ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ސަރުކާރާއި ކަމާ ބެހޭ އިދާރާތަކުން، ރައްޔިތުން ގޭގައިތިބުމަށް އަންގަވާފައިވާ މި ދަނޑިވަޅުގައި ދިރާގުން ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ޚާއްސަ އޮފަރތަކެއް ވަނީ މިދިޔަ މޭ މަހުން ފެށިގެން ދޭން ފަށާފައެވެ. އޭގެ ތެރޭގައި ދިރާގު ޚިދުމަތްތަކުން އެކްޓިވޭޓް ކުރައްވާ ބޫސްޓަރ ތަކުން %100 އިތުރު ޑޭޓާ އެލަވަންސް ދޭން ނިންމާފައިވާ ކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓް ކުރައްވާ ކޮންމެ ބޫސްޓަރއަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ. މީގެ އިތުރުން ދިރާގު "ވަގުތުން ގެއަށް އިންޓަރނެޓް" އަދި ދިރާގު ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރަށްވާ ބޫސްޓަރތަކުންވެސް %100 އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކަސްޓަމަރުން އެކްޓިވޭޓް ކުރައްވާ ބޫސްޓަރ ތަކަށް ހިލޭ އިތުރު ޑޭޓާ ލިބޭނީ 30 ޖޫން 2021ގެ ނިޔަލަށެވެ.
ދިރާގުން ބުނީ މި ފޯރުކޮށްދީފައިވާ ހިލޭ އިތުރު ޑޭޓާގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބި، ގޭގައި ރައްކާތެރިކަމާއެކު ތިބުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ދިރާގުން މަސައްކަތް ކުރަނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދީ އެންމެ ފުރިހަމަ އަދި އިތުބާރު ހިފޭ ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.