ޔޫރޯ 2020 ގެ ދެވަނަ ބުރުން ނެދަލެންޑްސް ކެޓުމާއެކު އެޓީމުގެ ކޯޗުގެ މަގާމުން ފްރޭންކް ޑި ބޮއާ ވަކިވެއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޑި ބޮއާ މަގާމުން ވަކިވީ އަންގާރަ ދުވަހު ނެދަލެންޑްސްގެ ފުޓްބޯޅަ އެސޯސިއޭޝަނާއެކު ބޭއްވި ބައްދަލުވުމަށްފަހުއެވެ. އަދި ޑި ބޮއާ މަގާމުން ވަކިވާން ނިންމީ ނެދަލެންޑްސް ފުޓުބޯޅަ އެސޯސިއޭޝަނުގެ އިތުބާރު އޭނާއަށް ގެއްލިފައިވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިފަހަރުގެ ޔޫރޯގައި ނެދަލެންޑްސްއިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައެވެ. އެކަމަކު މުބާރާތުގެ ދެވަނަ ބުރުގައި ޗެކް ރިޕަބްލިކް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެ ނެދަލެންޑްސް ވަނީ ކަޓާފައެވެ.
ނެދަލެންޑްސްގެ ކުރީގެ ކޯޗު ރޮނާލްޑް ކޫމަން މަގާމުން ވަކިވެ، ބާސެލޯނާގެ ކޯޗުކަމުގެ މަގާމާ ހަވާލުވުމުން ޑި ބޮއާ ނެދަލެންޑްސްގެ ކޯޗަކަށް ހަމަޖެއްސީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެ ފަހަރު އޭނާ ނެދަލެންޑްސްގެ ކޯޗުގެ މަގާމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕުގެ ނިޔަލަށް އެއްބަސްވުން ހެދުމަށްފަހުއެވެ.
ނެދަލެންޑްސް ޓީމަށް ޑި ބޮއާ ވަނީ 15 މެޗުގައި އިރުޝާދުދީފައެވެ. އޭގެ ތެރެއިން އަށް މެޗުން މޮޅުވިއިރު، ހަތަރު މެޗުން ވަނީ އެއްވަރުވެފައެވެ. އަދި ތިން މެޗުން ވަނީ ބަލިވެފައެވެ. އެގޮތުން ބަލިވީ އެކުވެރިކަމުގެ މެޗެއްގައި މެކްސިކޯ އަތުންނާއި، ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ތުރުކީގެ އިތުރުން މި ފަހަރުގެ ޔޫރޯގައި ޗެކް ރިޕަބްލިކް އަތުންނެވެ.
ނެދަލެންޑްސްއާ ހަވާލުވުމުގެ ކުރިން ޑި ބޮއާ އެންމެ ފުރަތަމަ ކޯޗިންގެ ކެރިއަރު ފެށީ އަޔަކްސްއިންނެވެ. އަޔެކްސްގައި ހޭދަކުރި ފަސް ސީޒަނުގެ ތެރެއިން ހަތަރު ފަހަރު އެ ޓީމަށް ޑި ބޮއާ ވަނީ ނެދަލެންޑްސް ލީގު ހޯދައިދީފައެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ޑި ބޮއާ އިންޓަ މިލާނާ ހަވާލުވި ނަމަވެސް، އިންޓަގެ ކޯޗުކަމުން 14 މެޗަށްފަހު އޭނާ ވަކިކުރިއެވެ. އަދި އޭގެ ފަހުން ކްރިސްޓަލް ޕެލަސްއާ އޭނާ ހަވާލުވިއިރު، ފަސް މެޗަށްފަހު އެ ޓީމުގެ ކޯޗުގެ މަގާމުންވެސް ވަކިކުރިއެވެ. އަދި އެއަށްފަހު ޑި ބޮއާ އިރުޝާދު ދީފައިވަނީ އެމެރިކާގެ މޭޖާ ލީގުގައި ވާދަކުރަމުން އަންނަ އެޓަލާންޓާ ޔުނައިޓެޑަށެވެ.