ޔޫރޯ 2020 ގެ ގްރޫޕް ސީ ގައި ނޯތު މެސެޑޯނިއާ އާއި ނެދަލެންޑްސް ހޯމަ ދުވަހު ބައްދަލުކުރާއިރު، ނެދަލެންޑްސްއިން ވަނީ މި މުބާރާތުގައި ކުޅުނު ދެ މެޗު ކާމިޔާބުކޮށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ޔޫކްރޭން އަތުން 3-2 ގެ ނަތީޖާއަކުން ނެދަލެންޑްސް މޮޅުވިއިރު، ދެވަނަ މެޗުގައި އޮސްޓްރިއާ އަތުން 2-0 ގެ ނަތީޖާއަކުން ނެދަލެންޑްސް ވަނީ މޮޅުވެފައެވެ.
މި ފަހަރުގެ ޔޫރޯގައި މުޅިން އަލަށް ނޯތު މެސެޑޯނިއާ ވާދަކުރާއިރު، ކުޅުނު ދެ މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި އޮސްޓްރިއާ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުން ބަލިވީ ޔޫކްރޭން އަތުން 2-1 ގެ ނަތީޖާއަކުންނެވެ.
ނޯތު މެސެޑޯނިއާ އާއި ނެދަލެންޑްސް ބައްދަލުކުރާ މެޗު އެމްސްޓެޑަމްގެ ޔޯހާން ކްރައިފް އެރީނާގައި ކުޅޭއިރު، މި މެޗުން މޮޅުވެ ސައްތައިން ސައްތަ ރިކޯޑަކާއެކު ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ނެދަލެންޑްސްއަށް އެބައޮތެވެ.
ނެދަލެންޑްސްގެ ކޯޗު ފްރޭންކް ޑި ބޮއާގެ ބަސް:
ނޯތު މެސެޑޯނިއާ މެޗުގެ ކުރިން ނެދަލެންޑްސްގެ ކޯޗު ފްރޭންކް ޑި ބޮއާ ބުނީ މި މެޗަކީވެސް ނެދަލެންޑްސްއަށް މުހިންމު މެޗެއް ކަމަށާއި، އެގޮތުން ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދަން ބޭނުންވާ ކަމަށެވެ. އަދި މި މެޗުގައި ނެދަލެންޑްސްގެ ޓީމުން ބަދަލުތަކެއް ފެނިގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ނޯތު މެސެޑޯނިއާގެ ކޯޗު އީގޯ އަންގްލޮވްސްކީގެ ބަސް:
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނޯތު މެސެޑޯނިއާގެ ކޯޗު އީގޯ އަންގްލޮވްސްކީ ބުނީ ތާރީޚުގައި މުޅިން އަލަށް ނޯތު މެސެޑޯނިއާ ގޮވައިގެން ޔޫރޯއަށް ނުކުތުން އެއީ ލިބުނު ބޮޑު ފަޚުރެއް ކަމަށާއި، ނޯތު މެސެޑޯނިއާއިން މުބާރާތް ނިންމާލަން ބޭނުންވަނީ އެންމެ މަދުވެގެން ޕޮއިންޓަކާއެކުގައި ކަމަށެވެ.
ޔޫރޯގެ ގްރޫޕް ސީ ގައި ނޯތު މެސެޑޯނިއާ އާއި ނެދަލެންޑްސް ބައްދަލުކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.