ކ. މާލެ
|
21 ޖޫން 2021 | ހޯމަ 19:00
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ނަފުރަތުގެ ބިލު
ނަފުރަތުގެ ބިލުގައި ރަނގަޅު ކަންކަން ހުރިކަމަށް ދީނީ އިލްމުވެރިން އިއްތިފާގުވޭ
 
ބިލުގައިވާ ދެ ނަންބަރަކަށް ކުޑަ އިސްލާހެއް ގެންނަން ފެންނަކަމަށް އިލްމުވެރިން ވިދާޅުވެފައިވޭ

މި ދުވަސްވަރު އާންމުން އެންމެ ގިނައިން ދައްކާ އެއް ވާހަކައަކީ ނަފްރަތުގެ ބިލުގެ ވާހަކައެވެ. މި ބިލާމެދު އާންމުން އެކި ގޮތްގޮތަށް ދަނީ ވާހަކަ ދައްކަމުންނެވެ. އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލް އިތުރަށް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.

މި ބިލުގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ހިމަނާފައިވާއިރު އިސްލާމްދީނާއި ޚިލާފަށް އުޅޭ މީހުންނާއި ދިމާލަށްވެސް ބަސް ބުނެވެން ޖެހޭނެ ކަމަށް ބައެއް އާންމުންނާއި އިލްމުވެރިން ދަނީ ބުނަމުންނެވެ. މިފަދަ ދަނޑިވަޅެއްގައި އައްޑޫސިޓީގެ ހިތަދޫގެ ޖަމިއްޔާއެއް ކަމަށްވާ ޖަމްއިއްޔަތުލް އުލަމާއިން ވަނީ މި ބިލަކީ މިވަގުތު ދިވެހި އުއްމަތަށް ވަރަށް މުހިންމު ބިލެއް ކަމަށް ބުނެފައެވެ. އަދި މައިގަނޑު ގޮތެއްގައި މި ބިލަކީ ރަނގަޅު ބިލެއް ކަމަށާއި ބިލުގައިވާ ދެ ނަންބަރަކަށް ކުޑަ އިސްލާހެއް ގެންނަން ޖެހޭ ކަމަށް ފެންނަ ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ. އަދި ޖުޑިޝަރީ ކޮމެޓީއާ އެކަން ހިއްސާ ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މި ބިލް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރ ހިސާން ހުސައިނެވެ. ހިސާން ހުށަހެޅުއްވި އިސްލާހުގައި ވަނީ އާންމު ތަނެއްގައި މީހަކު އިސްލާމްދީނާ ޚިލާފު ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމާއި، މީހަކާމެދު ނަފްރަތު އުފެއްދުމާއި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުން އެއީ ކުށެއް ކަމަށެވެ. މިއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އެދަރަޖައިގެ ކުށަކަށް ދެވޭ އެއްމެ ބޮޑު އަދަބެއް ކަމަށް ގާނޫނުލްއުގޫބާތުގައި ބަޔާން ކޮށްފައިވަނީ 1 އަހަރުގެ ޖަލު ހުކުމެކެވެ.

މިފަދަ އަމަލެއް ހިންގުމާއެކު، އަނިޔާވެރިކަމަށް ގޮވާލައި އެކަމަށް ހިތްވަރު ދިނުމާއި، ބައިވެރިވުމަކީ ވެސް ކުށެއް ކަމަށާއި، މީހެއްގެ ސިޔާސީ ފިކުރަކަށް ބަލައި ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި، ރޭވުމަކީ ވެސް ކުށެއް ކަމަށް އިސްލާހުގައި ވެއެވެ. މިފަދަ އަމަލުތަކަކީ ޖިނާއަތުގެ 4 އަދި 5 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވެއެވެ. މިފަދަ މައްސަލައެއް އެމީހެއްގެ މައްޗަށް ސާބިތު ވެއްޖެނަމަ 2 އަހަރާ 4 އަހަރާ ދެމެދުގެ ހުކުމެއް އަންނާނެއެވެ.

މީހެއްގެ ނަސްލާއި، އުފަންވީ ގައުމާއި، ކުލައަށް ބަލައިގެން ޖިސްމާނީ އަނިޔާއެއް ދިނުމާއި އެފަދަ ކަމެއް ރޭވުމާއި، އެމީހަކަށް ތަފާތުކުރުން ނުވަތަ އެމީހަކާ މެދު ތަފާތުކުރުމަށް ގޮވާލުމަކީ ވެސް ކުށެކެވެ. މިފަދަ އަމަލެއް ހިންގުމުގައި މީހަކު މަރުވެއްޖެނަމަ އެ ކުށަކީ، ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ވެއެވެ. އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެއެވެ.

މިފަދަ އަމަލެއް ހިންގީ ކިޑްނެޕްކޮށްގެން، ނުވަތަ ޖިސްމާނީ އަނިޔާއެއް ދީގެން، ނުވަތަ މަރުގެ އިންޒާރު ދީގެން ކަމުގައިވާނަމަ އެއީ 2 ވަނަ ދަރަޖައިގެ ކުށެކެވެ. އެފަދަ މައްސަލައެއް ސާބިތު ވެއްޖެ ނަމަ 15 އަހަރަށް ޖަލަށް ލެވޭނެއެވެ. އެނޫން ހާލަތްތަކުގައި މިބާވަތުގެ ކުށަކީ ޖިނާއަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައިވެއެވެ.

ބިލަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު ބިލާ ގުޅިގެން ހިސާން ވިދާޅުވީ މިއީ އިސްލާމް ދީނަށް ފުރައްސާރަކުރަން ހިތްވަރުދޭ ބިލެއްގެ ގޮތުގައި ބަޔަކު ސިފަކުރަމުންދަނީ ގަސްތުގައި ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ. މީގެ އިތުރުން އިސްލާމް ދީނަށް ހަޖޫޖަހައި ފުރައްސާރަ ކުރުމަކީ ގާނޫނުލްއުގޫބާތުގައި 2015ވަނަ އަހަރުން ފެށިގެން ޖިނާއީ ކުށެއް ކަމަށް ކަނޑައެޅިފައިވާ ކަމެއް ކަމަށެވެ.

މި ބިލާ މެދު އާންމުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އަދި ބިލަކީ ވަކި ބަޔަކަށް އަމާޒުކޮށް ހުށަހެޅި ބިލެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބިލަކީ ވަކި ބަޔަކަށް އަމާޒުކޮށްފައި އޮތް ބިލެއް ނޫން ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ދާދިފަހުން ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، ސަރުކާރުން ބިލް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކަށްވީ މީހުންގެ ތެރޭގައި ނަފުރަތު އުފެދި މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންވާ ހިސާބަށް ދިޔަ ނުދޭން އޮތް ހުރިހާ ކަމެއް ކުރުން ކަމަށެވެ. އަދި މިއީ އެއްވެސް ފަރާތަކުން ފާޅުކުރާ ޚިޔާލަށް ހުރަސް އެޅުމެއް ނޫން ކަމުގައެވެ.

އިސްލާމްދީނަކީ މުޖްތަމައުގެ މެދުގައި ނަފްރަތު އުފެދޭ އެންމެހާ ކަންތައްތައް ނައްތާލުމަށް ބާރުއަޅާ ދީނެކެވެ. މީހުންނާއި ދިމާލަށް ނުވަތަ ވަކި ބަޔަކަށް ނިސްބަތްކޮށް ބަދުބަސް ބުނުމާއި ހަޑިހުތުރު އެއްޗެހި ގޮވުމާއި ހުތުރުވަނަމުން އަނެއްކުންނާ މުޚާތަބު ކުރުމާއި ނޭދެވޭ ނަންނަމުން މީސްމީހުންނަށް ގޮވުމާއި އެފަދަ އަމަލުތައް ހިންގުމަކީ މާތްވެގެންވާ އިސްލާމްދީން ކަނޑައެޅިގެން މަނާކުރާ ކަންކަމެވެ.

ކީރިތި ގުރުއާނުގެ ޙުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. އޭ އީމާންވި މިސްތަކުންނޭވެ! މުސްލިމުންގެ ތެރެއިން ފިރިހެނުން އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާ ހުށިކަމެވެ! ފަހަރެއްގައި އެ ފުރައްސާރަ ކުރާ މީހުންނަށްވުރެ ފުރައްސާރަ ކުރެވޭ މީހުން މާ ހެޔޮކަން ބޮޑުބައެއް ކަމުގައިވެދާނެއެވެ. އަދި މުސްލިމުންގެ ތެރެއިން އަންހެނުން، އެއްބަޔަކު އަނެއްބަޔަަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! ފަހަރެއްގައި އެ ފުރައްސާރަ ކުރާ އަންހެނުންނަށްވުރެ ފުރައްސާރަ ކުރެވޭ އަންހެނުން މާހެޔޮކަން ބޮޑުބައެއް ކަމުގައިވެދާނެއެވެ. އަދި ދަންނާށެވެ! ތިޔަބައިމީހުން އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ! އަދި އެކަކު އަނެކަކަށް ހުތުރު ވަނަމާއި ލަގަބުދީ އެއިން އަނެކާއަށް ނުގޮވާށެވެ! ދަންނާށެވެ! ތިމާ އިސްލާމަކަށްވެ ހުރެ އަނެކާއަށް ހުތުރު ނަމުން ގޮވުމަކީ ނުބައިވެގެންވާ ފާފައެކެވެ. އަދި މިކަންތައްތަކުން އެއްކިބާވެ، ތިމާމެންނަށް ކުރެވުނު އަމަލާމެދު ތައުބާ ނުވެއްޖެ މީހުން ދަންނާށެވެ! ހަމަ ޔަގީނުން ވެސް އެބައިމީހުންނީ ފާފަ ކުރުމުގައި ތިމާމެންގެ މައްޗަށް އަނިޔާވެރިވެގަތް މީހުންނެވެ!

ކޮމެންޓް
23 ޖޫން 2021 | ބުދަ 08:15
ލާދީނީ
ހޫނ! ތި އައްޑޫގަ ގިނައީވެސް ހަމަ ލާދީނީ ގޫބައްޑާ ބައިގަނޑެއްނު! މާ ބޮޑަށް ގޭން ވެގެން ހިތުން އެންމެ ތަހުޒީބު މީހުން އުޅޭ ތަނޯ! ތަހުޒީބުނަމަ ދީނީ ކަންކަންވެސް ދަންނާނެ! ލެއްވިހާ ހުރިހާ ނުބައިކަމަކާއި ސިހުރުހެދުމާއި، މާބޮޑަށް ޔޫރޮޕް ވެގެންގޮސް ހެވާއި ނުބައި ވަކިނުވާ ގޫބައްޑާތައް ގިނައީ، އަދި އެހާ ރީނދޫބައިގަނޑަށްގޮސް ހުސްވެފަ!
22 ޖޫން 2021 | އަންގާރަ 13:08
މަބުރޯ
ވެލެޒިނީ ކަހަލަ އިލްމުވެރިންގެ ވާހަކަ ދޯ؟ އެއީދޯ އެމްޑީޕީ އިލްމުވެރިން.🤷‍♂️
22 ޖޫން 2021 | އަންގާރަ 01:36
ސަތަރިދޯނި
ނާ ހަމަ ތެދެއް! އިއްތިފާގު ވުމޭ ބުނާ ބަހުގެ މާނަ އެނގޭތަ؟ ސަތަރިއެއް އެޅިޔަސް ކަމަކުނުދެއޯ ރީނދޫ ގުންޑާއިން ބުނަނީ.
22 ޖޫން 2021 | އަންގާރަ 01:27
ކިނބޫ
އެމްޑީއެންގެ އިލްމުވެރިން ދޯ! މުޅި ދުނިޔެއިން 2500 ސޮއި ލިބިއްޖެ ދޯ! ހަހަހަކެކެކެ މަނަމަވެސް ކަޑަވާނެ!
21 ޖޫން 2021 | ހޯމަ 21:46
އަލީ
ސުރުޚީ އަށް ހަމައެކަނި ބާރުދޭ ތަންކޮޅަކީ އައްޑޫގެ ޖަމިއްޔާ އަކުން ބުނެފަ އޮތް ބުނުމެއް. މިބިލުގެ ގޯސް ކަންކަން ފާހަގަކޮށް އެތައް ޢިލްމުވެރިންނެއް ފާހަގަ ކުރަމުންދާކަންކަން ނުގެނަސް، ބިލުގައި ރަނގަޅުކަންކަން ހުއްޓޭ ކިޔައި، މިލިޔުން މިގޮތަށް ގެނައުމަކީ، ގިނަ ޢިލްމުވެރިން ދެކޭގޮތުގެ ހާމަކަން ކުޑަކުރުމަށް، މަދުބައެއްގެ ބަސް ނަގައިގެން، ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކޮށްފައިވާ ނޫސްވެރިކަމެއް. މިފަދަ މަގުބޫލު ނޫހަކުން ކުރުން އެދެވޭ ކަމެއް ނޫން!
21 ޖޫން 2021 | ހޯމަ 19:14
ޢިބްރާހީމް
އިއްތިފާގުވީ ކޮން ، ނުވަތަ ކިތައް ޢިލްމުވެރިން ތޯ؟