ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ތަހުގީގު ކުރަމުންދަނީ ހދ. ޑިޓޮކްސް ސެންޓަރުގައި ހުއްޓާ މަރުވި ޒުވާނާގެ މައްސަލަ ކަމަށާއި، މެތަޑޯން ފަރުވާ ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނުނު ލިއުޝާ ޝާކިރުގެ މައްސަލަ ނޫން ކަމަށް އެކޮމިޝަނުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް ކޮމިޝަނަރ މުއުމިނާ ވަހީދު ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނު ލިއުޝާގެ މައްސަލަ ކޮމިޝަނުން އިސްނަގައިގެން ބަލަމުންދާ ކަމަށް ދެންނެވުނީ މައުލޫމާތުގެ ކުށަކުން ކަމަށެވެ. މުއުމިނާ ވިދާޅުވީ ކޮމިޝަނުން އިސްނަގައިގެން ބަލަމުންދަނީ ހދ. ހަނިމާދޫ ޑިޓޮކްސް ސެންޓަރުގައި ފަރުވާ ހޯދަމުން އައި އިބްރާހިމް ފައްވާޒު މަރުވި މައްސަލަ ކަމަށެވެ. މި މައްސަލައާ ގުޅިގެން އެސެންޓަރަށް ކޮމިޝަންގެ މެމްބަރުން ގޮސް ބަލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މައުމިނާ ވިދާޅުވީ މި މައްސަލައިގެ ރިޕޯޓު ވަރަށް އަވަހަށް އާންމު ކުރެވިގެންދާނެ ކަމަށާއި، މިހާރު ކުރިއަށްދަނީ ތަހުގީގު ބަޔާން ނަގަންޖެހޭ ފަރާތްތަކުން ބަޔާން ނެގުމާއި އޭގައި ހަދަން ޖެހޭ ފޮރެންސިކް އެނަލިސިސް ހެދުމުގެ މަސައްކަތްތައް ކަމަށެވެ. އަދި ވިދާޅުވީ މިވަގުތު ބަލަމުންދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލު ހާމަ ކުރެވެން ނެތް ކަމަށެވެ.
ނޭޝަނަލް ޑްރަގް އެޖެންސީން (އެންޑީއޭ)އަށް އިޝާރާތް ކުރައްވާ މުއުމިނާ ވިދާޅުވީ މި މައްސަލަ މީޑިއާގައި ފެންމަތިވުމާ ގުޅިގެން އެންޑީއޭއަށް ޒިޔާރަތްކޮށް، އެތަނުގެ ކަންކަން ވަރަށް ގާތުން ބަލާފައިވާ ކަމަށެވެ. އެގޮތުން އެންޑީއޭގެ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން އާއްމު ކުރާ ރިޕޯޓުގައި ތަފްސީލުތައް ހާމަކުރަނެ ކަމަށް މުއުމިނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެންޑީއޭއަށް ވެސް ވަކިން ރިޕޯޓު ފޮނުވާނެ ކަމަށެވެ.
ކަރަންޓީންގައި ހުރި ފައްވާޒު މަރުވެފައި އޮއްވާ ފެނުނީ 27 ފެބްރުއަރީ 2021 ގައެވެ. އޭނާ މަރުވިއިރު އޭނާ ދިޔައީ ޑިޓޮކްސްސިފިކޭޝަން ފަރުވާ ނަގަމުންނެވެ. އެއީ މަސްތުވާތަކެތީގެ ވިހަ ހަށިގަނޑުން ދުއްވާލުމަށް ނަގާ ފަރުވާއެކެވެ.