ކ. މާލެ
|
22 ޖޫން 2021 | އަންގާރަ 21:02
ދެކުނު އެފްރިކާގައި ސިއްހީ މަސައްކަތްތެރިއަކަށް ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖަހަނީ
ދެކުނު އެފްރިކާގައި ސިއްހީ މަސައްކަތްތެރިއަކަށް ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖަހަނީ
ރޮއިޓަރސް
އެފްރިކާ ސަރަހައްދަށް ވެކްސިން ފޯރުކޮށްދިނުން
އެފްރިކާ ސަރަހައްދަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތަށް ވޯރލްޑް ބޭންކާއި އެފްރިކަން ޔޫނިއަން
މި ޕްރޮގްރާމްގެ ދަށުން 400 މިލިއަން މީހުންނަށް ވެކްސިން ޖެހުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ
ވޯރލްޑް ބޭންކުން 12 ބިލިއަން ޑޮލަރު ދޭނެ

2022ވަނަ އަހަރު އަންނަންވާއިރަށް، އެފްރިކާ ސަރަހައްދުގެ 400 މިލިއަން މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ވޯރލްޑް ބޭންކާއި އެފްރިކަން ޔޫނިއަން ގުޅިގެން ފަށައިފިއެވެ.

އެ ދެފަރާތުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ފަރާތުން އެއްބަސްވެފައިވަނީ ވެކްސިން ގަތުމާއި، އެކި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި، އެފްރިކަން ވެކްސިން އެކިޔުޒިޝަން ޓާސްކް ޓީމަށް ދޭންޖެހޭ އެހީތެރިކަން ދިނުމަށްކަމަށެވެ. އަދި ޑަބްލިޔުއެޗްއޯއިން އިސްނަގައިގެން މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމަށް ފަށާފައިވާ ޕްރޮގްރާމް ކޮވެކްސިންގެ ތެރެއިންވެސް މި އެހީ ދޭނެއެވެ.

ޑަބްލިޔުއެޗްއޯއިން ހޯމަ ދުވަހު ބުނެފައިވަނީ ކޮވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ލިބެންޖެހޭ ފަގީރު ގައުމުތަކުގެ ތެރެއިން ދެ ބައިކުޅަ އެއްބަޔަށްވުރެ ގިނަ ގައުމަށް މެދުކެނޑުމެއްނެތި ވެކްސިން ފޯރުކޮށްދެވޭނެ މިންވަރަކަށް ވެކްސިނެއް ނެތެވެ.

ވޯރލްޑް ބޭންކުން އިސްނަގައިގެން މަސައްކަތް މިފެށީ އިންޑިޔާއިން ވެކްސިން އުފެއްދުމުގައި ލަސްތަކެއް ދިމާވެ އެފްރިކާގެ ގައުމުތަކަށް ކޮވިޑްގެ ތިން ވަނަ ރާޅެއް ކުރިމަތިވުމާ ގުޅިގެންނެވެ.

ވޯރލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕޭސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެފްރިކާ ގައުމުތަކަށް ބޭނުންވާ ވެކްސިން ފޯރުކޮށްދިނުމުގައި އެފްރިކަން ޔޫނިއަން އާއެކު ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދިޔުމުން އެކަމާ އުފާކުރައްވާކަމަށެވެ.

ވޯރލްޑް ބޭންކާއި އެފްރިކަން ޔޫނިއަން ގުޅިގެން ކުރިޔަށްގެންދާ މި ޕްރޮގްރާމްގެ ދަށުން 400 މިލިއަން މީހުންނަށް ވެކްސިން ޖެހުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެއެވެ.

މިކަމަށް ފަންޑުކުރާ ވޯރލްޑް ބޭންކުން 12 ބިލިއަން ޑޮލަރު ދޭނެއެވެ. އެއީ ވެކްސިން ގަތުމަށާއި ބެހުމަށެވެ. ވޯރލްޑް ބޭންކުން ބުނެފައިވަނީ ވެކްސިން ދިނުމުގެ ކަންތައްތަކުގައި އެބޭންކުން ޖޫން މަސް ނިމެންވާއިރަށް 50 ގައުމަށް އެހީތެރިކަންދޭނެކަމަށެވެ. އޭގެތެރެއިން ތިންބައިކުޅަ ދެ ބައި ގައުމަކީ އެފްރިކާގެ ގައުމުތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް