"ގައުމުގެ އިސްތިގުލާލު ވިއްކާލައިފި"، "މިއީ ގައުމެއްތަ ނޫނީ އިންޑިއާގެ އަވަށެއްތަ؟"، "މިއީ ގައުމަށް ގައްދާރުވުން" މިއީ ހައްތަހާވެސް ދިވެހި ޖަރޒީ ލައިގެން އިންޑިއާގެ ދުވުންތެރިއަކު މުބާރާތެއްގައި ދުވި ވާހަކަ ނޫސްތަކުގައި ޖެހުމުން ބައެއް މީހުން ދެއްކި ވާހަކަތަކެވެ.
އިންޑިއާގައި ބޭއްވި އެތުލެޓިކްސް މުބާރާތެއްގައި ދިވެހި ދިދަ ޖަހައިގެން އިންޑިއާގެ ދުވުންތެރިއަކު ބައިވެރިވި ވާހަކަ ލިޔުނު ޚަބަރުތައް ހިއްސާކުރަމުން، އެކަން ހިނގީ ކިހިނެއްކަން ނޭނގި ޕީޕީއެމްއާއި ޕީއެންސީއަށް ތާއީދުކުރާ، ނުވަތަ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކޮށްފައި ހުރި ކޮމެންޓްތައް ކިޔާލުމުން، ހަގީގަތުގައި ކަމުގެ އަސްލު ސީރިއަސްކަން އެނގެއެވެ.
ހަގީގަތުގައިވެސް މިއީ ގައުމު ދެކެ ލޯބިވާ މީހަކު އަޑީގައި ހުރެގެން ކުރާނެ ކަމެއް ނޫނެވެ. މި ގައުމުގައި އިންޑިއާގެ ދިދަ ޖަހާނެއޭ ބުނެ، ފިތުނަ އުފައްދަން އުޅުނު ބަޔަކު، މިފެނުނީ ގޮސް ދިވެހި ދިދަ އިންޑިއާއަށް ދިން ތަނެވެ. ގައުމީ ލޯބި ހަމަ ނެތީއެވެ. ކަމުގެ ތަފްސީލަށް ޖެހިލާއިރު، މި މުބާރަތަކީ އިންޑިއާގެ ނެޝަނަލް އިންޓަރ ސްޓޭޓް ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕެވެ. މިއީ ސީދާ ސަރުކާރުން އިންތިޒާމްކޮށްގެން ބައިވެރިވި މުބާރާތެއްނަމަ މިހާރު މިއީ އިންޑިއާގެ ސްޓޭޓެއްތޯ އަހާ މުޒާހަރާއަށް ނިކުންނާނެއެވެ. އިންޑިއާ އައުޓޭ ގޮވި މީހުންގެ ޕާޓީ، ޕީޕީއެމް ގެ ސެކްރެޓަރީ ޖެނެރަލް އިސްވެ ހުރެ އެތުލެޓިކްސް އެސޯސިއޭޝަނުން ގޮސް އިންޑިއާގެ އެތެރޭގެ މުބާރާތެއްގައި ބައިވެރިވީމާ ދެނަހުރިކަމަށް ވެސް ނަހަދާ ހަމަ ތިބީއެވެ.
ދިވެހި ޖަރޒީގައި އިންޑިއާ ދުވުންތެރިއަކު ނެރެ، ދިވެހި ދިދަ އިންޑިއާ މީހަކު އަތަށް ދީގެން ދިވެހިން ތަމްސީލްކުރަން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ނިންމާ، އެކަން ކުރިކަން ފަޅާއެޅުރުމުން ވެސް މީޑިއާތަކުގައި އޭނާ ބުނީ އެއީ މައްސަލައެއް ނޫންކަމަށެވެ. ރާއްޖޭގެ ޕްރެކްޓިސް ޖާޒީއެއް ލައިގެން އެހެން ގައުމެއްގެ ދުވުންތެރިއެއް ދުވިނަމަ އެ ވާހަކައެއް ނުދައްކާނެކަމަށް ބުނެ މައްސަލަ އޮއްބާލަން ތޮލާލް ވާހަކަ ދެއްކިނަމަވެސް، އިންޑިއާގެ ކުޅުންތެރިއަކު ދިވެހި ޖަރޒީގައި ނެރެން ދިވެހި ސަރުކާރުން ނިންމި ނަމަ، ޕީޕީއެމުން މަޑުން އޮންނާނެ ހެއްޔެވެ؟
ތޮލާލްގެ ނިންމުން އެއީ މައްސަލައެއް ނޫންކަމަށް ދައްކަން ކިތަންމެ މަސައްކަތެއް ކުރިޔަސް، އެއީ މައްސަލައެކެވެ. މިއީ ސަރުކާރުން ކުރި ކަމެއްނަމަ މިރޭ ހޭބޯ ނާރާ ޕީޕީއެމުން އުޅޭނީ މުޒާހަރާ ކުރާށެވެ. ސޯޝަލް މީޑިއާގައި ހީވާނީ އެހެންފަދަ ކަމެއް ހެންނެވެ.
ދިވެހި ގައުމުގެ ދިދައާއި ދިވެހިންގެ ފަޚުރުވެރި ޖަރޒީ އިންޑިއާއަށް ދީގެން ތޮލާލް މިޖެހި ސަކަރާތާ އިދިކޮޅަށް ޕީޕީއެމުން ޗުއްޕުވެސް ނުކިޔައެވެ. އިންޑިއާ އައުޓްއޭ ކިޔާފަ ޓްވީޓް ކޮށްލާފައި ނޫނީ ނިދާ ތެދުވެ މޯޅިއަކަށް ދެމިނުލެވޭ މީހުން، އެމީހުންގެ އިސް ވެރިއަކު ގޮސް ރަނގަޅަށް މޯލްޑިވްސް އައުޓްކޮށްލި އިރު ހަމަ އެކައްޗެކޭވެސް ނުކިޔައެވެ.
ކިތަންމެ ހުއްޖަތެއް ދައްކާ، އެކަމަކީ އާދައިގެ ކަމެއްކަމަށް ދައްކަން ތޮލާލް މަސައްކަތް ކުރިޔަސް، މިއީ އާދައިގެ ކަމެއް ނޫނެވެ. އިންޑިއާއިން އެވެނި ކަމެއް ކޮށްފިއޭ، މިވެނި ކަމެއް ކޮށްފިއޭ ބުނެ ދެން މީގެ ފަހުން ޕީޕީއެމުން ވާހަކަ ދެއްކިޔަސް، އެއީ އިޚުލާސްތެރިކަމެއް ނެތް، ސިޔާސީ ވާހަކަތަކެއްކަން ދިވެހިން ދަންނާނެއެވެ. އަދި އިންޑިއާއަށް ދިވެހިރާއްޖެ ވިއްކިޔަސް ވިއްކާލާނީ ސައޫދީ އަރަބިއްޔާއަށް ފ އަތޮޅު ވިއްކާލަން އުޅުނު އަދި ޗައިނާގެ ދަރަނީގެ ދަންތުރައިގައި ރާއްޖެ ޖައްސާލި ޕީޕީއެމްގެ ސަރުކާރެއް އަތުވެއްޖެނަމަ އެދުވަހަކުން ކަން ދިވެހިން ދަންނާނެއެވެ.
ރަށުގެ ހާލަތާމެދު ކަންބޮޑުނުވެ، ސަރުކާރުން ނުވަތަ އެމްޑީޕީން އެއްޗެކޭ ބުނާއިރަށް އެކަމާ ދެކޮޅަށް ބޮޑެތި ނޫސްބަޔާންތައް ނެރުނު ރަށު ކައުންސިލްތައްވެސް މިއަދު ކޮބައިބާވައޭ ހިތަށް އަރައެވެ. އިދިކޮޅު މައި ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ގޮސް އިންޑިއާގެ ރައްޔިތެއް ދައްކާ، މިއީ ދިވެހިން ތަމްސީލްކުރާ މީހާއޭ ބުނެ، ދިވެހި ދިދަ ޖެހި ދިވެހި ޖަރޒީ ލައްވާފަ ނެރުމުން އެއްޗެކޭ ނުބުނެ އެތިބެނީ ހަމަ އިޚުލާސްތެރިކަމުންތޯއޭ ހިތަށް އަރައެވެ. ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރޝިޕުންވެސް އަނގަ ހުޅުވާލަން ނޭނގިފައި އެތިބީ ގައުމުދެކެ ވާ ލޯތިންތޯއެވެ؟ އިންޑިއާ އައުޓޭ ކިޔަމުން ގޮސް މޯލްޑިވްސް އައުޓްވިއިރުވެސް ނޭނގުނެވެ.