ދިރާގު ހޯމް ފައިބަރ އިންޓަނެޓް ޕެކޭޖުތަކަށް ބޮޑު ބަދަލުތަކެއް ގެނެސް ޑޭޓާގެ އަގު ހެޔޮ ކޮށްފިއެވެ.
ދިރާގުން ފޯރުކޮށްދެމުން އަންނަ ހޯމް ފައިބަރ އިންޓަނެޓް ޕެކޭޖުތަކަށް ބަދަލު ގެނެސްފައި މިވަނީ ސަރުކާރުން ހޯމް އިންޓަނެޓްގެ އަގު ހެޔޮކޮށް އެކަން ތަންފީޒުކޮށްފައިވާތީ އެކަމަށް އެއްބާރުލުންދިނުމުގެ ގޮތުންނެވެ.
ދިރާގުން މިގެނައި ބަދަލުތަކާއެކު ހޯމް ފައިބަރ އިންޓަނެޓް ޕެކޭޖުތަކުގެ އަގު ވަނީ ހެޔޮވެފައެވެ. އެގޮތުން މި ގެނައި ބަދަލާއެކު މި އަހަރުގެ މެއި 27 ގައި ސަރުކާރުން އިއުލާން ކުރި ތިން ފެކޭޖް އެކުންފުނީގެ ފައިބަރ ބްރޯޑްބޭންޑް ޕޯޓްފޯލިއޯގައި ވަނީ ހިމަނާފައެވެ. އަދި އެލަވަންސް ހުސްވުމުން ލިބޭ ސްޕީޑް ނުވަތަ "ސްޕީޑް އާފްޓަރ އެލަވަންސް" 300 ރުފިޔާ އަށް ވުރެ ދަށް ޕެކޭޖްގައި ދެ އެމްބީޕީއެސް އަދި އެހެން ހުރިހާ ޕެކޭޖެއްގައި ފަސް އެމްބީޕީއެސްއަށް ވަނީ އިތުރުކޮށްފައެވެ.
ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯމް އިންޓަނެޓް ޕްކޭޖްތަކަށް މިގެނައި ބަދަލުތައް ޖުލައި އެއް ވަނަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނީ މިބަދަލާއެކު ކަސްޓަމަރުންނަށް އިތުރު ޚަރަދަކާ ނުލައި ގިނަ ކަންތައްތައް އިންޓަނެޓް މެދުވެރިކޮށް ކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން މިހާރު ކަސްޓަމަރުންނަށް 100 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ޕެކޭޖްތަކުން ލިބިގެންދާނެއެވެ. އެހެން ކަމުން، ޑޭޓާގެ އަގުތައް މިހާރު މިވަނީ 50 އިންސައްތައާ ހަމައަށް ހެޔޮވެފައިކަމަށް ދިރާގުން ބުނެއެވެ.
ހޯމް ފައިބަރ އިންޓަނެޓް ޕްކޭޖްތަކަށް މި އަންނަ ބަދަލުތައް ޖުލައި އެއް ވަނަ ދުވަހުގެ 00:00 އިން ފެށިގެން ކަސްޓަމަރުންނަށް ލިބެން ފަށާނެ ކަމަށާއި، ހެނދުނު 06:00ން ފެށިގެން ހުރިހާ ކަސްޓަމަރުންނަށް ވެސް މި ބަދަލުތައް ފެނިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. ދިރާގު މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަންގައި މި ބަދަލުތައް ފެންނަން ވަގުތު ކޮޅެއް ނަގާފާނެ ކަމަށާއި ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ގެންގުޅޭ ކަސްޓަމަރުންނަށް ޕްކޭޖްތަކަށް އައިސްފައިވާ ބަދަލު ދިރާގު ވެބްސައިޓުގައިވާ "ޕެކޭޖް ޗެކަރ" އިން ބަލައިލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެކެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މިހާރު މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައެވެ. ދިރާގުގެ މަޤްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، އިތުބާރާއި ޔަޤީންކަމާއެކު މުޅި ރާއްޖޭގެ އެންމެނަށް ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.