވެސް ދެން ހުރި އެހެން ވެކްސިންތަކަށް ބަލާއިރު އެއިންކޮންމެ ވެކްސިނެއްގެ އެއް ޑޯޒް ޖަހައިގެން ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ލިބިފައިވަނީ ވަކި މިންވަރެއްގެ ރައްކާތެރިކަމެއްކަން ވަނީ ހޯދިފައެވެ.

ކޮވިޑްގެ އަސްލު ސްޓްރެއިން ޖެހޭ މީހުންނަށް ފައިޒަރ ވެކްސިންގެ އެއް ޑޯޒް ޖަހައިގެން އެންޓިބޮޑީސް އުފައްދައިދޭ މިންވަރު 79 އިންސައްތައިގަ ހުއްޓަސް ޑެލްޓާ ވޭރިއަންޓް ޖެހޭ މީހުންނަށް ފައިޒަރ ވެކްސިންގެ އެއް ޑޯޒުން އެންޓިބޮޑީސް އުފައްދައިދެނީ 32 އިންސައްތައިގަ ކަމަށް ދިރާސާއަކުން ވަނީ އެނގިފައެވެ.

ޕެސްޓަރ އިންސްޓިޓިއުޓުން ކުރިޔަށް ގެންދިޔަ ދިރާސާއިން އެނގިފައިވާ ގޮތުގައި އެސްޓްރަޒެނިކާ ވެކްސިން ގެ އެއް ޑޯޒް ޖަހައިގެން ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރަނީ ވަރަށް ކުޑަކޮށް ނުވަތަ އެއްވެސް މިންވަރަކަށް ނުކުރެއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ޑެލްޓާ ވޭރިއަންޓް ޖެހިފައިވާ މީހުންގެ ތެރެއިން އަލާމާތްތައް ފެނުނު މީހުންނަށް މިއިންކޮންމެ ވެކްސިނެއްގެވެސް ފުރަތަމަ ޑޯޒް ޖަހާތާ ތިން ހަފްތާފަހުން، ކުރާ އަސަރު ހުންނަނީ 33 އިންސައްތައިގައެވެ. އަލްފާ ވޭރިއަންޓްގައި އެއަސަރު ހުންނަނީ 50 އިންސައްތައިގައެވެ.

އެހެންކަމުން ގައުމުތަކުން އަންނަނީ ވެކްސިންގެ ދެ ޑޯޒް ދޭތެރޭގައި ކުރިން ހޭދަކުރަމުން އައި މުއްދަތު ކުޑަކޮށް ދެ ޑޯޒް ޖަހަމުންނެވެ.

ޑެލްޓާ ވޭރިއަންޓަށް އޮތް ހައްލަކީ ކޮބާ؟

ސައިންސްވެރިން އެއްބަސްވާ ގޮތުގައި ޑެލްޓާ ވޭރިއަންޓުން ދިފާއުވުމަށް އޮތް އެންމެ ރަނގަޅުގޮތަކީ ވެކްސިންގެ ދެ ޑޯޒް ހަމަކުރުމެވެ.

ފްރާންސްގެ އިސް ސައިންސްވެރިއެއް ބުނެފައިވާ ގޮތުގައި ޑެލްޓާ ވޭރިއަންޓް ފެތުރުން ހައްލުކުރުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމެވެ.

އެމެރިކާގައި ވަނީ ވެކްސިން ދީގެން ވައިރަސް ގެ އައު ވޭރިއަންޓްތައް އުފެދުން ހުއްޓުވުމާއި ގުޅޭ ދިރާސާއެއް ކުރިޔަށް ގެންގޮސްފައެވެ. މިދިރާސާއިން ހޯދިފައިވަނީ އައު ވޭރިއަންޓްތައް އުފެދެމަށް އޮތް އެންމެ ބޮޑު ހައްލަކީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމެވެ.

މީގެއިތުރުން ވެކްސިން ދިން ނަމަވެސް ގައިދުރުކަމާއި ވައިރަސް އިން ރައްކާތެރިވުމަށް ކުރަންޖެހޭ އެހެން ކަންކަން ކުރަންޖެހޭނެކަމަށް ޔުނިވަރސިޓީ އޮފް ޖެނީވާ އިންސްޓިޓިއުޓް ގެ ހެޑް އެންޓޮނީ ވަނީ ވިދާޅުވެފައެވެ. ވައިރަސް ފެތުރުމުގެ ފުރުސަތު ގިނައިން ލިބޭ ވަރަކަށް ވައިރަސް މިޔުޓޭޓްވެ އައު ވޭރިއަންޓް އުފެދެމުގެ ފުރުސަތު ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް