މެއި ހަތް ވަަނަ ދުވަހު ފްރާންސްގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި މެދުމިނުގެ ސިޔާސަތަށް ތާއީދުކުރައްވާ އެމެނުއެލް މެކްރޮންގެ އެ ގައުމުގެ ބޮޑުވަޒީރަކަށް ހިޔާރުކުރައްވާނެ ބޭފުޅެއްގެ ނަން ހާމަކުރައްވާފައި ނެތަސް، ބޮޑު ވަޒީރަކަށް އައްޔަން ކުރައްވާނެ ކަމަށް ބޮޑަށް ބެލެވޭ ބޭފުޅަކީ ފްރާންސް ލި އާވްގެ މޭޔަރު، އެދުއާ ފިލިޕް ކަމަށް ބީސީސީން ބުނެފި އެވެ.
ފިލިޕަކީ އާ ރައީސް މެކްރޮންގެ ޕާޓީގެ މެމްބަރެއް ނޫނެވެ. ނަމަވެސް އޭނާއަކީ ސެންޓަ-ރައިޓް ރިޕަބްލިކަން އެކެވެ.
އުމުރުފުޅުން 46 އަހަރުގެ ފިލިޕް އަކީ ފްރާންސްގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އަދި ފްރާންސްގެ އާ ރައީސް މެކްރޮން އެންމެ ބޮޑަށް ބޭނުންވާ އިގްތިސޯދީ ބަދަލު ގެނައުމުގެ އެހީތެރިއަކަށް ފިލިޕް ވާނެ ކަމަށް ބެލެވެ އެވެ.
ފްރާންސްގައި ބޮޑުވަޒީރަކު ކަނޑައަޅަނީ، ރައީސްއެވެ. ބޮޑު ވަޒީރު ކަމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވާނެ ކަމަށް ބެލެވެ އެވެ.
މެކްރޮން ރައީސްކަމުގެ ހުވާ އިއްޔެ ކުރެއްވުމަށް ފަހު، ރަސްމީ ބައްދަލުވުންތަކުގައި ދިޔައީ ވަރަށް އަވަދިނެތި އެވެ.
ފްރާންސްގެ އާ ރައީސް އޮލަންޑޭއަށް ފަހު ވެރިކަމާ މެކްރޮން ހަވާލުވެވަޑައިގެންނެވިއިރު އިގްތިސާދީ ގޮތުން ފްރާންސް "އާރަސްތުކުރުމުގެ" ބޮޑު މަސަައްކަތް މެކްރޮން އަށް ވަނީ ކުރައްވަން ޖެހިވަޑައިގެންފައެވެ.
ވެރިކަމާއި ހަވާލުވެވަޑައިގެން މެކްރޮން ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވިދާޅުވީ، ފްރާންސް ބާރުގަދަ ވެގެން ދާނީ މުއްސަނދި ގައުމެއްގެ ގޮތުގައި އޮވެއްޖެ ކަމަށެވެެ. ދުނިޔެއިން ފްރާންސް މޮޑެލްއެއްގެ ގޮތުގައި ބަލައިގަންނާނީ ފްރާންސްއަކީ "މިސާލެއްގެ ގޮތުގައި" އޮވެއްްޖެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އިންވެސްޓްމެންޓް ބޭންކް ހިންގެވުމުގައި ކުރިން އުޅުއްވާފައިވާ އުމުރުފުޅުން 39 އަހަރުގެ މެކްރޮންއަކީ ކުރިން އިކޮނޮމިކް މިނިސްޓަރުކަންވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ވެގެންދާނީ ނަޕޯލިއަންއަށްފަހު އެގައުމުގައި ވެރިކަންކުރައްވާ އެންމެ ޒުވާން ރައީސަށެވެ. މެކްރޮން އިންތިޚާބު ކާމިޔާބު ކުރެއްވުމަކީ ޔޫރަޕްގެ ލީޑަރުންނަށް ފިނިކަމެއް ލިބިވަޑައިގެންނެވި ކަމަކަށް ވެގެންދާނެއެވެ.