ކ. މާލެ
|
23 ޖޫން 2021 | ބުދަ 15:53
ފްރާންސް މެޗުގެ ކުރިން ޕޯޗުގަލުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
ފްރާންސް މެޗުގެ ކުރިން ޕޯޗުގަލުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ޔޫރޯ 2020 - ޕޯޗުގަލާއި ފްރާންސްގެ ކުރިމަތިލުން
 
މެޗު އެއްވަރުވިޔަސް ޕޯޗުގަލް ދެވަނަ ބުރަށް ދަތުރުކުރާނެ
 
ފްރާންސްއަށް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައި

ޔޫރޯ 2020 ގެ މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް އެފް ގެ އެންމެ ފޯރިގަދަވާނެ އެއް މެޗަކީ އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބައްދަލުކުރާ މެޗެވެ. މި މެޗަށް ނުކުންނައިރު ފްރާންސްއަށް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ.

މި ދެ ޓީމު މީގެ ކުރިން 13 ފަހަރު ބައްދަލުކޮށްފައިވާއިރު، އޭގެ ތެރެއިން ޕޯޗުގަލަށް ކާމިޔާބުކުރެވިފައިވަނީ އެންމެ މެޗެކެވެ. އެއީ 2016 ވަނަ އަހަރުގެ ޔޫރޯ ފައިނަލް މެޗު އެކަންޏެވެ. އަނެއް 11 މެޗުން ޕޯޗުގަލް ބަލިވެފައިވާއިރު، އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މި ފަހަރުގެ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުން ޕޯޗުގަލް ވަނީ ހަންގޭރީ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެކަމަކު ދެވަނަ މެޗުގައި ވަނީ ޖަރުމަން އަތުން 4-2 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި ޔޫރޯގެ ފުރަތަމަ މެޗުން ޖަރުމަން އަތުން 1-0 ގެ ނަތީޖާއަކުން ފްރާންސް މޮޅުވިއިރު، ދެވަނަ މެޗުގައި ވަނީ ހަންގޭރީއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

ބުދަ ދުވަހުގެރޭ ކުޅޭ މެޗަށް ނުކުންނައިރު ޕޯޗުގަލަށް އޮތް ކަންބޮޑުވުމަކީ އެ ޓީމު ޒުވާން ތަރި ޖާއޯ ފީލިކްސްއަށް އަނިޔާގެ ސަބަބުން މި މެޗުގައިވެސް ނުކުޅެވުމެވެ.

ޕޯޗުގަލުގެ ކޯޗު ފެނާންޑޯ ސަންޓޯސްގެ ބަސް:

ފްރާންސް މެޗުގެ ކުރިން ޕޯޗުގަލުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ މި މެޗު އެއްވަރުކޮށްލައިގެންވެސް ދެވަނަ ބުރުގެ ފުރުސަތު ޕޯޗުގަލަށް ނުގެއްލޭނެ ކަމަށާއި، އެކަމަކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން މި މެޗުގައި ޕޯޗުގަލުން އެ ޓީމުގެ އެންމެ ފުރިހަމަ ކުޅުން ދައްކަން މަސައްކަތް ކުރާނެ ކަމަށާއި، އެކަމަކު ފްރާންސްގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭއަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ވަނީ ބުނެފައެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސްގެ ބަސް:

ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނީ މި މެޗަށް ނުކުންނައިރު ފްރާންސަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައިވުމުން އެ ޓީމުގެ ފުރަތަމަ އެގާރައިން ބަދަލުތަކެއް ފެނުން އެކަށީގެންވާ ކަމަށެވެ. އަދި ޕޯޗުގަލުން އެންމެ ފަހުން ޖަރުމަނާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައިވީ ނަމަވެސް، އެ މެޗުގައި އެ ޓީމުން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، ހާއްސަކޮށް ޕޯޗުގަލުގެ ފޯވާޑުންނަކީ ކޮންމެ ދަނޑިވަޅެއްގައިވެސް މެޗުގެ ނަތީޖާ އަނބުރާލެވޭ ފެންވަރުގެ ކުޅުންތެރިންތަކެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މި މެޗު ބަލާނީ ކިހިނެއް:

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާ ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސެއިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް އެފް ގެ އެނަލިސްޓް މައުރޫފް އަޙްމަދު (މާއްޓޭ) އެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްގެ ގޮތުން އަޙްމަދު އަހުސަން (ބަރޯ) ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޕޯޗުގަލާއި ފްރާންސް ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް