ކ. މާލެ
|
21 ޖޫން 2021 | ހޯމަ 12:38
ހިޔާ ފްލެޓް މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތައް
ހިޔާ ފްލެޓް މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތައް
ރާއްޖެއެމްވީ
ހިޔާ ފްލެޓްތަކުގެ ގުރުނެގުން
ކޮވިޑްގެ ހާލަތާ ގުޅިގެން މެދުކަނޑާލި ހިޔާ ފްލެޓްތަކުގެ ގުރުނެގުން އަލުން ފަށަނީ
ގުރުނެގުން ފަށާނީ ޖޫން 21 ވާ ހޯމަ ދުވަހުގެ މެންދުރު 1ން ފެށިގެން
ކޯޕަރޭޝަނަށް ލިބިފައިވާ 7 ކެޓަގަރީއެއްގެ ލިސްޓުތަކަށް ގުރުނެގުން ކުރިޔަށް ގެންދާނެ
ގުރުނެގުން އެޗްޑީސީން މެދުކަނޑާލާފައިވަނީ މެއި މަހުގެ 9 ވަނަ ދުވަހު

ކޮވިޑް-19ގެ ހާލަތާ ގުޅިގެން މެދުކަނޑާލާފައިވާ ގުރުނެގުން އަލުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ ގުރުނެގުން ފަށާނީ ޖޫން 21 ވާ ހޯމަ ދުވަހުގެ މެންދުރު 1ން ފެށިގެންކަމަށެވެ. އަދި ގުރުނެގުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މިވަގުތު ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ފެތޭނެހެން މިކަމުގައި އަމަލީގޮތުން ވީހާވެސް މަދު ބައެއްގެ ބައިވެރިވުން ހިމެނޭގޮތަށް ކަމަށެވެ. އަދި ކޯޕަރޭޝަނަށް ލިބިފައިވާ 7 ކެޓަގަރީއެއްގެ ލިސްޓުތަކަށް ގުރުނެގުން ކުރިޔަށްގެންދިޔުމަށް ވަނީ ހަމަޖެހިފައިކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. ގުރުނެގުން ހަމަޖެހިފައިވާ ލިސްޓުތަކަކީ:

  1. H10 - ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ
  2. ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ
  3. H6- އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ
  4. H7- އަށާރަ އަހަރާއި ސާޅީސް އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ
  5. H8- މާލޭ ރައްޔިތުންނަށް ޚާއްސަ
  6. H9- މާލެ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ
  7. މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޚާއްސަ

އެޗްޑީސީން ބުނީ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޚާއްސަކޮށް އެކޯޕަރޭޝަނަށް ލިބިފައިވާ ލިސްޓުގެ އިތުރުން ދެން ހުރި ލިސްޓުތަކަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ އިން ވެރިފައިކުރުމަށްފަހު އިތުރަށް ފޮނުވާފައިވާ ލިސްޓުކަމަށެވެ. އަދި މި ލިސްޓުތަކުގެ ގުރުނެގުން ކުރިޔަށްގެންދެވޭނީ ކުރިއެކޭ އެއްގޮތަށް މި ހުރިހާ ފަރާތްތަކުގެ އައިޑީ ނަންބަރު ތަރުތީބުން ކަމަށް ވެސް އެކޯޕަރޭޝަނުން ބުނެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ގުރުނެގުން އެޗްޑީސީން މެދުކަނޑާލާފައިވަނީ މެއި މަހުގެ 9 ވަނަ ދުވަހުއެވެ. އެއީ ކޮވިޑް-19ގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވުމުގެ ސަބަބުންނެވެ.

ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ 6720 ފްލެޓް ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން ފަށާފައިވަނީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ.

ގުރުއަތު ނަގަމުންދާ ތަން ޔެސް ޓީވީ މެދުވެރިކޮށް ލައިވްކޮށް ގެނެސްދޭއިރު އެ މީހަކަށް ފްލެޓް ލިބޭ ފްލޯ އާއި ޓަވަރު އެނގޭ ގޮތަށް ޓީވީ ސްކްރީނުން ދައްކައެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް ފްލެޓްގެ ވެރިފަރާތަށް އެ މައުލޫމާތު ދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ފްލެޓް ލިބުނު މީހުންގެ އެގްރިމެންޓްތަކުގައި ޖުލައި މަހުގެ 14 ވަނަ ދުވަހު ސޮއިކުރަން ފަށާނެކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.

ހުޅުމާލޭ ދެވަނަ ފޭސްގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ފްލެޓުގެ މެނޭޖްމަންޓު ފީއާއެކު ހިޔާ ފްލެޓްތަކަށް ދައްކަން ޖެހެނީ މަހަކު 8،500 ރުފިޔާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެޗްޑީސީން ބުނީ ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހައިލައިގެން ކަމަށެވެ.

- ކޮމެންޓް