ކ. މާލެ
|
29 ޖޫން 2021 | އަންގާރަ 12:44
އުތުރު ކޮރެއާގެ ޒައީމްގެ ރޫފައަށް އައި ބަދަލު 18 ޖޫންގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން ވަނީ ދުނިޔޭގެ ސަމާލުކަން ހޯދާފައި
އުތުރު ކޮރެއާގެ ޒައީމްގެ ރޫފައަށް އައި ބަދަލު 18 ޖޫންގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން ވަނީ ދުނިޔޭގެ ސަމާލުކަން ހޯދާފައި
އަލްޖަޒީރާ
އުތުރު ކޮރެއާގެ ޒައީމުގެ ބަރުދަން ލުއިވުން
ކިމްގެ ހިކިއަނަރޫފަވެފައިވާ ހަށިގަނޑު ފެނުމުން ރައްޔިތުންގެ ހިފެހެއްޓުމެއްނެތް ކަރުނަ
 
ކިމްގެ މި ބަދަލަކީ ޤައުމިޔަތުކަން ދައްކުވައިދެން ކުޅެލާ ކުޅިގަނޑުގެ އައު އުކުޅެއްކަމަށް ދަނީ ރިޕޯޓްކުރަމުން
 
10 ކިލޯ އާއި 20 ކިލޯއާ ދެމެދުގެ ރޭންޖެއްގައި ބަރުދަން ލުއިވެފައިވާކަމަށް ވަނީ ލަފާކޮށްފައި
 
ކިމްގެ އަތުކުރި ގަޑިވެސް ދޫވެ ގަޑީގެ ފިތްތައް ވެސް ވަނީ ނަގާ އަލުން ހެޔޮވަރުކޮށްފައި
 
ކިމްގެ ހަށިކޮޅަށް އަައިސްފައިވާ ބަދަލުތައް އެ މަނިކުފާނު 18 ޖޫންގައި ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގެ ތެރެއިން ވަނީ ދުނިޔޭގެ ސަމާލުކަން ހޯދާފައި

އުތުރު ކޮރެއާގެ ޒައީމް ކިމް ޖޮން އުންގެ ހަށިކޮޅަށް އަންނަމުންދާ ބަދަލުތައް ފެނި ގިނަ ބަޔަކު މިވަނީ ހައިރާން ކުރުވާފައެވެ. އެގޮތުން މިއަދު ކިމްގެ ހިކިއަނަރޫފަވެފައިވާ ރޫފަ ފެނުމުން ރައްޔިތުން ކަރުނައަޅަމުންދާކަމަށް ބުނެ ބޭރު ދުނިޔޭގެ ބޮޑެތި ހުރިހާ ނޫހަކުން ވެސް ވަނީ ރިޕޯޓްކޮށްފައެވެ.

އުތުރު ކޮރެއާގެ ޒައީމް ކިމް ޖޮން އުން މިފަހަކަށް އައިސް ދޭތެރެ ދޭތެރެއިން އާންމުކޮށް ބޭރަށް ނުކުތުން މެދުކަނޑާލައި "ބްރޭކްތަކެއް" ނަގަން ވަނީ ފަށާފައެވެ. 2014 ވަނަ އަހަރު 40 ދުވަސްވަންދެން އާންމުނަށް ފެނިވަޑައިނުގެން އުޅުއްވުމުން ބައެއް މީޑިއާތަކުން ވަނީ ކިމް އަވަހާރަވެއްޖެ ކަމަށާއި، އެކަން ޝާހީ އާއިލާއިން ސިއްރުކުރަން އުޅެނީކަމަށް ވެސް ރިޕޯޓްކޮށްފައެވެ. މީގެއިތުރުން މިދިޔަ މެއި މަހު ވެސް ތިން ހަފުތާވަންދެން ކިމް ޖޮންގް އުން އާންމުންގެ ތެރެއަށް ނުކުމެވަޑައިނުގެން ހުންނެވުމުން މިފަދަ ގިނަ ވާހަކަތަކެއް ވަނީ ދެކެވިފައެވެ. އެގޮތަށް އެ ވާހަކަތައް ދެކެވިފައި އެވަނީ ޞިއްޙީ ހާލުކޮޅާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެހެންނަމަވެސް، އޭރުވެސް ކިމްވަނީ އުތުރު ކޮރެޔާގެ ނިއުކްލިޔަރ ޤާބިލުކަމާމެދު މަޝްވަރާކުރުމަށް ތަންވަޅުޖެހުނީމާ ކިމް ހުންނެވި ހޮހޮޅައިން ނިކުމެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ފެބްރުއަރީ މަހު ބޭއްވި ބައްދަލުވުމެއްގެތެރެއިން، އޭރު ކިމްގެ ބަރުދަނަކީ 140 ކިލޯ ގްރާމްކަމަށް ރިޕޯޓްތައް ބުނޭ - ބީބީސީ

މެއި މަހެކޭ އެއްގޮތަށް ޖޫން މަހުވެސް، ކިމްގެ ޝެޑިއުލް ރާއްވަވާފައިވަނީ މިފަދަ ގޮތަކަށެވެ. އެގޮތުން މެއި ފަހުކޮޅުން ފެށިގެން ޖޫން މެދުތެރެއާ ހަމައަށް އަޑެއް ބަޑެއް ނުއިވި ހުރެފައި، ކިމް މިވަނީ ހައިލެވެލް ބައްދަލުވުމެއްގެ ސީޓުގައި އިންނަވައި ޖޫން 18 ވަނަ ދުވަހު އާންމުންނާ ކުރިމަތިލައްވާފައެވެ. ކުރިއާ ޚިލާފަށް މި ފަހަރު ކިމްގެ ފެނިލުމުން އެ މަނިކުފާނުގެ ރޫފައަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ގިނަ ބައެއްގެ ލޮލުގައި މި ވަނީ އަޅައިގެންފައެވެ. އަދި މިކަން އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށް ރައްޔިތުންގެ ބަސް ވެސް ހިމަނައި، އާދަ ފޫއަޅުވާލަނިވި ރިޕޯޓެއް ވެސް މިވަނީ އާންމުކޮށްފައެވެ. މި ރިޕޯޓްގައި އާންމުން ވަނީ ކިމްގެ ރޫފައަށް އައިސްފައިވާ ބަދަލުތައް ފެނި ޤައުމުގެ ގިނަ ރައްޔިތުންތަކެއްގެ ކަރުނަހިލި ޒައީމުގެ ސިއްހީ ރައްކާތެރިކަމާމެދު ކަންބޮޑުވެފައިވާކަމަށް ބުނެފައެވެ. އާންމު އުސޫލުން ބަލާނަމަ އުތުރު ކޮރެއާގެ ޒައީމާ ގުޅޭގޮތުން ހާމައިގައި ރައްޔިތަކު ބަސް ބުނުމުގެ ފުރުސަތު ނުލިބުނުނަމަވެސް، އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން މިފަދަ ރިޕޯޓެއް އާންމުކުރުމުން ކިމް ޖޮން އުންގެ ހިކިފައިވާ ރޫފައިގެ ފަހަތުގައި ސިޔާސީ މަޤުސަދުތަކެއްވާކަމަށް ދަނީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަމުންނެވެ.

މި ބަދަލަކީ ކިމްގެ ސިޔާސީ ކުޅިގަނޑުގައި އޭނާވެފައިވާ ބޮޑެތި ވަޢުދުތައް ފުއްދުމުގައި ނާގާބިލުވެފައިވުމުން ގެންގުޅޭ އައު އުކުޅެއްކަމަށް ވަނީ ސިފަކޮށްފައެވެ. ނަން ހާމަކުރަން ބޭނުންނުވާ، ސަރުކާރުގެ އޮފިޝަލަކު ވަނީ މި އުކުޅުގެ ބޭނުމަކީ ކިމްއަކީ ގައުމާއި ރައްޔިތުންނަށް ގުރުބާންވާން ތައްޔާރަށް ހުރި ބަތަލެއްގެ ގޮތުގައި ދައްކައި ދިނުންކަމަށެވެ. އެގޮތުން ކޮވިޑްގެ ކޭސްތައް ދުނިޔޭގައި ގިނަވާން ފެށުމުން ބޯޑަރުތައް ބަންދުކޮށް ކާބޯތަކެތި ލިބުމުގައި ގޮންޖެހުންތަކާއި ރައްޔިތުން ކުރިމަތިލާއިރު، ކިމް ވެސް ހުންނެވީ ރައްޔިތުންނާއެކު ހައިފުޅުކަންމަތީ ހާލަތު ރަނގަޅުކުރުމަށް ރެއާއި ދުވާލު މަސަައްކަތްކުރުމަށް އަތުކުރި އޮޅާލައިގެކަމަށް ދެއްކުމަކީ އެންމެ ބޮޑު އެއް ބޭނުންކަމަށެވެ. އަދި ކިމް ޖޮން އުންގެ ހިކިއަނަރޫފަވެފައިވާ ހަށިގަނޑު ފެނި، ރައްޔިތުން ހިތާމަ ފާޅުކުރަން ފެށުމުން މަގްސަދު ހާސިލުވަމުންދާތީ ވަރަށް އުފާފާޅުކުރައްވަމުންގެންދާކަމަށް ނަން ހާމަކުރަން ބޭނުންނުވާ އެ އޮފިޝަލް ބީބީސީއަށް ކިޔައިދިނެވެ.

އުތުރު ކޮރެޔާއަކީ މިހާތަނަށް ކޮވިޑް-19 ފެތުރިފައިނުވާކަމަށް ބުނެފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އަދި ކިމް ބައިވެރިވަޑައިގެންނެވި ބައްދަލުވުމުގައި މާސްކު އެޅުންފަދަ ރައްކާތެރި އެއްވެސް ފިޔަވަޅެއް އަޅާފައިވާ މަންޒަރެއް ނުފެނުނެވެ. މި ބައްދަލުވުންތަކުން ފެނުނު މަންޒަރުތަކަށް ބެލުމަށް ފަހު އެކަނިވެސް، ކިމްގެ ރޫފައަށް އައި ބަދަލުތައް ދެނެގަތުމަށް ގިނަ ދިރާސާތަކެއް އެޤައުމުގެ ނޫސްތަކުން ވަނީ ހަދާފައެވެ. ރިޕޯޓްތަކުގައި ވަނީ 37 އަހަރުފުޅުގެ ކިމްގެ ރޫފައަށް ބަދަލު އަންނަފަށާފައިވާކަން މެއި މަހުގެ ފެނިލުމުން ވެސް ކޮންމެވެސް ވަރަކަށް ހާމަވާކަމަށެވެ. އެގޮތުން މެއި މަހުގެ ވީޑިއޯތަކަށް ބަލައިލުމުން ވެސް ބަރުދަން ލުއިވެ މޫނުފުޅު ކުރިއަށްވުރެ ހިމަ ދިގުވެފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މި ސަބަބައްޓަކައި ބަރުދަން ލުއިވެފައިވަނީ އާލާސްކަންފުޅެއްގެ ސަބަބުންކަމަށް ނުބެލެވޭކަމަށާއި، މިއީ ދުރާލާ ރާވާ ބޮޑު "ޑައިޓް ޕްލޭން" އަކުން ގެނައި ބަދަލެއްކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން މޫނުފުޅުގެ އިތުރުން އަތްޕުޅުގައި ހުރި ސަރުބީތައް ވިރިފައިވާކަން ރިޕޯޓްގައި ވަނީ ސާބިތުކޮށްދީފައެވެ. އެގޮތުން ކިމް އަޅުއްވާ އަގުބޮޑު ޑިޒައިނާ އަތުކުރިގަޑީގެ ފިއްތައް މަދުކަމަށް ފޮޓޯއާއި ވީޑިއޯތަކަށް ތަފްސީލީގޮތެއްގައި ބަލައިލުމުން ފެންނަކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އިސްކޮޅުގައި 5 ފޫޓް 8 އިންޗި ހުންނަކަމަށް ރިޕޯޓްކޮށްފައިވާއިރު، މީގެ ކުރިން ބަރުދަނުގައި ހުރީ 140 ކިލޯގްރާމުގައި ހުންނަ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އެހެންނަމަވެސް، ރޫފައަށް ގެންނެވި ބޮޑު ބަދަލާއެކު މިހާރު ބަރުދަން އެއަށްވުރެ 10 ކިލޯއާއި 20 ކިލޯއާ ދެމެދުގެ މިންވަރަކަށް ލުއިވެފައިވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ކުރިންވެސް ދެންނެވިގޮތަށް އުތުރު ކޮރެއާގައި ޝާހީ އާއިލާގެ ވާހަކަދެއްކުމުގެ މިނިވަންކަން ނެތްތާގައި، އެކަން ކުރާކަން އެނގިއްޖެނަމަ ޤާނޫނީ އަދަބުތަކެއް ވެސް ދުނިޔޭގެ އެންމެ ހަރުކަށި "ޑިކްޓޭޓާޝިޕް" އޮތްކަމަށް ބުނާ އުތުރު ކޮރެއާގައި މީގެ ކުރިން ވަނީ ދީފައެވެ. ކޮންމެއަކަސް، އަމިއްލަ މަންމާފުޅަށް މިއަދު މިކަން ވެސް މިފެންނަނީ ބަދަލުކުރައްވާފައިވާތަންކަމަށް ދަނީ ރިޕޯޓްކުރަމުންނެވެ.

ކިމް ޖޮން އުން ބައްޕާފުޅާއި ކާފާފުޅާއެކު - ބީބީސީ

ޝާހީ އާއިލާގައި މިވަގުތު އެންމެ އިސްކޮށް ހުންނެވި ޒައީމް ކިމް ޖޮން އުންގެ ހަށިކޮޅަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، އެ މަނިކުފާނަކީ ދުންފަތުގެ އިސްތިއުމާލުކުރުންފަދަ ހަށިގަނޑަށް ގެއްލުންވާ ގިނަ އާދަތަކެއް ގެންގުޅުއްވާ ބޭފުޅެކެވެ. އަދި ކިމްގެ ބައްޕާފުޅާއި، ކާފާފުޅުގެ ފަރާތުން ވާރުތަވެގެން އައިސްފައިވާ ހަކުރު ބަލިފަދަ ބަލިތައް ޖެހިވަޑައިގެންފައިވުމުން ފުރާނަފުޅަށް ނުރައްކާ ބޮޑުކަމަށް އެކިފަހަރުމަތިން ޑޮކްޓަރުން ވަނީ ލަފާދީފައެވެ.

ކިމް ފަދައިން ޓްރޭޑްމާކް ހެއާކަޓްއެއް ގެންގުޅުއްވި ކިމްގެ ބައްޕާފުޅާއި، ކާފާފުޅަކީ ވެސް ބަރުދަނުން ބަލާނަމަ "އޯވާ ވެއިޓް" ނުވަތަ އިސްކޮޅަށް ބަލާއިރު ހުންނަންޖެހޭވަރަށްވުރެ ބަރު ބޭފުޅުން ކަމަށްވާއިރު، މިކަމާ ގުޅިގެން ވަނީ ދެބޭފުޅުންނަށް ވެސް ސިއްޙީ ބޮޑެތި މައްސަލަތައް ކުރިމަތިވެވަޑައިގަންނަވާފައެވެ. އެގޮތުން އުތުރު ކޮރެއާގެ ޒައާމަތުގައި ހުންނަވަނިކޮށް މި ދެ ބޭފުޅުން ވެސް އަވަހާރަވެފައިވަނީ ހިތުގެ ނާރުތައް ބްލޮކްވެ ހާޓް އެޓޭކް ޖެހިގެންކަމަށް ތާރީޚު ހެކިދެއެވެ. އަދި މިފަދަ ޙާލަތެއް ކިމްއަށް މެދުވެރިވުން ގާތްއިރު، ރައްޔިތުން ކަންބޮޑުވެ ކަރުނައަޅާ އެއް ސަބަބެއްގެ ގޮތުގައި މިކަން ވެސް ފާހަގަކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
45%
5%
10%
5%
5%
30%
ކޮމެންޓް