ކ. މާލެ
|
22 ޖޫން 2021 | އަންގާރަ 18:07
އޭވީސީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ވީއޭއެމުގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ)
އޭވީސީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ވީއޭއެމުގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ)
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ވޮލީގެ ތަރައްގީ ޕްލޭން
ވޮލީގެ ތަރައްގީ ޕްލޭނަށް އޭވީސީގެ އެހީތެރިކަން ހޯދަނީ
 
އޭވީސީގެ ރައީސާއެކު ރަނޭޝް ވަނީ އޮންލައިންކޮށް މަޝްވަރާކޮށްފައި
 
ތިން ޒޯނަކަށް ބަހާލާއިގެން އަތޮޅުތެރެއަށް ވޮލީބޯޅަ ފުޅާކުރަން ވަނީ ނިންމާފައި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އައު އެކްސްކޯއިން އެކުލަވާލާފައިވާ ތަރައްގީގެ ޕްލޭނަށް އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފިއެވެ.

މައްސަލަ ގަނޑެއްގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ވީއޭއެމުގެ މައްސަލަ ހައްލުވެ، އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް މުޙައްމަދު ރަނޭޝް (ރަނޭ) އިންތިޚާބުކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުއެވެ. އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ރަނޭ ވިދާޅުވީ ވީއޭއެމާ ހަވާލުވީ ވޮލީބޯޅަ އިތުރަށް ހަރުދަނާކުރުމަށް ތިން ކަމެއް ކުރުމަށް އަމާޒުހިފައިގެން ކަމަށެވެ. އެގޮތުން އެ ތިން ކަމަކީ ވީއޭއެމުގެ ހިންގުމުގައި ހުރި މައްސަލަތައް ހައްލުކުރުމާއި، ގައުމީ ވޮލީބޯޅަ ޓީމުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން އަތޮޅުތެރެއަށް ވޮލީބޯޅަ ފުޅާކުރުން ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތެރެއަށް ވޮލީބޯޅަ ފުޅާކުރާނީ ތިން ޒޯނަކަށް ބަހާލާއިގެން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ވީއޭއެމުން ރާއްޖޭގައި ވޮލީބޯޅަ ތަރައްގީކުރަން އަމާޒުހިފާފައިވާއިރު، އެ އެސޯސިއޭޝަނުގެ ތަރައްގީ ޕެލޭނަށް އޭވީސީގެ އެހީތެރިކަން ހޯދަން މަޝްވަރާކޮށްފައިވަނީ ހޯމަ ދުވަހު އޭވީސީގެ ރައީސް ރީތާ ސުބޯވޯއާއެކު ބޭއްވި ބައްދަލުވުމުގައެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި ވީއޭއެމްގެ ފަރާތުން އެ އެސޯސިއޭޝަނުގެ ރައީސް ރަނޭ އާއި އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އައިޝަތު ސޫޒަން ހަނީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ވަނީ ވީއޭއެމުގެ ތަރައްގީގެ ޕްލޭން އޭވީސީއާ ހިއްސާ ކުރުމުގެ އިތުރުން، އެ ޕްލޭނަށް އޭވީސީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގައި ބައިނަލްއަގުވާމީ ބީޗް ވޮލީބޯޅަ މުބާރާތްތައް ބޭއްވުމުގެ އިތުރުން، ވޮލީބޯޅައިގެ ތެރެއިން އަންހެނުން ބާރުވެރިކުރުވާނެ ގޮތްތަކާ ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ތިން ޒޯނަކަށް ބަހާލައިގެން އަތޮޅުތެރެއަށް ވޮލީބޯޅަ ފުޅާކުރަން ވީއޭއެމުން މަސައްކަތް ކުރަމުން އަންނައިރު، އެ ތިން ޒޯނަކީ އުތުރާއި، މެދުތެރެ އަދި ދެކުނަށެވެ. އެއިން ކޮންމެ ޒޯނެއް އިތުރު ސަބް ދެ ޒޯނަށް ބަހާލުމަށްފަހު، ގިނަ މަޝްރޫއުތަކެއް ހިންގުމަށް ވީއޭއެމުގެ އައު ލީޑަޝިޕުން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް